ޑިޖިޓަލް ތާރީޚުގައި ހިންގި އެންމެ ބޮޑު ކްރިޕްޓޯ ވައްކަން: ބައިނޭންސް ހެކުކޮށް 6.3 ބިލިއަން ޑޮލަރު ފޭރިގެންފި

ޑިޖިޓަލް ފައިސާގެ ތާރީޚުގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ވައްކަން ކަމަށްވާ ބައިނޭންސް ހެކުކޮށް 6.3 ބިލިއަން ޑޮލަރު ފޭރިގަތް މައްސަލައެއް ވަނީ ފެންމަތިވެފައި --

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރެންސީ އެކްސްޗޭންޖު، ބައިނޭންސް ހެކްކޮށް، އެ ކުންފުނީގެ ވޮލެޓުތަކުން 6.3 ބިލިއަން އެމެރިކާ ޑޮލަރު ވަގަށް ނަގައިފިއެވެ.

މިއީ ޑިޖިޓަލް ފައިސާގެ ތާރީޚުގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ.

މި ސައިބާ ހަމަލާއާ ގުޅިގެން ބައިނޭންސްއިން ވަނީ އެކްސްޗޭންޖުން ފައިސާއާއި ކްރިޕްޓޯ ނެގުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި ހެކްކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބުނު ގެއްލުންތައް ކުންފުނީގެ ފަންޑުން ފުއްދައިދީ، އާންމުންގެ ފައިސާ ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން ބައިނޭންސްއިން ވަނީ ދީފައެވެ.

ބައިނޭންސްއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ، ވަގަށް ނެގި ފަންޑުތަކުގެ ތެރެއިން ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ޑިޖިޓަލް އެސެޓްސް މިހާރު ވަނީ ބްލޮކްޗެއިން ނެޓްވޯކްތަކުގެ އެހީގައި ފްރީޒްކޮށް ކޮންޓްރޯލްގެ ދަށަށް ގެނެސްފައި ކަމަށެވެ.

ބްލޮކްޗެއިން އިންޓެލިޖެންސް އޭޖެންސީތަކުން ބުނާ ގޮތުގައި، އެކި ބްލޮކްޗެއިން ނެޓްވޯކްތަކުގައި ހުރި ބައިނޭންސްގެ ވޮލެޓުތަކުން އެހާ ބޮޑު އަދަދެއްގެ ފައިސާ ގެއްލިފައިވަނީ އެންމެ 20 މިނެޓުގެ ތެރޭގައެވެ. އަދި މި ހަމަލާގެ ފަހަތުގައި ވަނީ އުތުރު ކޮރެއާގެ ސަރުކާރުގެ މަދަދާއެކު ހަރަކާތްތެރިވާ "ޓްރޭޑާ ޓްރެއިޓާ" ހެކިން ގްރޫޕް ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

ފައިނޭންޝަލް އަދި ކްރިޕްޓޯ ދާއިރާއަށް ކުރިމަތިވި މި ބޮޑު ސެކިއުރިޓީ ހާދިސާއާ ގުޅިގެން، ބައިނޭންސްއިން ދަނީ ބައިނަލްއަގުވާމީ ތަންފީޒީ އިދާރާތަކާއި ބްލޮކްޗެއިން ސެކިއުރިޓީ ކުންފުނިތަކާ ގުޅިގެން ގެއްލުނު ބާކީ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު