މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ގްރޯވިންގް ވިތު ބިންގާ- ބިންގާ ޗެމްޕްސް" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ނޮވެމްބަރު 2024 ގައި ތައާރަފްކުރި ބިންގާ ހިދުމަތުގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ކުޑައިރުއްސުރެ މާލީ ރަނގަޅު އާދަތައް އަށަގަންނުވައި ގަވާއިދުން ފައިސާ ރައްކާކުރުމަށް މަސައްކަތްކުރާ ކުޑަކުދިންގެ އަގުވަޒަންކުރުން ކަމުގައި އެ ބޭންކުން ބުނެއެވެ.
މި ހާއްސަ ހަރަކާތުގެ ދަށުން، ގަވާއިދުން ފައިސާ އެއްކޮށް، މާލީ އަހުލުވެރިކަން އިތުރުކުރަން މަސައްކަތްކުރާ ތިން ކުއްޖަކު ހޮވައި، ކޮންމެ ކުއްޖަކަށް އައިޕެޑެއް އަދި ހާއްސަ ހަނދާނީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއައިބީން ބުނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބެލެނިވެރިންނަށް އެމްއައިބީގެ ޑިޖިޓަލް މީޑިއާ ޗެނަލްތަކުންނާއި، ބޭންކުގެ އައުޓްލެޓްތަކުގައި ހުންނަ ކިއުއާރު ކޯޑުތައް މެދުވެރިކޮށް ކުދިން ނޮމިނޭޓް ކުރެވޭއިރު، މި ޕްރޮމޯޝަނަށް ކުރިމަތިލެވޭނީ މިހާރުވެސް ބިންގާ އެކައުންޓް ބޭނުންކުރާ ކުދިންނަށް އެކަނި ކަމަށް އެމްއައިބީން ބުނެއެވެ.
މީގެ އިތުރުން ކޮންމެ ކުއްޖެއްގެވެސް ނަން ހުށަހެޅޭނީ އެންމެ ފަހަރަކު ކަމުގައި އެމްއައިބީން ބުނެއެވެ. ނޮމިނޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެމްބަރު ފަހެއް، 2026 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އެމްއައިބީން ބުނެއެވެ.
ކުޑަކުދިން މާލީގޮތުން އަހުލުވެރިކުރުވުމަށް އެމްއައިބީން ތައާރަފްކުރި ބިންގާ އެކަންޓުގެ ދަށުން ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުންކުރެވޭ ބިންގާ ޓީއާރްއެކްސް، ބިންގާ ސޭވް، އަދި ބިންގާ އިންވެސްޓް ހިމެނޭހެން ތިން އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ލިބިގެންދެއެވެ.
އެމްއައިބީން އަބަދުވެސް ދެމިއޮންނާނީ އާންމުންނަށް ލާބައާއި މަންފާ ހުރި ޑިޖިޓަލް ބޭންކިން އިނޮވޭޝަންތައް ކުރިއެރުވުމަށް މަސައްކަތްކުރުމުގައި ކަމަށް އެ ބޭންކުން ބުނެއެވެ.