ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއަށް ބިން ދީގެން ހިންގާ މަޝްރޫއުގެ ސަބަބުން ދިވެހީންނަށް ބޯހިޔާވަހިކަމުގެ ފުރުސަތެއް ނުގެއްލޭނެ ކަމަށާއި، ގޯއްޗަށް ޝަރުތު ހަމަވާ އެންމަނަށް ރަސްމާލޭން ޖާގަ ލިބޭނެ ވަރުގެ ބިން އެބަ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ނޭޝަން ޗެޓު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއާއެކު ބޯހިޔާވަހިކަމުގެ ފުރުސަތު ރައްޔިތުންނަށް ހަންޏެއް ނުވާނެ ކަމަށެވެ.
"ގޯތި ހޯދަން ކުރިމަތިލީ ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެން ކަނޑައެޅީ އެކި ކެޓެގަރީތައް ދެއްތޯ. މާލެ ރައްޔިތުންނާ ދަފްތަރާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންނާ މި ކަހަލަ ކެޓެގަރީތަކެއް. މި ހުރިހާ ކެޓެގަރީތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް މި ތަނުން ގޯތި ކަށަވަރުވާނެ. އެހާ ޖާގަ އެބަ އޮތް" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިދިކޮޅުން މި މަޝްރޫއު ހުއްޓުވަން އުޅެނީ، ބޯހިޔާވަހިކަމުގެ ވައުދު ފުއްދޭނެކަން އެނގޭތީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރަސްމާލޭގެ ބިން ހިއްކަނީ: ރައީސް ވިދާޅުވީ، އެ ތަނުން ޝަރުތުހަމަވާ އެންމެނަށް ގޯތި ލިބޭނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސްރަސްމާލޭން ހިއްކައިފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދޫކުރަނީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، އެ ތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ފުރުސަތު އެބައޮތް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.
އެހެންނަމަވެސް ސަރުކާރުން މީގެ ކުރިން ވެސް ވަނީ، އިސްރާއީލު މީހުންނަށް ރަސްމާލޭން ޕްރޮޕަޓީ ނުގަނެވޭ ގޮތް ހަދާނެ ކަމަށް ބުނެފައެވެ.
ރޭގެ ޕްރޮގްރާމުގައި ރައީސް ވަނީ، ރަސްމާލޭގައި ރަލާއި ކެސީނޯ ފަދަ ކަންކަން މަނާވާނެ ކަމަށާއި ފަސް ވަގުތު ބަންގި ގޮވާނެ މިސްކިތްތައް ހުންނާނެ ކަމަށެވެ. އަދި، ރޯދަ މަހު، ފަތުރުވެރިންނަށް ކާންދިނުމުގެ ކަންކަން ވެސް ހުންނާނީ، މީހުން ދިރިއުޅޭ ރަށްތަކުގައި އަމަލުކުރާ އުސޫލުން ފޮރުވައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެންމެނަށް ގޯތި ލިބޭ ވަރަށް ބިން އޮތް ކަމަށް ރައީސް ވިދާޅުވިއިރު، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި، 58505 ފޯމް ހުށަހަޅާފައިވެއެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ ފޯމުތައް އިވެލުއޭޓު ކުރުމަށް ފަހު، އަންނަ ޑިސެމްބަރު މަހު ދާއިމީ ލިސްޓު އާންމުކުރާނެކަން ހާމަކޮށްފައެވެ.
ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސް މުޢިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.