ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ އިންޒާރު ބަލައިނުގަނެވޭނެ ކަމަށް ބުނެ، ޒާތީނުވާން އެމްއެމްބީސީން އެދިއްޖެ

ނޫސްވެރިންގެ ބައްދަލުވުމުއްގައި ނޫސްވެރިންތަކެއް-- ފޮޓޯ: ރައީސް އޮފީސް

އީގަލް ހިލްސް ކުންފުނީގެ ދައުވަތަކަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރައާއި ދެމުންދާ އިންޒާރު ބަލައިނުގަނެވޭނެ ކަމަށް، މީޑިއާތަކުގެ ބެލެނިވެރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ބުނެފިއެވެ.

އެމްއެމްބީސީން މިހެން ބުނެ ބަޔާނެއް ނެރުނީ ނޫސްވެރިންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލަ ފުލުހަށް ހުށަހަޅައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދަށް ސިޓީއެއް ވެސް ފޮނުވައިފައި ވަނިކޮށެވެ.

https://sun.mv/229752

އެގޮތުން ނޫސްވެރިންނަށް އިންޒާރުދިނުން ކުށްވެރިކޮށް އެމްއެމްބީސީން ނެރުނު ބަޔާނުގައި ވަނީ ޚަބަރުތައް ކަވަރުކޮށް އިވެންޓުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް ބިރުދެއްކުމާއި އިންޒާރު ދިނުމުގެ މައްސަލަތައް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"ޚާއްސަކޮށް ހުތުރު ބަހުރުވައިން ފުރައްސާރަކޮށް ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ދީގެން ހިންގާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް މި ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެއެވެ.

އެއާއެކު އެމްއެމްބީސީން ވަނީ، ޚަބަރުތައް ގެނެސްދޭއިރު މީޑިއާތަކުން ވެސް ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކން މީހުންގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ކަންކަމާއި ހަޑިހުތުރު ބަސްބަސް ހިމެނޭ އެއްޗެހި ޝާއިއުކޮށް ދެކުން މަނާކަން ވެސް ހަނދާންކޮށްދީފައެވެ.

އެމްޖޭއޭން ފުލުހުންގެ ކޮމިޝަނަރަށް ފޮނުވި ސިޓީގައި ވަނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޔޫއޭއީގެ އީގަލް ހިލްސް އިން އިންތިޒާމުކުރި މީޑިއާ ދަތުރުގައި ބައިވެރިވި ނޫސްވެރިންގެ އަގުވައްޓައިލައި، އެ ފަރާތްތަކާ މެދު ނަފްރަތު އުފެއްދުމަށް ސޯޝަލް މީޑިއާގައި ފޮޓޯތައް ދައުރުކޮށް ވީޑިއޯތައް ހަދަމުންދާ ކަމަށެވެ.

އެގޮތުން ޣައްދާރުންނާއި ޒަޔަނިސްޓުންނާއި ޔަހޫދީންގެ ގޮތުގައި ނޫސްވެރިން ލޭބަލްކޮށް، ހުތުރު ބަހުން ފުރައްސާރަ ކުރަމުންދާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެމްޖޭއޭން ބުނީ ނޫސްވެރިން މަސައްކަތް ކުރަނީ އެ ނޫސްވެރިން ނިސްބަތްވާ މީޑިއާތަކުގެ އެޑިޓޯރިއަލް ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވާއިރު، ޕްރޮފެޝަނަލް ޒިންމާ އަދާކުރުމުން ވަކިވަކި ނޫސްވެރިންނަށް ކުރާ ފުރައްސާރައަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ޒާތީ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލައިގައި އެމްޖޭއޭ އިން ވަނީ ތިން ކަމަކަށް އެދިފައެވެ. އެއީ އެ ކަން އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ކެމްޕެއިންތަކުގެ ފަހަތުގައި ތިބި ފަރާތްތަކުގެ ރަސްމީ ތަހުގީގެއް ފެށުމަށާއި އަނިޔާ ލިބުނު ނޫސްވެރިންގެ ސަލާމަތީ ރިސްކް އެސެސްމެންޓެއް ވަގުތުން ހެދުމަށާއި އެ ނޫސްވެރިންނަށާއި ނޫސްވެރިންގެ އާއިލީ މެންބަރުންނަށް އެކަށީގެންވާ ފުލުހުންގެ ހިމާޔަތް ހަމަޖައްސައި ދިނުމަށެވެ.

އެ މައްސަލައާ ގުޅިގެން އެމްޖޭއޭގެ ރައީސް އަޙްމަދު ނާޢިފް ވިދާޅުވީ ހަމައެކަނި ވަޒީފާ އަދާކުރުމުގެ ސަބަބުން އެއްވެސް ނޫސްވެރިއެއްގެ ސަލާމަތާމެދު ނުވަތަ އާއިލާގެ ރައްކާތެރިކަމާމެދު ބިރުގަންނަން ޖެހިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އެމްޖޭއޭން ވަނީ، ސްޕޮންސާކޮށްގެން ގެނެސްދޭ ކޮންޓެންޓާއި މިނިވަން ޚަބަރާއި ޚިޔާލު ފާޅުކުރުމުގެ ކޮންޓެންޓު ވަކިކުރުމަށް ރާއްޖޭގެ މީޑިއާތަކަށާއި ނޫސްމަޖައްލާތަކުގެ އިސްވެރިންނަށް ގޮވައިލައިފައެވެ.

comment ކޮމެންޓް