ދުނިޔެ ހޫނުވުމާއި މަސައްކަތުގެ މާހައުލުގައި ފިނިހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން ނުވަތަ ހީޓް ސްޓްރެސްގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިންނަށާއި، އުފެއްދުންތެރިކަމަށް އަދި ގައުމުގެ އިގްތިޞާދުން 2040 ވަނަ އަހަރާ ހަމައަށްދާއިރު އެތައް މިލިއަން ޑޮލަރެއް ގެއްލުމުގެ ބިރު އެބައޮތް ކަމަށް އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި މިކަމުގެ ސަބަބުން އިޤްތިޞާދަށާއި ވަޒީފާގެ ބާޒާރަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑަށް އިތުރުވާނެއެވެ. އެގޮތުން، ދުނިޔޭގެ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރެވުނު ކަމުގައި ވިޔަސް، ހޫނުގަދަވުމުގެ ސަބަބުން މަސައްކަތްކުރާ ވަގުތު މަދުވެ، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދެ ޤައުމުން ޖުމްލަ 147،000 ފުލްޓައިމް ވަޒީފާއާ އެއްވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މީގެ ތެރޭގައި ސްރީލަންކާއިން ގާތްގަނޑަކަށް 145،000 ވަޒީފާ އަދި ދިވެހިރާއްޖެއިން ގާތްގަނޑަކަށް 2،400 ވަޒީފާ ހިމެނެއެވެ.
އަދި ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދެ ޤައުމުގެ ޖީޑީޕީން އަހަރަކު ޖުމްލަ 26.6 ބިލިއަން އެމެރިކާ ޑޮލަރު ގެއްލޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ ތެރޭގައި ސްރީލަންކާއިން 26 ބިލިއަން ޑޮލަރު އަދި ރާއްޖޭގެ ޖީޑީޕީން ގާތްގަނޑަކަށް 576 މިލިއަން އެމެރިކާ ޑޮލަރު ގެއްލިދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި ދިރާސާއިން ހާމަވާ ގޮތުގައި ހީޓް ސްޓްރެސްއަކީ ހަމައެކަނި ކުރިމަގުގައި އޮތް ބިރެއް ނޫނެވެ. 2023 ވަނަ އަހަރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލު ހޫނުވެ، 1985 އިން 2014 އާ ދެމެދުގެ އަހަރުތަކާ އަޅާބަލާއިރު ދެ ގައުމުގެ މަސައްކަތު ވަގުތަށާއި ޖީޑީޕީއަށް ވަނީ އިތުރު ގެއްލުންތަކެއް ލިބިފައެވެ.
ދިވެހިރާއްޖޭގައި މިކަމުގެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ފާހަގަކޮށްފައިވަނީ ޚިދުމަތްދޭ ދާއިރާތަކަށާއި އިމާރާތްކުރުމުގެ ދާއިރާއަށެވެ. އަދި ލަންކާގައި އެންމެ ބޮޑު އަސަރެއް ކުރާނީ ދަނޑުވެރިކަމުގެ އިތުރުން ޚިދުމަތްދޭ ދާއިރާތަކަށާއި، މެނުފެކްޗަރިން އަދި އިމާރާތްކުރުމުގެ ދާއިރާއަށެވެ.
ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ޖޯނީ ސިމްޕްސަން ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހޫނުގަދަވުމުން މަސައްކަތްތެރިން ރައްކާތެރިކުރުމަކީ ސިއްޙަތާއި ރައްކާތެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނަންޖެހޭ މުހިންމު ކަމެއް ކަމަށެވެ. އަދި ސަރުކާރުތަކާއި، ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިން ގުޅިގެން ވާހަކަދައްކައި، ދިރިއުޅުމުގެ ޙާލަތާއި ވިޔަފާރިތައް ދެމެހެއްޓޭނެ އަމަލީ ހައްލުތަކެއް ހޯދަންޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ގެއްލުންތައް ކުޑަކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، އެންމެ ހޫނުގަދަ ވަގުތުތަކުގައި މަސައްކަތް ނުކުރާ ގޮތަށް ގަޑިތައް ބަދަލުކުރުމާއި، މަސައްކަތުގެ ދޭތެރެއިން އަރާމުކުރާނެ ވަގުތު ދިނުމާއި، ހިޔާވާނެ ތަންތަނާއި، ފެނާއި ފިނިކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ފިނިހޫނުމިން ބެލެހެއްޓުމާއި، ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތައް ވަރުގަދަކޮށް، ހޫނުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން މަސައްކަތު ގަޑި މަދުކުރުމުން އާމްދަނީއަށް އަސަރުކުރާ މަސައްކަތްތެރިންނަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން މުހިންމު ކަމަށް މި ދިރާސާގައި ބަޔާންކޮށްފައިވެއެވެ.
މި ދިރާސާއަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވީ20 ގެ އެހީތެރިކަމާއެކު، ރާއްޖެއާއި ލަންކާގެ އިތުރުން އިތިއޯޕިއާ، ގާނާ، ލެބަނަން އަދި ސެނެގާލް ހިމެނޭހެން ހަ ޤައުމެއްގައި އައިއެލްއޯއިން ކުރިއަށްގެންދިޔަ ދިރާސާގެ ބައެކެވެ.