ދިވެހި ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލާ ރަސްމީކޮށް އާންމުކޮށްފިއެވެ.
މި ޓްރެއިލަރާއެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައެވެ. ގާތްގަނޑަކަށް 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު ރީކޯ މޫސާ މަނިކުގެ މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިން ޓްރެއިލާއިން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. އެގޮތުން މޫސަ ގެ އަޑުން "އަދި އެއް ފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާ ވެސް އިންނަންވީތަ..؟" ބުނާ އަޑު އިވެއެވެ. އަދި މި ޑައިލޮގުތަކުން އެކަނިވެސް ފިލްމާ މެދު އޮތް ޝައުގުވެރިކަން އިތުރުވެގެން ދެއެވެ. އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލާގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެއެވެ.
ފިލްމް "ކީއްވެ؟" ގެ ލީޑް ރޯލުން ފެންނަ ފަންނާނުންތަކެއް --މި ފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމްތަކާ ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއް ކަމަށް ބެލެވެއެވެ.
މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ، 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލާއިން ހާމަވެއެވެ.
ފިލްމް "ކީއްވެ؟" ގެ ޓްރެއިލާގެ މަންޒަރުތައް ދައްކުވައިދޭ ޕޯސްޓަރެއް --މި ފިލްމްގެ ޕްރިމިއާ ނައިޓުގެ ޓިކެޓް ވެބްސައިޓް މެދުވެރިކޮށް ވިކެމުންދާއިރު، 7458800 ގެ ވައިބާ ނަންބަރުން އެހެނިހެން ޝޯތަކުގެ ޓިކެޓް ބުކް ކުރުމަށް ވަނީ ހުޅުވާލެވިފައެވެ. އަދި ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު، ޓިކެޓަށް އޮތް ޑިމާންޑް ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައިކަން ފިލްމްގެ ޕްރޮޑަކްޝަން ހައުސްއިން މައުލޫމާތު ދެއެވެ.
ކުލަގަދަ އިވެންޓަކާއެކު މި ފިލްމު ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ 25 ނޮވެމްބަރ 2026 ގައެވެ.