އޮޅުވެލި ބަލިކޮށް ރިސޯޓު ސުޕަ ލީގުގެ ޗެމްޕިއަންކަން ވެލާއަށް

ރިސޯޓު ސުޕަ ލީގު 2026 ގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޭުޑުން ޓްރޮފީ އުފުލާލަނީ-- ފޮޓޯ: ރިސޯޓު ލީގު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯޓް ފުޓްސަލް މުބާރާތް، "ރިސޯޓް ސުޕަ ލީގު"ގެ ޗެމްޕިއަންކަން ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

ނ. ޒޯންގެ ޗެމްޕިއަންކަން ހޯދައިގެން މުބާރާތަށް ކޮލިފައިވި ވެލާ އިން ތަށި އުފުލާލީ، ސަން ސިޔާމް އޮޅުވެލީގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 1-0 އިން ސަން ސިޔާމް އޮޅުވެލި ބަލިކުރުމަށްފަހުއެވެ.

​މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ވެލާ އަށް ކާމިޔާބުކޮށްދިނީ އަހުމަދު އިމްތިނާހު އެވެ.

މެޗުގެ ފަހު ވަގުތާ ހަމައަށް އޮޅުވެލިން ލަނޑެއް ޖެހޭތޯ ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް، ވެލާގެ ވަރުގަދަ ޑިފެންސުން ވަނީ އެ ހަމަލާތައް ނާކާމިޔާބުކޮށްލައިފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެލާގެ އަލީ ރާޒީ އެވެ.

​ވެލާ އިން ސުޕަ ލީގުގެ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ބުރުގައި އެންމެ ރަނގަޅު އެގްރިގޭޓް ނަތީޖާއެއް ހޯދައިގެންނެވެ. އެއީ ބ. އަތޮޅުގެ ޗެމްޕިއަން، ފިނޮޅު ސީސައިޑް މޯލްޑިވްސްގެ މައްޗަށް 14-2 ގެ ބޮޑު އެގްރިގޭޓް މޮޅެއް ހޯދައިގެންނެވެ.

​މުބާރާތުގެ ވަކިވަކި ވަނަތަކަށް ބަލާއިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޖުމްލަ 5 ލަނޑު ކާމިޔާބުކުރި ވެލާގެ އަހުމަދު އިމްރާން އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެލާގެ އަހުމަދު ނަސީމް އެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ވެލާގެ މުހައްމަދު ޒާހިދު ސައީދު (ޒާޑު) އާއި އަހުމަދު ޝާފިއު އަދި އޮޅުވެލީގެ އަލީ ޝިއާއު، މުހައްމަދު ވިގާމް އަދި އަހުމަދު ޒައިން އެވެ.

​ރިސޯޓް ލީގަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ ކާމިޔާބީއާއެކު ރިސޯޓު ފުޓްސަލް ލީގު ވެފައިވަނީ މިހާރު ރާއްޖޭގައި ކުރިއަށްދާ އެންމެ ކާމިޔާބު ހޯމް އެންޑް ފޯމެޓަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު