ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލުމާތު ދިން ގޮތުގައި އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، ޏ. ފުވައްމުލައް / ދޫޑިގަން. އާސިމީމަންޒިލް، އަޙްމަދު އަފާފު ޢާރިފް (32އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން. ލާލުގެ، އަޙްމަދު ވިޝާން (37އ) އެވެ.
ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.