މާފުށީ މިސްކިތްތައް ތަރައްގީކުރަން ތުރުކީ ފަތުރުވެރިއެއްގެ ދީލަތި އެހީއެއް!

ފަތުރުވެރިޔަކު މާފުށީ މިސްކިތްތަކުގެ ތަރައްގީއަށާ މަރާމާތަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސަން މާލީ އެހީ ދެނީ.... ފޮޓޯ/ މާފުށީ ކައުންސިލް

ކ. މާފުށްޓަށް ޒިޔާރަތްކުރި ތުރުކީވިލާތުގެ ފަތުރުވެރިއަކު، އެ ރަށުގެ މިސްކިތްތަކުގެ ތަރައްގީއަށާއި މަރާމާތަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށް ދީލަތި މާލީ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

މާފުށީ ކައުންސިލުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި އެހީ ދީފައިވަނީ އެ ރަށަށް ޒިޔާރަތްކުރި ތުރުކީގެ ރައްޔިތެއް ކަމަށްވާ ފުންދާ އޮޒްކުޗޫ އެވެ.

އޭނާ ވަނީ މިސްކިތްތަކުގެ މަރާމާތާއި ތަރައްގީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސައިދިނުމަށް އެހީގެ ގޮތުގައި ދިން ފައިސާ ކައުންސިލާ ހަވާލުކޮށްފައެވެ.

މިސްކިތްތަކުގެ ލާބަޔާއި މަންފާއަށް ޓަކައި އޭނާ ވެދިން އަގުހުރި އަދި ދީލަތި އެހީތެރިކަން ފާހަގަކޮށް، އޭނާއަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށް މާފުށީ ކައުންސިލުން ބުނެފައިވެއެވެ.

ފަތުރުވެރިޔާ ދިން އެހީގެ ފައިސާ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް، އެހީގެ ގޮތުގައި ދިނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ކައުންސިލްގެ ފަރާތުން މިހާތަނަށް ސާފުވެފައިނުވެއެވެ.

comment ކޮމެންޓް