ސެމްސަންގް ކުންފުނިން އުފައްދާ އައު އޭއައި އައިނު ޑިސެމްބަރުގައި ނެރެނީ

މި އައިނުގެ ޑިޒައިން ކުރުމުގައި ސެމްސަންގުން ވަނީ މަޝްހޫރު އައިނު އުފައްދާ ބްރޭންޑްތައް ކަމަށްވާ ޖެންޓްލް މޮންސްޓާ އަދި ވަޯބީ ޕާކާއާއެކު މަސައްކަތްކޮށްފައި ---

ސެމްސަންގް ކުންފުނިން އުފައްދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އައިނު ނުވަތަ 'އިންޓެލިޖެންޓް އައިވެއާ' މި އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބިގްގޯ ފައިނޭންސްއިން ސިނާއީ މަސްދަރުތަކާ ހަވާލާދީ އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، މި އައިނު އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާ އާއި އެމެރިކާގެ ބާޒާރަށެވެ.

މި އައިނު ބާޒާރަށް ނެރުމުގައި ސެމްސަންގުން އަމަލުކުރުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ވިލާތުގެ ގައުމުތަކާއި ޗައިނާގެ ބާޒާރު ހިމަނާފައެއް ނުވެއެވެ. ސެމްސަންގުން ގަސްދުކުރަނީ ދެކުނު ކޮރެއާއާއި އެމެރިކާގެ ކަސްޓަމަރުންގެ ތަރުހީބާއި ފީޑްބެކް ވަޒަންކުރުމަށްފަހު އެހެން ގައުމުތަކަށް އައިނު ތާއާރަފުކުރުމަށެވެ. މިއީ އެ ކުންފުނީގެ ގެލެކްސީ އެކްސްއާރް ހެޑްސެޓްވެސް ފުރަތަމަ ދެކުނު ކޮރެއާއާއި އެމެރިކާއަށް ނެރުމަށްފަހު، ފަހުން އިނގިރޭސިވިލާތަށް ތައާރަފުކުރި އުސޫލެވެ.

މި އަހަރުގެ ޖުލައި މަހު ލަންޑަންގައި ބޭއްވި ގެލެކްސީ އަންޕެކްޑް އިވެންޓުގައި ފުރަތަމަ ފަހަރަށް ދައްކާލި މި އައިނު މަސައްކަތްކުރަނީ ގޫގުލްގެ އެންޑްރޮއިޑް އެކްސްއާރް ޕްލެޓްފޯމާއި ޖެމިނައި އޭއައި ސިސްޓަމްގެ މައްޗަށެވެ. ކެމެރާ ހަރުކުރެވިފައިވާ މި އައިނުގައި ބޭނުންކޮށްފައިވަނީ ކުއާލްކޮމްގެ ސްނެޕްޑްރެގަން އޭއާރް1 ޖެން 1 ޗިޕްސެޓެވެ.

މި އޭއައި އައިނުގެ މުހިންމު ފީޗަރުތަކުގެ ތެރޭގައި ވަގުތުން ބަސް ތަރުޖަމާކޮށްދިނުމާއި، އަޑުން ދޭ އިރުޝާދުތަކާއެކު ނެވިގޭޝަން ބޭނުންކުރުމާއި، އަދި އަމިއްލައަށް ނޯޓު ނެގުމުގެ ހިދުމަތް ހިމެނެއެވެ.

މި އައިނުގެ ބެޓެރި އެއްފަހަރު ޗާޖުކޮށްލައިގެން ނުވަ ގަޑިއިރު ވަންދެން ބޭނުންކުރެވޭނެ ކަމަށް ސެމްސަންގުން ބުނެއެވެ. އަދި އައިނާއެކު ލިބޭ ޗާޖިން ކޭސް މެދުވެރިކޮށް އިތުރު ހަތް ފަހަރު އައިނު އެއްކޮށް ޗާޖުކޮށްލެވޭނެއެވެ.

މި އައިނުގެ ޑިޒައިން ފަރުމާކުރުމުގައި ސެމްސަންގުން ވަނީ މަޝްހޫރު އައިނު އުފައްދާ ބްރޭންޑްތައް ކަމަށްވާ ޖެންޓްލް މޮންސްޓާ އަދި ވަޯބީ ޕާކާއާއެކު މަސައްކަތްކޮށްފައެވެ.

މި އުފެއްދުމާއެކު ސެމްސަންގު ވެގެންދާނީ ކުރިއަރަމުން އަންނަ ސްމާޓް އައިނުގެ ބާޒާރުގައި މެޓާ ކުންފުންޏާ ސީދާ ވާދަކުރާނެ މުހިންމު ކުންފުންޏަކަށެވެ.

comment ކޮމެންޓް