ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، ކަށަވަރުކުރުން ލާޒިމް 8 ކަމެއް ސަލަފުން ހުށަހަޅައިފި

ސަލަފް ޖަމިއްޔާގެ ބައެއް ބޭފުޅުން: ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، ކަށަވަރުކުރުން ލާޒިމް 8 ކަމެއް ސަލަފުން ހުށަހަޅައިފި -- ފޮޓޯ/ ސަލަފް

ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫ ހިމެނޭހެން، މިފަދަ މަޝްރޫތައް އެކުލަވާލުމުގައި އަށް ކަމަކަށް ރިއާޔަތްކުރުމަށް ޖަމްޢިއްޔަތުއް ސަލަފުން ހުށަހަޅައިފިއެވެ.

އެ ޖަމިއްޔާއިން "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން ސަރުކާރުގެ އެކި އިދާރާތަކާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު، މަޝްރޫއާ ގުޅިގެން އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ފާޅުކުރުމާއެކު، މިފަދަ މަޝްރޫތައް ހިންގުމުގައި އަށް ކަމަކަށް ރިއާޔަތްކުރުމަށް ދިވެހި ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސަލަފުގެ މައިގަނޑު ކަންބޮޑުވުމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވަނީ، މިފަދަ މަޝްރޫތަކުގެ ސަބަބުން ތަފާތު ދީންތަކާއި ސަގާފަތްތަކުގެ މީހުން ދިގު މުއްދަތަކަށް ވަކި ސަރަހައްދެއްގައި ތިބުމުގެ ސަބަބުން މުސްތަގުބަލުގައި ދީނީ މިނިވަންކަން ފަދަ ކަންކަމަށް ވަކާލާތުކުރުމަށް ފުރުސަތު ތަނަވަސްވުމެވެ.

ސަލަފުން ވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ދީނީ ޝަޚުސިއްޔަތަށާއި ގައުމުގެ ސިޔާދަތަށާއި މިނިވަންކަމުގެ އިތުރުން އިސްލާމީ ގައުމީ އުސޫލުތައް، އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ދުސްތޫރީ ނިޒާމަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ނުފޯރާނެ ގޮތަކަށް އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑުތައް އެކުލަވައިލުމަށް ސަރުކާރަށް ގޮވާލައިފައެވެ.

މިއާއެކު، އެ ޖަމިއްޔާއިން ވަނީ ތަރައްގީގެ މަޝްރޫތަކުގެ އެއްބަސްވުންތަކާއި އެކަމާ ގުޅޭ ޤާނޫނީ އޮނިގަނޑުތައް އެކުލަވާލާއިރު ކަށަވަރުކުރަންޖެހޭ އަށް ކަމެއް ސަރުކާރަށް ހުށަހަޅާފައިވެއެވެ. އެކަންތަކަކީ:

  1. އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތްކުރުން
  2. ދައުލަތުގެ ސިޔާދަތީ އިސްތިރާޖީ (ސްޓްރެޓީކް) މިނިވަންކަން ހިމާޔަތްކުރުން
  3. އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
  4. ރައްޔިތުންނަށް އެންމެ މަތީ މަންފާލިބޭނެ އިގުތިސާދީ ތަރައްގީއަށް އަމާޒުހިފުން
  5. ދެފުށް ފެންނަ ހާމަކަންބޮޑު ސިޔާސަތެއް ގާއިމުކުރުން
  6. ހުޅުވާލެވިފައިވާ އިގުތިސާދަކާއި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުން
  7. ދާއިމީ މޮނިޓަރިން ނިޒާމެއް ގާއިމުކުރުން
  8. އިޖުތިމާއީ އަސަރުތައް ވަޒަންކުރުން

މި ކަންކަމުގެ ތެރެއިންވެސް ސަލަފުން ވަކީން ޚާއްސަކޮށް ވަނީ، ފަލަސްތީނުގެ ބިންތައް ފޭރިގަނެ، ޞަޙްޔޫނީ އިސްތިއުމާރެއްގެ ދަށުން ގާއިމުކުރެވިފައިވާ "އިޒްރޭލު"ގެ އެއްވެސް ރައްޔިތަކަށް މިފަދަ އެއްވެސް މަޝްރޫއަކުން، ސީދާ އަދި ނުސީދާވިޔަސް މަންފާއެއް ހޯދުމުގެ، އަދި ބައިވެރިވުމުގެ ފުރުސަތެއްވެސް ނޯންނާނެކަން ކަށަވަރުކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

ރަސްމާލޭގައި ހިންގަން އިއުލާނުކޮށްފައިވާ މި މަޝްރޫއާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ އެކި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ. މީގެ ތެރެއިންވެސް، މި މަޝްރޫއާ ގުޅިގެން ރާއްޖޭގައި ޔަހޫދީން ވަޒަންވެރިވުމަށް މަގުފަހިވާނެ ކަމަށާއި މި މަޝްރޫގެ ސަބަބުން ދިވެހީންނަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. މީގެ އިތުރުން މި މަޝްރޫގެ ދަށުން ރަސްމާލޭގެ ބިންތަކުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް، ކޮންމެ 99 އަހަރަކުން އައުވަމުން އަންނާނެކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

https://sun.mv/229551

އެހެންނަމަވެސް، ސަރުކާރުން މި ވާހަކަތައް ތަކުރާރުކޮށް އަންނަނީ ދޮގުކުރަމުންނެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން އުޅެނީ މި ބިޔަ މަޝްރޫއުގެ ހަގީގަތް އެނގިތިބެ، ހަގީގަތް އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލުކުރާށެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލެ ތަރައްގީކޮށް ބިނާކުރާ ޕްރޮޕަޓީތައް ގަންނަ މީހުންނަށް އެ ތަންތަން ދެނީ 99 އަހަރަށް ކަމަށާއި އެ މުއްދަތު ހަމަވުމުން އެ މީހުންނަށް ޖެހޭނީ އެ ތަނެއް ދިވެހި ދައުލަތަށް ވިއްކަން ކަމަށެވެ.

https://sun.mv/229761

މިހައިތަނަށް މިކަމާގުޅޭ އެއްބަސްވުމުގެ އެއްވެސް މިންވަރެއް، ދިވެހި ރައްޔިތުންނަށް ހާމައަށް ދައްކާފައި ނުވާތީ، މި އެއްބަސްވުމަކީ ސިއްރެއްގެ ގޮތުގައި ނުބާއްވައި، އެއްބަސްވުންތަކުގެ ދެފުށް ރައްޔިތުންނަށް ފެންނާނެ ފަދައިން ހާމަކޮށް، މިކަންކަމުގައި ރައްޔިތުންނާ މަޝްވަރާކުރުމަށްވެސް ސަލަފުން، ދިވެހި ސަރުކާރަށް އިލްތިމާސްކޮށްފައިވެއެވެ.

comment ކޮމެންޓް