ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރަން ދޫކުރާ ލޯނު 4 މިލިއަނަށް ބޮޑުކޮށްފި

މަސްދޯނިތަކެއް: ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރަން ދޫކުރާ ލޯނު 4 މިލިއަނަށް ބޮޑުކޮށްފި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރަން ދޫކުރާ ލޯނު ދެ މިލިއަން ރުފިޔާއިން ހަތަރު މިލިއަން ރުފިޔާއަށް ބޮޑުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ރެފްރިޖެރޭޓަޑް ސީ-ވޯޓާ (އާރްއެސްޑަބްލިޔު) ސިސްޓަމް ނުވަަތަ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމުކުރުމަށް ލޯނު ތައާރަފުކޮށްފައިވަނީ، މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނާއި އެ ކަމަށް ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

އެ ލޯނަށް މީގެ ކުރިން ކަނޑައަޅައިފައިވާ ލިމިޓަކީ ދެ މިލިއަން ރުފިޔާ ނަމަވެސް، ފިޝަރީސް މިނިސްޓްރީން މިހާރު ވަނީ އެ ލިމިޓު ހަތަރު މިލިއން ރުފިޔާއަށް ބޮޑުކޮށް، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ލޯނަށް އެދެން ހުޅުވާލައިފައެވެ.

އެ ލޯނު މިހާތަނަށް ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި، ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށެވެ. ނަމަވެސް މިހާރު ލޯނުގައި ވަނީ، އުޅަނދުތަކަށް އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލު ކުރުމަށް ވެސް ހިމަނައިފައެވެ.

އެ ލޯނު ދޫކުރަން ހަމަޖެހިފައިވަނީ އަހަރަކު ހަ ޕަސެންޓުގެ ފައިސާގެ ރޭޓެއްގައި، ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ދޭ ގޮތަށެވެ. އެ ލޯނު އަނބުރާ ދައްކަން ފެށުމުގެ ކުރިން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދޭނެއެވެ.

comment ކޮމެންޓް