ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު މިއަދު ގުޅާލައިފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތިލަމާލެ ބުރިޖު މަޝްރޫއުގެ މުހިންމު އިތުރު މަރުހަލާއެއް މިހާރު ނިންމައިފައިވާކަން އިއުލާންކުރައްވައިފައެވެ. އެގޮތުން، ވިލިމާލެއާއި ގުޅިފަޅުގެ ފަހު ސެގްމެންޓް މިއަދު ގުޅާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ، ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްއާއި ކޮންސަލްޓެންޓް ކުންފުނި އަރުޕްއާއި މިނިސްޓްރީގެ ޓީމަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި، އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މަޝްރޫއުގައި ބައިވެރިވާ އެންމެންނަށް ވެސް މުއްތަލިބު ޝުކުރު އަދާކުރެއްވިއެވެ.
https://x.com/muththo/status/2116217713026912710
ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ނުވަތަ "ތިލަމާލެ ބްރިޖު" މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.
އިންޑިއާގެ 500 މިލިއަން ޑޮލަރުގެ މާލީ އެހީ، ހިލޭ އެހީ އާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި 6.74 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭގެ ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން މާލެ-ވިލިމާލެ ސެކްޝަންގެ ސުޕަސްޓްރަކްޗާގެ މަސައްކަތް ނިންމާލައިފައިވަނީ މިދިޔަ އޯގަސްޓު މަހެވެ.
އެ މަސައްކަތް ނިންމުމާ ގުޅުވައި އޭރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، އުއްމީދަކީ، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުން ކަމަށް ވިދާޅުވެފައެވެ.