"ނަހާގެ ފެމެލީ...." އެހިސާބަށް ބުނެފައި ޒަރޫން މަޑުޖެހުނެވެ. ނަހާ ފުންނޭވާއެއް ދޫކޮށްލަމުން ޒަރޫންއާ ނަޒަރު ވަކިކޮށްލިއެވެ. އޭނާ ތުންފަތުގައި ދަތް އަޅައިލިއެވެ. ހީވީ އެ ވާހަކަ ދައްކަން ބޭނުންނުވާހެންނެވެ. ނަހާ ހިމޭންވިތަން ފެނިފައި ދެން ބުނާނެ އެއްޗެއް ނޭނގި ޒަރޫންއަށް ވެސް ހުރެވުނީއެވެ. އޭނާ އިތުރު ވާހަކައެއް ބުނަންވެގެން އަނގަ ހުޅުވައިލި ވަގުތު، މަޑުޖެހުނީ ކާރޓެއިންތައް ކުޑަކޮށް ދުރުކޮށްލާފައި މީހަކު ވަނުމުންނެވެ.

ޒަރޫންގެ ނަޒަރު އެ މީހާއަށް ދަތުކުރިއެވެ. އެ މީހާގެ މޫނަށް ނަޒަރު ހުއްޓުމާ އެކު, ޒަރޫންއަށް އެއީ ކާކުކަން ދެނެގަނެވުނެވެ. އެއީ ކަމްރާންއެވެ. މުޅި ރާއްޖެއަށް މަޝްހޫރު "ކަމްރާން އިންޑަސްޓްރީސް" ގެ ވެރިޔާއެވެ. އޭނާ ހުރީ ވަރަށް ރަސްމީކޮށް ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައެވެ. އިސްތަށިގަނޑުގައި ކޮންމެ ވެސް ވަރަކަށް ނުރަޖަހައިފައި ހުއްޓެވެ. އަޅާފައިވާ ޓައީގައި އަތުން ހިފާ ރަނގަޅުކޮށްލިއެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ހުރީ އޭނާގެ ސަޚުސިއްޔަތު ބަޔާންކުރާ ކަހަލަ ހަރުދަނާ ގޮތެކެވެ. އެހެން މީހުން ޖެހިލުންވެ އިޙްތިރާމް އަދާކުރާ ސިފަތަކެއް ލިބިފައި ވެއެވެ. މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. ފިރިހެންވަންތަކަމާއި، އެއްވަރަށް އޭނާގެ ހައިބަވަންތަކަން ހާމަކޮށްދެއެވެ. ޒަރޫން ހީކުރީ އޮޅިގެން އެ އެނދާ ދިމާލަށް އާދެވުނީކަމުގައެވެ. އެހެންނަމަވެސް، އޭނާ އެއްޗެއް ބުނުމުގެ ކުރިން ކަމްރާން އޭނާގެ ނަޒަރު ޒަރޫންއަށް ހުއްޓައިލިއެވެ. ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ. އެހެންނަމަވެސް، ކަމްރާން ޒަރޫންއާ ވާހަކައެއް ނުދައްކައެވެ. އޭނާ އެނބުރުނީ ނަހާއާ ދިމާލަށެވެ.

"ކީއްވެ ބައްޕައަށް ނުގުޅީ؟" ކަމްރާން އެންމެ ފުރަތަމަ ވެސް ކޮށްލީ ސުވާލެކެވެ.

"ބައްޕަ..." ޒަރޫންއަށް ސިހުން ލިބިގެން ގޮސް އޭނާއަށް ތުންފަތް ހަރަކާތްކޮށްލެވުނެވެ. ސިހުން ލިބިފައިވާ ޙާލު އޭނާއަށް ނަހާއަށް ބަލައިލެވުނެވެ. ނަހާއަކީ ކަމްރާންގެ ދަރިފުޅު ހެއްޔެވެ؟ ވީއިރު ނަހާ އެކަނިމާ އެކަނި އުޅެނީ ކީއްވެހެއްޔެވެ؟ ކަމްރާންގެ ވާހަކަ ނަހާ ނުދައްކަނީ ކީއްވެހެއްޔެވެ؟ ޢާއިލާއެއް ނެތް އަންހެން ކުއްޖަކަށް ވެގެން ނަހާ އެ ހުންނަނީ ކީއްވެހެއްޔެވެ؟ ޒަރޫންގެ ހިތުގައި އެ ތަކެއް ސުވާލުތަކެއް އުތުރި އަރައިގަތެވެ. އޭނާއަށް އެއްޗެއް ނުބުނެ ހުރެވުނެވެ. ނަހާ ވެސް އަވަސް ނަޒަރެއް ޒަރޫންއަށް ދިނެވެ. ޒަރޫންއަށް އައި ބަދަލަކީ ކީއްވެގެން އައި ބަދަލެއްކަން އޭނާއަށް ނަގައިގަނެވުނެވެ.

ކަމްރާން ޒަރޫންއަށް ބަލައިލިއެވެ. އެއްޗެއް ނުބުނި ނަމަވެސް، އެ ބެލުމުން އެ ބުނަނީ ކީކޭކަން ޒަރޫންއަށް ފަހުމްވުމާ އެކު އޭނާ ކާރޓެއިންތަކުގެ ބޭރަށް ނުކުމެލިއެވެ. އޭސީޖައްސާފައިވާ ކިއުބިކަލްއަކަށް ވުމާއެކު، ކާރޓެއިންތަކުގެ ކައިރީގައި ހުންނައިރު ވާހަކަ ދައްކަމުން ދިޔައީ ކިތަންމެ މަޑުން ނަމަވެސް، ނަހާއާ ކަމްރާންއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް އޭނާއަށް އަޑު އިވެމުން ދިޔައެވެ.

"ބައްޕަ ނަހާ ގާތު މި އަހަނީ ކީއްވެހޭ ބައްޕަ ކައިރީގަ ނުބުނީ؟" ކަމްރާން ޖީބަށް ޖަހައިލައިފައިވާ އޭނާގެ އަތް ނަގާ ތިރިކޮށްލިއެވެ.

"މީ އެ ވަރު ކަމެއް ނޫން. މާ ބޮޑު އަނިޔާއެއް ނުވޭ." ނަހާ ބުނެލިއެވެ. އޭނާ ކަމްރާންއާ ނަޒަރު ވަކިކޮށްލިއެވެ.

"އަނިޔާނުވި ނަމަ މި ތަނުގައި ނަހާ ނޯންނާނެ. މިވަރު ކަމެއް ވާއިރު ބައްޕައަށް އަންގައިލުމަކީ ވެސް މުހިންމުކަމެއްކަމަށް ނަހާއަށް ނުވިސްނުނުތަ؟" ކަމްރާންއަށް އެހެން ބުނެވުނީ ކުޑަކޮށް ބާރަށެވެ. އޭނާ ހިތްހަމަނުޖެހުނީއެވެ. އެހެންނަމަވެސް އެ ހިތްހަމަނުޖެހުމުގައި ފޮރުވިފައިވާ ވޭނާ ތަކުލީފު އެހެން މީހަކަށް އަންދާޒާކޮށެއް ނުލެވޭނެއެވެ.

"އައި އެމް ފައިން. ޑޯންޓް މޭކް ދިސް އެ ބިގް އިޝޫ." ނަހާ ބުނެލިއެވެ.

"ކޮބާ ނަހާގެ ޑޮކްޓަރަކީ؟ ބައްޕަ ބޭނުން ބައްދަލުކޮށްލަން." ކަމްރާން އެދުނެވެ. "ބައްޕަ މި ހުރީ ކަންބޮޑުވެފައޭ.."

ކަމްރާންއަށް ނަހާގެ އެކްސިޑެންޓުގެ ޚަބަރު ދިނީ ފުލުހުގައި މަސައްކަތްކުރާ އޭނާގެ އެކުވެރިއެކެވެ. ރާއްޖޭގައި ނުފޫޒުގަދަ ވިޔަފާރިވެރިއަކަށް ކަމްރާން ވާތީ ސަރުކާރާއި އަދި ވެސް އެހެނިހެން އިސް ވުޒާރާތަކާއި، މުވައްސަސާތަކުގައި އޭނާ ދަންނަ މީހުން ވަރަށް ގިނައެވެ. އޭނާއާއެކު ކިޔެވި ގިނަ މީހުން ވެސް މިހާރު ތިބީ ކޮންމެ ވެސް މަތީ މަގާމެއްގައެވެ. ނުވަތަ އިސްވެރިއެއްގެ ގޮތުގައެވެ. އެކުވެރިޔާގެ ފަރާތުން، ނަހާގެ އެކްސިޑެންޓުގެ ޚަބަރު ނުލިބުނު ނަމަ ނަހާއަށް ވީގޮތެއް އޭނާއަކަށް ނޭނގުނީހެވެ.

"ޕްލީޒް ބައްޕާ. މި ބުނީނު ބޮޑުކަމަކަށް ނުހަދާށޭ... " ނަހާ ހިތްހަމަނުޖެހުނެވެ. ކަމްރާންގެ ފަރާތުން އޭނާއަށް އެއްވެސް އެހީތެރިކަމެއް ބޭނުމެއް ނޫނޭ ނަހާ ބުނަމުން ދިޔަ ފަދައެވެ. އެހެންނަމަވެސް، ހަޤީޤަތުގައި އޭނާ ހުރީ ދެރަވެފައެވެ. ހިތަށް ތަދުވެފައެވެ. އެ ތަދު އޭނާއަށް ދެއްކެމުން ދިޔައީ ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ ސިފައިގައެވެ.

"ބައްޕަ ނަހާ ވީއައިޕީ ރޫމަކަށް ބަދަލުކުރުމުގެ ކަންތައްތައް ނިންމާނަން." ނަހާ އެއްބަސްނުވާނެކަން އެނގޭ ޙާލު ވެސް ކަމްރާން ބުނެލިއެވެ. ވީ ވެސް އޭނާ ހީކުރި ގޮތަށެވެ. ނަހާ، އެކަމާ ދެކޮޅު ހެދިއެވެ. ދެވަނަ ވިސްނުމަކަށް ދާކަށް އޭނާ ބޭނުމެއް ވެސް ނޫނެވެ.

"މިތަން ރަނގަޅު. ބޭކާރު ޚަރަދު ކުރާނެކަމެއް ނެތް." ނަހާ ބުނެލިއެވެ. ރުންކުރުވެފައެވެ.

"އެކަމަކު، އޭރުން ކިތަންމެ ހާ ވެސް ފަސޭހަވާނެއެއްނު." ނަހާއަށް ބަލައިލަމުން ކަމްރާން ބުނެލިއެވެ.

"މިތަން ރަނގަޅު،" ނަހާ ދުރަށް ނަޒަރު ހުއްޓައިލުމަށް ފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ ދެން ބުނާ ވާހަކައަކަށް އޭނާގެ ނަފްސު ތައްޔާރުކޮށްލިހެންނެވެ. "ބައްޕަ ބިޒީއެއް ނޫންތަ؟ އެނގޭ ބިޒީވާނެކަން. އެހެންވީމަ ބައްޕަ ނަޔަސް މެނޭޖްކުރެވޭނެ. އެންމެ ފުރަތަމަ ބައްޕައަށް މިތަނަށް ވަގުތު ހޯދައިގެން އާދެވުނުކަމަށް ޓަކައި ވެސް ހައިރާންވެއްޖެ!"

ނަހާ ހިފީ ކަމްރާންގެ ބަލި ފައިގައެވެ. އޭނާގެ ދުލުން އެ ލަފުޒުތައް ބޭރުކޮށްލެވުމާ އެކު، ކަމްރާންގެ މޫނުމަތި އެކީގައި މިލައިގެން ދިޔައެވެ. މާޔޫސްކަމެއް އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔަ އިރު، މުށްކަވައިލެވުނު އަތްތިލަ ޖީބަށް ޖަހައިލެވުނެވެ. އަމިއްލަ މީހާގެ އިޙްސާސްތައް ކޮންޓްރޯލްކުރަން މަސައްކަތްކުރާ ފަދައަކުން، ފުންނޭވާއެއް ދޫކޮށްލާ ނަހާއާ ނަޒަރު ވަކިކޮށްލިއެވެ. އެވަގުތު ކަމްރާންގެ ދެލޮލުން ވިދުމެއްގެ އަސަރު ނަހާއަށް ފެނުނެވެ. އެއްޗެއް ނުބުނެ ކަމްރާން ނަހާއާ ނަޒަރު ވަކިކޮށްލައިގެން އިރުކޮޅަކު ހުއްޓެވެ.

"ކަމެއް ބޭނުންވެއްޖެއްޔާ ގުޅައްޗޭ!" އިތުރަށް ކަމްރާން ބުނެލި ހަމައެކަނި އެހެންނެވެ. އޭނާ ނަހާއަށް ބަލައިލުމެއް ވެސް ނެތި ގޮސް ކަރޓެއިންތައް ކަހައިލާފައި ނުކުތެވެ. އޭރު ވެސް ޒަރޫން އެއްތަނުގައި ހުއްޓެވެ. ދެންމެ ދެއްކި ވާހަކަތައް އޭނާއަށް އަޑު އިވިއްޖެކަން އެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން ހެކިދެއެވެ.

ކަމްރާން ގޮސް ކިއުބިކަލް އިން ނުކުތްތަން ބަލަން ހުރުމަށް ފަހު، ޒަރޫން އެތެރެއަށް ވަދެ ނަހާގެ އެނދުކައިރީގައި ހުއްޓުނެވެ. އެވަގުތު، އޭނާގެ ލޮލުގައި އަޅައިގަތީ ނަހާ އޭނާގެ ވައަތުގެ ނުފުށުން ކަރުނަ ފުހެލިތަނެވެ. ޒަރޫން ފެނިގެން އޭނާ ކަމެއް ނުވާކަމަށް ހަދައިފައި، ހިނިތުންވާން އުޅުނު ނަމަވެސް، އެކަމެއް ވެސް ނުކުރެވުނެވެ. އިސާހިތަކު ނަހާއަށް އޭނާގެ މޫނުގައި ރަނގަޅަށް އޮތް އަތް އަޅައިލެވުނީ އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައިގެން ދާން ފެށުމުންނެވެ. ޒަރޫންގެ ކުރިމަތީގައި އޭނާއަށް މި ފަހަރު އަމިއްލަ އިޙްސާސްތައް ކިޔަމަންނުކުރެވުނީއެވެ. ހިތުތެރޭގައި އުތުރި އަރަން ފެށި ޖަޒުބާތުތަކެއްގެ ސަބަބުން ނަފްސަށް ލުޔެއް ދޭން އެ ކަރުނަތައް ވެސް ބޭނުންވެފައިފާ ފަދައެވެ.

ޒަރޫންއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީއެވެ. އޭނާގެ ކުރިމަތީގައި ރޮމުން އެ ދަނީ ހަމަ އެ ހިތްވަރު ގަދަ ނަހާ ހެއްޔެވެ؟ އެހެން މީހުންނަށް އިޙްސާސްތައް ފޮރުވަން ކުޅަދާނަ ނަހާ ހެއްޔެވެ؟ އެހެން މީހުންގެ ކުރިމަތީގައި ރުއިމަކީ ބަލިކަށިކަމެއްކަމަށް ބުނާ ނަހާ ހެއްޔެވެ؟ ޒަރޫންގެ ހިތަށް ވީ ގޮތް ބަޔާންކުރާކަށް ނޭނގުނެވެ. އެ ވަގުތު އޭނާގެ ހިތް އެދުނީ ނަހާ ގެނެސް އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލުމަށެވެ. އެ ނާޒުކު ދަނޑިވަޅު އެފަދަ އެއްޗެއް ހިތަށް އަރަންވީ ކީއްވެކަން ނޭނގުނު ނަމަވެސް، ޒަރޫންއަށް ޔަޤީންވާ އެއްކަމެއް އެބަ އޮތެވެ. އެއީ، ނަހާގެ އެ ރުއިމާއި ކަރުނަތަކުން އޭނާއަށް އަސަރުކުރަމުން ދިޔަކަމެވެ. އޭނާގެ ހިތުގެ ތެޅުމަށް ބަދަލު އަންނަމުން ދިޔަކަމެވެ. އަދި އޭނާގެ މުޅި ޖިސްމަށް ވެސް އެކަމުން އުނދަގޫވަމުން ދިޔަކަމެވެ.

އިރުގަނޑެއް ފާއިތުވެގެން ދިޔަ އިރު ވެސް ނަހާ އެއްޗެއް ނުބުނެ އެ އިންގޮތަށް އިންނަން ފެށުމުން ޒަރޫން ކަންބޮޑުވިއެވެ. ނަހާ އޭނާގެ ޢާއިލާގެ ވާހަކަ ނުދައްކަނީ ބޮޑެތި ސަބަބުތަކެއް ހުރުމުންކަމުގައި އެހިނދު އޭނާގެ ހިތަށް ފަހުމްވެގެން ދިޔައެވެ.

"ނަހާ... ޕްލީޒް ނުރޮއިބަލަ ދެން." ޒަރޫންއަށް އެންމެ ފަހުން ބުނެވުނެވެ. އޭނާ ނަހާ އާ ކައިރިވެލައިފައި ނަހާ މޫނުގައި އަޅައިފައި އޮތް އަތުގައި ހިފަހައްޓައިލުމަށް ފަހު، އެ އަތް ދުރުކޮށްލަން މަސައްކަތްކުރިއެވެ. ނަހާ ވެސް ގަދަހަދާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ އަތް ތިރިކޮށްލަމުން ޒަރޫންއަށް ބަލައިލިއެވެ. އަދި އަނެއްކާ ވެސް އައި ކަރުނަތައް ފުހެލިއެވެ.

"އަހަރެން ނުރޮން." ނަހާ އެހެން ބުނެލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. އޭނާ ގަދަކަމުން ހިނިތުންވެލިއެވެ.

"އިޓްސް އޯކޭ. ޔޫ ޑޯންޓް އޯލްވޭޒް ހޭވް ޓު ބީ ސްޓްރޯންގ." ޒަރޫންގެ ބަސްތައް ނަހާގެ ހިތުގައި ގަނޑުފެން އަޅައިލަދިން ފަދައެވެ. އެ ބަސްތައް އޭނާގެ ހިތުގައި ޖެހިލީ މަޑުމަޑު ވައިރޯޅިއެއް ފަދައިންނެވެ. މީގެ ކުރިން ދުވަހަކު ވެސް މީހެއްގެ ފުށުން ނަހާއަށް އެ ފަދަ ބަސްތަކެއް އަޑު އިވިފައެއް ނުވެއެވެ. ހަޤީޤަތުގައި އެ ފުރުސަތު އޭނާ ދުވަހަކު މީހަކަށް ނުވެސް ދެނީއެވެ. އޭނާގެ ބަލިކަށިކަން މީހަކަށް ދުވަހަކު ފެނިފައެއްނުވެއެވެ. އެއީ އެއްވެސް މީހަކަށް ނޭނގޭ ގޮތަށް އޭނާގެ ހިތުގެ އަޑީގައި ފޮރުވައިފައިވާ އިޙްސާސްތަކެކެވެ. ޒަރޫންއަށް ވެސް މިއަދު އެ އިޙްސާސްތައް އެ ފެނުނީ އިއްތިފާޤަކުންނެވެ. އެހެންނަމަވެސް، ޒަރޫން އޭނާއާ އެކީ ހުރުމުން ނަހާއަށް މިއަދު ލިބުނީ ހިތްހަމަޖެހުމެކެވެ.

"ތެންކިއު..." ނަހާ ބުނެލިއެވެ. ޒަރޫން އެއްފަރާތުގައި ހުރި އޯވަރބެޑް ޓޭބަލް މަތީގައި ހުރި، ފެންފުޅިން ތައްޓަށް ފެން އަޅައިފައި ނަހާއަށް ދިއްކޮށްލިއެވެ. ވައަތުން ނަހާ ފެންތަށީގައި ހިފަން އުޅުނު ވަގުތު އެ އަތުން ފެންތަށި ދޫވާން އުޅުނެވެ. އެވަގުތު ޒަރޫން ހުޝިއާރުކަމާއެކު ފެންތަށީގައި ހިފަހައްޓައިލިއެވެ. އޭނާއަށް ކުޑަކޮށް ނަހާއާ ދިމާލަށް އެ ވަގުތު ގުދުވެލެވުނީ ތަށި ވެއްޓުނަ ނުދޭންވެގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ހިނދުކޮޅަކަށް ބައްދަލުވެގެން ދިޔަ ނަމަވެސް، ޒަރޫން އަވަސް އަވަހަށް ހަށިގަނޑު ސީދާކޮށްލިއެވެ.

ނަހާ ފެންފޮދެއް ބޯލިއެވެ. އެއަށް ފަހު ޒަރޫން އަތަށް ތަށި ދިނެވެ. ޒަރޫން ތަށި ބަހައްޓައިލަމުން އަނެއްކާ ވެސް ނަހާއަށް ބަލައިލިއެވެ. އޭރު ނަހާ ވެސް އިނީ ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ. ނަހާ ހީކުރީ ޒަރޫން އޭނާގެ ބައްޕައާ ބެހޭގޮތުން ސުވާލުކުރާނެކަމަށެވެ. އެހެންނަމަވެސް، ކަންވީ އެހެންނެއް ނޫނެވެ. ޒަރޫން ޚިޔާރުކުރީ ހިމޭންކަމެވެ. ނަހާ ހަމައަކަށް އެޅިލުމުން ޒަރޫން ހިތްހަމަޖެހުނެވެ. ޒަރޫންގެ ފޯނު ރިންގުވިއެވެ.

"އާނ! ބައްޕާ! މި ދަނީ އިރުކޮޅަކުން. ތީތި ބަހައްޓާ. ބައްޕަ ތި މަސައްކަތް ނުކުރައްޗޭ! އަތަށް އަނެއްކާ ވެސް ތަދުވެދާނެ!" އެކޮޅުން ދައްކަމުން ދިޔަ ވާހަކައެއް ނަހާއަށް ނޭނގުނު ނަމަވެސް، ޒަރޫން އޭނާގެ ބައްޕައާ މެދު ވިސްނާ މިންވަރު ނަހާއަށް ފެނުނެވެ. "މަންމަ ކައިރީގަ ބުނޭ އެކަންތައް ވެސް ބަހައްޓާށޭ. ގޮސްފަ ކޮށްލާނަމޭ..."

ޒަރޫންގެ ވާހަކަތައް އަޑު އަހަން އިން ނަހާއަށް ހިނިތުންވެވުނެވެ. ޒަރޫންއަކީ ކިޔަމަންތެރި ޢާއިލާ ދެކެ ލޯބިވާ ޒުވާނެކެވެ. އެއީ އުފާވެރި އާއިލާއެއްކަން އޭނާއަށް އެ ދެއްކި މަދު ވާހަކަކޮޅުތަކުން ވެސް ދޭހަވިއެވެ. ޒަރޫން ފޯނު ބޭއްވުމުން ނަހާ ވާހަކަ ދެއްކިއެވެ.

"ދެން ދޭ ޒަރޫން. ބައްޕަ ހުންނާނީ ލަސްވެފަ މިހާރު!" ނަހާ ބުނެލިއެވެ.

"ކޮން އިރަކުންތަ ޔޫލިއާ އަންނަނީ؟" ނަހާ އެކަނިކޮށްލަން ޒަރޫންގެ ހިތް ނޭދެނީއެވެ.

"މިހާރު އަންނަން އުޅޭނެ ކަންނޭނގެ!" ނަހާ ބުނެލިއެވެ. ނަހާ އެހެން ބުނިތާ މާގިނަ އިރެއް ނުވެއެވެ. ޔޫލިއާ އަތުވެއްޖެއެވެ. އޭރު ނަހާގެ ބައެއް ސާމާނާއި، ކާއެއްޗެހި ވެސް އޭނާގެ އަތުގައި ހުއްޓެވެ.

"އަހަރެން ކާންވެގެން އެއްޗެއް ގެންނަން ބުނެ ބުނެ ވެސް ނުކެއި. ރަނގަޅަށް ކާންދޭތި ނަހާއަށް. ދެން ދަނީ." ޒަރޫން ބުނެލިއެވެ.

"ބާއި..." ނަހާ އޭނާގެ ވައަތުން ހަނާ އަޅަލިއެވެ. ޒަރޫން ދިޔުމާ އެކު ޔޫލިއާ ނަހާއަށް ބަލައިލީ ލާނެތްގޮތަކަށެވެ. އޭނާގެ ނަޒަރުގައިވަނީ ދިމާކުރާ ގޮތެކެވެ.

"އޭނަ ކޮން އިރަކުތަ އައީ؟" ޔޫލިއާ އަހައިލިއެވެ.

"އިރުކޮޅެއް ވެއްޖެ!" ނަހާ ކުރު ޖަވާބެއް ދިން އިރު އޭނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ.

"ހާދަ ކްލޯޒް އޭ ދޯ މިހާރު ދެމީހުން. ޔަޤީންތަ ހަމަ އެކަނި ފްރެންޑްސް ކަން؟" ދެ ބުމަ އަރުވައިލުމާ އެކު ލާނެތް އިޝާރާތަކާއެކު ޔޫލިއާ ބުނެލިއެވެ.

"ޕިސް ޕިސް... މީނަ ދެން ދިމާކުރުން ނޫންކަމެއް ނުކުރާނެ. ހެދުމާ އެއްޗެހި ގެނައިންތަ؟" ނަހާ ސުވާލުކޮށްލިއެވެ.

"އާނ." ޔޫލިއާ ބުންޏެވެ.

"ސިސްޓަރސް އަށް ގޮވާލާފަ ބުނެލައްޗޭ. އޭރުން އެމީހުން ޗޭންޖުކުރަން ހެލްޕްވެދޭނެ." ނަހާ ބުނެލުމާއެކު ޔޫލިއާ ބޯ ޖަހައިލިއެވެ. އޭނާ އެންމެ ފުރަތަމަ ގެނައި ކާ އެއްޗެހިތައް އޯވަރބެޑް ޓޭބަލްގައި އަތުރައިލިއެވެ. ހުރީ ސޭންޑްވިޗާއި ޖޫހެވެ.

*****

ހޮސްޕިޓަލުގައި ނަހާ ތިން ދުވަހު ބާއްވަން ޖެހުނީ އޭނާ ކުޑަކޮށް ހުން އައުމުންނެވެ. ނަހާ ހޮސްޕިޓަލުގައި އޮށްވާ ފުލުހުން އައިސް ބަޔާންނެގިއެވެ. އެ ތިން ދުވަހު، ކަމްރާން ވެސް ވަރަށް ގިނައިން ހޮސްޕިޓަލަށް އާދެއެވެ. އޭނާއާ ޒަރޫންއާ ވެސް ދެފަހަރެއްގެ މަތިން ދިމާވިއެވެ. އެއީ ނަހާގެ ކާކުތޯ އެހުމަށް ބޭނުންވި ނަމަވެސް، ކަމްރާން ސުވާލެއް ނުކުރެއެވެ. ނަހާ ހިތްހަމަނުޖެހިދާނެތީއެވެ. ނަހާގެ ކަންތައްތަކާ އޭނާ ބެހުމަކީ އެއްގޮތަކަށް ވެސް ނަހާ ބޭނުންވާނެކަމެއް ނޫނެވެ. ވަގުތާއި ޙާލަތުގެ ނާޒުކުކަމުން އޭނާ އެ ވާހަކަ ނުދައްކަން ނިންމި ސަބަބަކީ ވެސް އެއީއެވެ.

ނަހާ ދޫކޮށްލީ ރޭގަނޑެއްގައެވެ. އޭރު ޔޫލިއާ އުޅުނީ ޔުނިވަރސިޓީގައިކަމުން، އޭނާއަށް އާދެވޭގޮތެއް ނުވިއެވެ. އެގަޑީގައި އޭނާގެ ކައިރީގައި ހުރީ ޒަރޫންކަމުން ނަހާ ޑިސްޗާޖްކުރުމަށްޓަކައި ކުރަން ޖެހުނު ހުރިހައިކަމެއް ވެސް ކުރީ ޒަރޫންއެވެ. އެއްޗެހިތައް ދަބަހަށް އަޅައި ޕެކްކޮށްފައި ޒަރޫން ނަހާއަށް ބަލައިލަމުން އަދި އެއްޗެއް ހުންނާނެތޯ އެހިއެވެ. ނަހާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެ ވަގުތު ނަރުން ކުއްޖަކު ޑިސްޗަރޖް ސަމަރީއާ ބޭސްތައް ހިފައިގެން އައެވެ. އޭނާ ޒަރޫންއަތަށް ބޭސްކޮތަޅު ދެމުން ބޭސް ދޭންވީ ގޮތް ކިޔައިދިނެވެ. ދެން ދައްކަން ޖެހޭ ދުވަހަށް އެޕޮއިންޓްމެންޓް ހައްދާފައިވާނެކަމަށާއި ގުޅުމުން އައުމަށް ބުނެފައި ނަރުސްކުއްޖާ ދިޔުމުން، ޒަރޫން ވެސް ނަހާ ގޮވައިގެން ގޮސް ކިއުބިކަލް އިން ނުކުތެވެ. ވާރޑުން ނުކުމެގެން، ގޮސް ލިފްޓާ ހިސާބުގައި ދެމީހުން މަޑުކޮށްލިއެވެ.

ލިފްޓު އައުމުން ދެމީހުން ލިފްޓަށް އަރައިގެން ތިރިއަށް ދިޔައެވެ. ޒަރޫން ޓެކްސީއަކަށް ޖެހިއެވެ. ނަސީބަކުން ފަސޭހައިން ޓެކްސީއެއް ވެސް ލިބިއްޖެއެވެ.

"އޯކޭވާނެ ޒަރޫން ނަޔަސް، އަހަރެން އެކަނި ގޮސްލަފާނަން." ނަހާ ބުނެލިއެވެ.

"އޭރުން މި އެއްޗެހި... ނަހާއަށް ހުރިހާ އެއްޗެއް ގެއަކަށް ނޭރުވޭނެއެއްނު." ޒަރޫން ބުނެލިއެވެ. ނަހާއަށް ވެސް ދަބަސްތަކަށް ބަލައިލެވުނެވެ. އިތުރަށް އެއްޗެއް ނުބުނީ ޒަރޫންގެ ވާހަކަތައް އޭނާއަށް ޤަބޫލުކުރެވުމުންނެވެ.

"ދެން ސައިކަލު ބަލާ އަނެއްކާ އަންނަނީ؟" ޓެކްސީ އައުމުން ޓެކްސީއަށް އަރަމުން ނަހާ އަހައިލިއެވެ. އާއެކޭ ބުނެ ޒަރޫން ވެސް ޑިކީއަށް ފޮށިތައް އަރުވާފައި ގޮސް އިށީނީ ކުރީ ސީޓުގައެވެ. ނަހާ އުޅޭ ގެއާ ހިސާބަށް ދެވުމުން، ޒަރޫން ފޭބިއެވެ. އެއަށްފަހު ނަހާ ފޭބުމަށް ދޮރު ހުޅުވައިލަދިނެވެ. ޝުކުރު އަދާކުރަމުން ނަހާ ފޭބިއެވެ. ޒަރޫން ޑިކީގައި ހުރި ފޮށިތައް ނަގަމުން ނަހާއާ އެކު ގޮސް ގެއަށް ވަނެވެ. ލިފްޓުން އެރީ ހަތަރުވަނަ ފަންގިފިލާއަށެވެ. ކީކާޑު އޮތީ ނަހާގެ ދަބަސްތެރޭގައިކަމުން އޭނާ ވަ އަތުން ދަބަހުގެ ޒިބު ހުޅުވައިލުމަށް ފަހު ކީ ކާޑު ނަގައި ޖައްސައިލައިފައި ދޮރު ހުޅުވައިލިއެވެ. އެތެރެއަށް ވަނުމަށްފަހު ލައިޓުތައް ދިއްލައިލިއެވެ.

ޒަރޫންއަށް އެތެރެއަށް ވަނުމަށްފަހު ވަށައިގެން ބަލައިލެވުނެވެ. ކުޑަނަމަވެސް، ހިތްގައިމު އެޕަރޓްމެންޓެކެވެ.

"ކޮންތާކު މި އެއްޗެހި ބަހައްޓަންވީ؟" ޒަރޫން ސުވާލުކޮށްލިއެވެ.

"ސޯފާތައް ކައިރީގައި ބަހައްޓައިލާ.. އޯކޭވާނެ." ނަހާ ބުނެލުމުން ޒަރޫން އެގޮތަށް ކަންތައްކުރިއެވެ.

"ތެންކިއު...." ޒަރޫން އެއްޗެހިތައް ބަހައްޓައިފައި ހަމަޖެހުލުމާ އެކު ނަހާ ބުނެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު