"ޣީބަ ބުނުމާއި، ދޮގުހެދުން، މަކަރާއި ހީލަތްހެދުން ނެތިމޮށުން ފަދަ ހުރިހާކަމެއް ވަނީ ނަހީކުރައްވާފައެވެ.އެއިން އެއްވެސް ކަމަކުން ތިބާގެ ރޫހަށް ހިތްހަމަޖެހުމެއް ނުލިބި ހުސްކަން އިހުސާސްކުރެވޭނެއެވެ. ﷲ ތައާލާ ނަހީކުރެއްވި ކަންތައްކުރުމުން ދުރުހެލިވެ ތިބާގެ ނަފުސް އިސްލާހު ކުރާށެވެ. "

***

"މަންމާ..." ޒާއިމް ޖަޒީރާގެ ދެއަތްޕުޅުގައި ވަރަށް ބާރަށް ހިއްޕަވާލެއްވިއެވެ. އެމަނިކުފާނުގެ އަޑުފުޅު ތުރުތުރުއަޅައިގަތެވެ. "އަޅުގަނޑު މަންމަ ގާތު... ވަރަށް ބޮޑު ވާހަކައެއް... ވަރަށް ބޮޑު ޙަޤީޤަތެއް ކިޔައިދޭން ބޭނުން..."

ޖަޒީރާ ހައިރާންފުޅުވެ ޒާއިމްގެ މޫނުފުޅަށް ބައްލަވާލެއްވިއެވެ. "ދަރިފުޅާ... ކޮން ވާހަކައެއް؟"

ޒާއިމް މަންމާފުޅުގެ ލޯފުޅަށް ސީދާ ބައްލަވާލެއްވިއެވެ.

"މަންމާ...އަޅުގަނޑު..."

"ދަރިފުޅާ... ހާދަ ބޮޑު ކަމަކާއި ތިހެން ދަރިފުޅު ހާސްވާނީ..މުޖާހިދެއް...ﷲ ފިޔަވާ އެހެން ފަރާތަކަށް ބިރެއް ނުގަނޭ...އެކަމަކު މިއަދު މަންމައަށް މިފެންނަނީ މުޅިން ތަފާތު މަންޒަރެއް.... މަންމަގެ ބިރުކުޑަ ހިތްވަރުގަދަ މުޖާހިދު ބަލިކަށިވެފައިވާތަން...ކިހިނެއްވީ ޒާއިމް..."

"މަންމާ...ބިރުގަތީއެއްނޫން.....ހިތާމަ...ޚިޔާލުކުރަން ދަތި ކަމަކާއި ދިމާވީ......" ޒާއިމް އިސްތަށިފުޅުގައި އަތްޕުޅު ހިންގަވައިލެއްވިއެވެ. "މަންމައަށް އެނގިވަޑައިގަންނަވާނެ....އަޅުގަނޑުގެ ހިތުގައި މަންމައަށްޓަކައިވާ ލޯތްބަކީ އެއްވެސް އިޚުތިޔާރެއްނެތި އުފެދިފައިވާ އަދި ދުވަހަކުވެސް ފަނޑުވެގެންދާނެ ލޯތްބެއް ނޫން އިންޝާﷲ.... ނަމަވެސް... އަޅުގަނޑުގެ ހަގީގީ އާއިލާއާއި ނަސަބު މަންމައަށް ސިއްރުކޮށްގެން ހުރުމަކީ ހިތަށް ކެތްކުރެވޭނެ ކަމެއް ނޫން....."

"މަންމާ... އަޅުގަނޑުގެ މަންމައަކީ ރަސްގެފާނު ފެޑިނަންޑްގެ ދަރިކނަބަލުން ކެތްރީން.... އަޅުގަނޑުގެ ލޭގައި ހިނގަނީ އީސާއީ ޚާންދާނެއްގެ ލޭ...."

އެ ލަފުޒުތައް އިވިވަޑައިގަތުމާއެކު ޖަޒީރާގެ މުޅި ހަށިކޮޅު ތުރުތުރުއަޅައިގަތެވެ. އެކަމަނާގެ ނޭވާފުޅު އަރުތެރޭގައި ތާށިވެ ދެލޯފުޅުން ކަރުނަ ފާއްދާލިއެވެ. "ކީކޭ..ދަރިފުޅު؟ ކާކު ތިވާހަކަ ބުނީ؟ މަންމަގެ އުނގުގައި ބޮޑުވި... މަންމަގެ ހުރި ހަމައެކަނި ދަރިފުޅު....."

"މަންމާ.. އަޅުގަނޑު މިއީ ހަމަ މަންމަގެ ދަރިފުޅު...."އެމަނިކުފާނު މަންމަގެ ކުރިފުޅުމަތީގައި ބިންމަތީގައި އިށީދެވަޑައިގަތެވެ. "އަޅުގަނޑުގެ އަސްލު މަންމައަކީ އީސާއީއަކަށް ވިޔަސް އަދި އަޅުގަނޑުގެ ނަސަބު ކިތަންމެ ތަފާތު ވިޔަސް... ހިތުގައި މަންމައަށް އޮތް ޤަދަރަކާއި ލޯތްބަކަށް އެއްވެސް ބަދަލެއް ނާންނާނެ..އަޅުގަނޑު ލޯތްބާއި އޯގާތެރިކަމުގެ ދެވަނައެއްނެތް ފަދަގޮތަކަށް ބޮޑުކުރެއްވީ މަންމަ... އަޅުގަނޑުގެ ހިތުގައި އިސްލާމްދީނުގެ ނޫރު އިންދައިދިނީ މަންމަ.... ކޮންމެގޮތެއްވިޔަސް މިހާރު ހަގީގީ މަންމައަކީ ހަމަ ތިއީ...'

ޖަޒީރާގެ ކޯތާފަތްޕުޅުމަތިން ކަރުނަފޮދު ހުއްޓުމެއްނެތި ތިރިއަށް ސައިލް ހަދައިލިއެވެ. އެކަމަނާގެ ހިތްޕުޅުގައި އުފެދުނު ބިރުވެރިކަމާއި ހިތާމައިގެ ތެރެއިން ޒާއިމްގެ އެ އިޚުލާސްތެރި ބަސްފުޅުތަކުން މަޑުމަޑުން ހަމަޖެހުން ލިބިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ މާތް އިސްލާމްދީން ދަސްކޮށްދެނީ އުފަން މަންމައަކީ އެހެން ދީނެއްގެ މީހަކަށް ވިޔަސް، އެ މަންމައަށް އިޙްތިރާމްކޮށް ހެޔޮކޮށް ހިތުމަށް..." ޒާއިމް ވިދާޅުވިއެވެ. "އަޅުގަނޑުގެ އުފަން މަންމަ ކެތުރިންއާމެދު ހިތުގައި އޯގާތެރިކަމާއި ކުލުނު އޮތްކަމުގައި ވިޔަސް، މަންމައަށް ދީފައިވާ މައިވަންތަކަމުގެ މަޤާމަކަށް އެއްވެސް އުނިކަމެއް ނާންނާނެ."

އެވަގުތު ކޮޓަރިކޮޅުގެ ކުޑަކޮށް ހުޅުވިފައިވާ ދޮރުކޮޅުން އެތެރެއަށް ވަދެވަޑައިގަތީ ބުތައިނާއެވެ. އޭރުވެސް ޒައިމް އިންނެވީ ޖަޒީރާ އިށީދެވަޑައިގެން އިންނެވި ގޮނޑިކޮޅުގެ ކުރިމަތީގައި ބިންމަތީގައެވެ. ޖަޒީރާއާއި ޒާއިމްގެ ދެމެދުގައިވާ އަސަރުގަދަ މަންޒަރަށް ބައްލަވަން ހުންނަވާފައި ވާހަކަދެއްކެވިއެވެ.

"ޖަޒީރާ..." ބުތައިނާ ވިދާޅުވިއެވެ. "ޒާއިމް އެ ވިދާޅުވީ މުޅިން ތެދު ބަސްފުޅެެއް... މާޒީގައި ހިނގާދިޔަ ކަންތައްތަކަކީ އަޅުގަނޑުމެންގެ އިޚްތިޔާރުގައި އޮތް ކަންކަމެއް ނޫނެވެ. ނަމަވެސް... މި ޙަޤީޤަތް މުސްލިމުންގެ ޝާހީ އާއިލާގެ ތެރޭގައި، ޚާއްސަކޮށް ރާބިޔާއަށް އަށް އެނގިވަޑައިގެންފިނަމަ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރިވާން..."

ބުތައިނާ ޒާއިމްގެ ކޮނޑުފުޅުގައި އަތްޕުޅު ޖައްސަވާލެއްވިއެވެ. "އެހެންކަމުން އަޅުގަނޑުމެން ތިން މީހުންގެ މެދުގައި މި ސިއްރު ރައްކާތެރިކޮށް ބާއްވާނީ.... ޒާއިމްއަކީ ހަމައެކަނި ޖަޒީރާގެ ދަރިކަލުންގެ ގޮތުގައި އަދި މުސްލިމުންގެ އަމީރުގެ ގޮތުގައި ދެމިހުންނަވާނީ.... މިއީ އަޅުގަނޑުމެންގެ އާއިލާއާއި ޒާއިމްއާއި ހާލާގެ މުސްތަޤުބަލަށްޓަކައި ހިފަހައްޓަންޖެހޭ ސިއްރެެއް....."

ޖަޒީރާ ޒާއިމްގެ މޫނުފުޅުގައި ދެއަތްޕުޅުން ހިއްޕަވައި އެ ނިތްކުރީގައި ބޮސްދެއްވިއެވެ. "މަގޭ ދަރިފުޅާ... މަންމަގެ ހިތުގައި ދަރިފުޅަށްޓަކައިވާ ލޯތްބަކީ މުޅި އުމުރަށްވެސް ފަނޑުވުމެއްނެތް ލޯތްބެއް....."

އަޅުގަނޑުވެސް އެހާވަރުން މި ޝަހަރަށް އައީވެސް ސީދާ ޖަޒީރާއާއި ބައްދަލުކޮށްލަން. މިދެ ރަސްކަމުގައި އުފެދިފައިވާ ނުތަނަވަސްކަމާއެކީގައި ދިރިއުޅުމަށް މިއައި ހަލަބޮލި ދަނޑިވަޅުގައި މި ޝަހަރާއި އާއިލާ ރައްކާތެރިކުރަން ރޮޑްރިގޯއާއި ކައިވެނިކުރީ މާތް ރަސްކަލާނގެ އިރާދަފުޅާއެކު މި ގުޅުމުގެ ސަބަބުން މާބޮޑު ލޭއޮހޮރުވުމެއްނެތި މިކަންތައް ހަމަޔަކަށް އެޅޭނެ....."ބުތައިނާގެ ލޯފުޅުން ފެނުނީ ތަފާތު ވިދުވަރެކެވެ. ހަގީގަތުގައި އެކަމަނާގެ ލޯ ފުޅު އަބަދުވެސް ހުއްޓިފައިވީ ބާރާއި ނުފޫޒަށެވެ. ރަސްކަމަށެވެ. އެކަމަނާގެ ނަންފުޅު ތާރީޚުގައި ލިޔެވިގެން ދިޔުމަކީ ހުވަފެންފުޅެކެވެ.

ޒައިމް ދެކެވަޑައިގަތީ ގައުމާއި ދީނަށް ޣައްދާރުވީކަމުގައެވެ. އެއީ އެއްގޮތަކަށްވެސް ޒާއިމް ގަބޫލުފުޅުކުރައްވާނެކަމެއް ނޫނެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި ޚިޔާލު ތަފާތުވެ މަދު މުޖާހިދެއް ފިޔަވާ އެންމެން ހެއްލެމުން ދިޔައީ ދުނިޔޭގެ ވަގުތީ އުފަލާއި އަރާމަށެވެ. މުސްލިމުންގެ ރަން ޒަމާންގެ ތަރި އޮއްސުމުގެ ހުރިހާވެސް އަސްލަކީ ހަވާނަފުސަށް ހެއްލުމެވެ. އީމާންތެރިކަން ބަލިކަށިވެ ހާވިޔާވެ ދުނިޔެއަށް ފޮނުއްވި މަގުސަދުވެސް ހަނދާން ނައްތައިލީއެވެ. އަމިއްލަ ދީނުގެ ދިފާއުގައި ކަނޑި އުފުލަން ބޭނުންނުވެ ކާފަރުންގެ ވެރިކަމުގެ ހިޔަލުގައި އުޅެން ނިންމީއެވެ.

***

ގަނޑުވަރުގެ ތެރެއަށް ވަރުގަދަ ހަލަބޮލިކަމެއް ގެނުވި ހާދިސާތަކަށްފަހު އާލަމް ހުންނެވީ ކޯފާވެފައެވެ. ސިކުނޑީގައި އެނބުރެމުންދިޔައީ މުޅި ހަޔާތްޕުޅުގެ މަގުސަދުކަމުގައި ދެކޭ ވެރިކަން ހޯދުމެވެ.އެހެން ހުއްޓާ ރޮޑްރިގޯ މުސްލިމުންގެ ޝާހީ އާއިލާގެ ބާރު ކަނޑުވާލުމަށްޓަކައި ބުތައިނާއާއި ކައިވެނިކުރެއްވުމުން އާލަމްގެ ހިތްޕުޅުގައި އުފެދުނު ޙަސަދަވެރިކަން ދެގުނަވިއެވެ. އެމަނިކުފާނު ބޭނުންފުޅުވީ ރޮޑްރިގޯގެ އަތްޕުޅުން ވެރިކަން ފިރުކައިގަތުމަށެވެ.

"ރޮޑްރިގޯ އަވަހާރަކޮށްލައި މުޅި ވެރިކަން އަހަރެންގެ އަތްދަށަށް ގެންނަން އޮތް އެންމެ ފަސޭހަ މަގަކީ އޮލީވިއާއާ ކައިވެނިކުރުން..." އާލަމް ގެ ހިތްޕުޅުގައި އެތައް ރޭވުމެއް އެނބުރުނެވެ. "އޮލީވިއާއަކީ ރޮޑްރިގޯގެ އިތުބާރު ލިބިފައިވާ ގަނޑުވަރުގެ އެންމެ އެތެރޭގެ ސިއްރުތައް ދަންނަ ކަމަނާ.. އެކަމަނާއާއި ގުޅިގެން ރޮޑްރިގޯގެ ދުވަސް ދުއްވާލުމަށްފަހު މުޅި ޝާހީ ރަސްކަން އަހަރެންގެ ބާރުގެ ދަށަށް ގެންނާނަން....އޭރުން މުސްލިމް އަދި އީސާއީ ރަސްކަންވެސް އޮންނާނީ މަގޭ އަތުގައި...."

އެ ހުވަފެންފުޅު ހަގީގަތަކަށް ހެއްދެވޭނީ މަންމަގެ އެއްބާރުލުން ލިބިގެންނެވެ.

އާލަމް ސީދާ ވަޑައިގަތީ މަންމަ ބުތައިނާގެ އަރިހަށެވެ. ސިޔާސީ މަސްލަޙަތަށްޓަކައި އޮލީވިއާއާ ކައިވެނިކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާ އެ ކައިވެނި ހަމަޖައްސަވައިދެއްވުމަށް މަންމަގެ ކިބައިން އެދިވަޑައިގަތެވެ. ބުތައިނާ އާލަމްގެ ފޮރުވިފައިވާ ނުބައި ނިޔަތް އެނގިވަޑައިގަތުމަކާ ނުލައި ދެ އާއިލާގެ ސުލްހައަށްޓަކައި އެކަމަށް އެއްބަސްވިއެވެ.

އަނެއްކޮޅުން މަންމަ މާގްރެޓްގެ ކުއްލި ވަކިވުމާއި ޒާއިމް ގަނޑުވަރުން ސަލާމަތްވެގެން ވަަޑައިގަތުމުން އޮލީވިއާ ހުންނެވީ އިންތިހާއަށް މާޔޫސްވެ ނަފްސާނީ ގޮތުން ބަލިކަށިވެފައެވެ.

އޮލީވިއާއަކީ އެހާ ރޫފައާއި ބައްޓަން ރީތި ނޫންކަމަށް އަމިއްލައަށް ގަބޫލުފުޅުކުރައްވާ އެކަމާއި އެތައް ޝަކުވާއެއް ކުރައްވާ ބޭކަނބަލެކެވެ. ޒާއިމްގެ ލޯބި ހޯއްދަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެ އެކަމުގެ ހިތާމައިގާ އާލާސްކަންފުޅާ އޮންނަވަނިކޮށް ރޮޑްރިގޯ އާލަމްގެ ކައިވެނީގެ ހުށަހެޅުމުގެ ވާހަކަދެއްކެވިއެވެ. އޮލީވިއާއަށް ގަބޫލުފުޅު ކުރައްވަން ދަތިވިއެވެ. އާލަމްގެ ރީތިކަމާއި ޒުވާންކަމަަށް އަންހެންކުދިން ގުރުބާންވާނެއެވެ. އެހާ ރީތި ޒުވާން ރަސްދަރިކަލަކު އެކަމަނާގެ ކައިވެންޏަށް ހުށަހެޅުއްވުމުން ފަޚުރުވެރިވެ ވަޑައިގަތެވެ. ޚާއްޞަކޮށް އާލަމްއަކީ ޒާއިމްގެ ޅިޔަނަށް ވެފައި މި ކައިވެނީގެ ޒަރީޢާއިން އަލުން ޒާއިމްއާ ހަމައަށް ފޯރެވިދާނެކަމުގެ މޮޔަ އުއްމީދު އޮލީވިއާގެ ހިތްޕުޅުގައި އުފެދުނެވެ.

އޮލީވިއާ ގަނޑުވަރުގެ ބަގީޗާގެ ތެރޭގައި އާލަމްއާއި ބައްދަލުކުރެއްވިއެވެ. ދެބޭފުޅުން އިށީދެވަޑައިގެންނެވީ މަރުމަރުހިލައިގެ މޭޒެއްގެ ވަށައިގެންވާ ގޮނޑިކޮޅުގައެވެ. ހުދު މޭޒުކޮޅުމަތީގައިވާ ވާސްއެއްގައި ރަތް ފިނިފެންމާތައް ރީތިކޮށް އަތުރާލާފައި ހުއްޓެވެ. ހުދާއި ރަތްކުލަ އެއްވެގެން ޖާދޫއެއްހާ ރީއްޗެވެ.

"އާލަމް... އަޅުގަނޑާއި ކައިވެނިކުރަން ހުށަހެެޅީ ކޮން ނިޔަތެއްގައި؟ އަޅުގަނޑުގެ މަންމަ ގެއްލި މުޅި ދުނިޔެ އެކޮޅުކޮޅުން ޖެހިފައިވާ ވަގުތެއްގައި..."

އާލަމް އޮލީވިއާގެ އަތްޕުޅުގައި މަޑުމަޑުން ފިރުމައިލެއްވިއެވެ. "އޮލީވިއާ... އަހަރެން މިތަނަށް އައީ ތިޔަ ހިތާމަތަކުގައި ބައިވެރިވެ އޮލީވިއާއަށް ރައްކާތެރިކަން ދިނުމަށް..... އަހަރެމެންގެ މި ކައިވެނިން މުޅި އަންދަލުސްއަށް ސުލްޙަ އަންނާނެ. އަދި ޒާއިމްއާއި ދޭތެރޭ އޮތް މައްސަލަ ފޮހެވި، އަލުން ގުޅުންތައް ބަދަލުވުމުގެ މަގު ތަނަވަސްވެގެންދާނެ..........."

އޮލީވިއާގެ މޫނުފުޅުން ފެނުނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.

"އެހެންނޫނަސް އޮލީވިއާ ފެނުނު ދުވަހުން ފެށިގެން އަހަންނަށް ތި ކުއްޖާއާއި ރުހެވިއްޖެ...އެހެން އަންހެންކުދިންނަށްވުރެ ހުރިހާގޮތަކުން އޮލީވިއާ ފުރިހަމަ..."އާލަމް ރަތް ފިނިފެންމަލެއް ނަންގަވާފައި ދިއްކޮށްލެއްވިއެވެ."އަހަންނަކީ ހަމަ ކަމަނާގެ ޣުލާމެއް..އަަހަންނާއި ކައިވެނިކުރަން އެއްބަސްވާނަންތަ؟"

އޮލީވިއާގެ ލޯފުޅުގައި ހާސް އުއްބައްތި ދިއްލުނުފަދައިން ވިދުން ގަދަވިއެވެ. މުޅި މޫނުފުޅަށް ރަތްކުލަ ފާއްދައިލިއެވެ.

އާލަމްގެ ދޫފޫޅުގެ ކުޅަދާނަކަމާއި މަކަރުވެރި ބަސްތަކަށް އޮލީވިއާ ހެއްލިވަޑައިގެން އެ ކައިވެންޏަށް އެއްބަސްވެވަޑައިގަތެވެ.

އޮލީވިއާއަށް އާލަމްގެ މަކަރުވެރިކަމާއި ހިތުގައިވާ ސިއްރެއް ނޭގުނެވެ. އާލަމްގެ ހިތްޕުޅުގައި ވަނީ ރޮޑްރިގޯއާއެކު އޮލީވިއާވެސް އަވަހާރަކޮށްލާ ތަޚުތު ފޭރިގަތުމުގެ ނުބައި ވިހަ ރޭވުމެވެ.

***

ކައިވެނީގެ ހަފްލާ އޮތީ ބަގީޗާގެ ތެރޭގައެވެ. ޝާހީ އާއިލާގެ މެމްބަރުންނާއި އަމީރުންނާއި ޢިއްޒަތްތެރިން އެތަނުގައި ތިއްބެވިއެވެ. އެ ހަފްލާ ނިމުމުން އާލަމްއާއި ރޮޑްރިގޯ ވާހަކަދައްކަވަން ތިއްބެވީ ގަނޑުވަރުގެ ކޮޓަރިކޮޅެއްގައެވެ.

"ސާހިބާ...." އާލަމް ތުންފަތްޕުޅުގައިވީ މަކަރުވެރި ހިނިތުންވުމެކެވެ. "މަނިކުފާނު ތިޔަ ހުންނެވީ މުސްލިމުންގެ މައްޗަށް ބާރުފޯރުވަން މަންމައާއި ކައިވެނި ބައްލަވައިގެން..... އެކަމަކު މަނިކުފާނަށް އެނގިވަޑައިނުގަންނަވާކަމެއް އެބައޮތް..... އެއީީ މަނިކުފާނުގެ އެންމެ ބޮޑު ދުޝްމަނު ޖޯންގެ ލޭ މިހާރުވެސް މި ޝާހީ ޚާންދާނުގެ ތެރޭގައި ވާކަން...."

ރޮޑްރިގޯގެ މޫނުފުޅުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެގެންދިޔެވެ. "ކީކޭ؟ ތިޔަ ކިޔަނީ ކީކޭ؟ ޖޯންގެ ލޭ....."

"މަނިކުފާނު އަޑުފުޅުު މަޑުކުރައްވާ......މިއީ އެހެން މީހަކަށް އެނގިގެންވާނެ ސިއްރެއްނޫން....." އާލަމް ވަށައިގެން ހޯއްދަވައިލެއްވިއެވެ.. "ޒާއިމްއަކީ ހަމައެކަނި މުސްލިމުންގެ އަމީރެއްނޫން..... އެއީ ޖޯންއާއި ކެތުރިންގެ އުފަން ދަރިކަލުންް....ޖޯންގެ ނަސަބު ދަމަހައްޓާނެ ދަރިއެއް....."

އެ ބަސްތައް އިވިވަޑައިގަތުމުން ރޮޑްރިގޯގެ މުޅި ހަށިކޮޅު ކޯފާގެ ސަބަބުން ތުރުތުރުއަޅައިގަތެވެ. ދެލޯ ބޮޑުވެ ވިންދު އަވަސްވިއެވެ. ޖޯންގެ ނަމަކީ އަދިވެސް ރޮޑްރިގޯގެ ހިތްޕުޅުގައި އެންމެ ބޮޑު ނަފުރަތެއް އޮތް ނަމެވެ. އެންމެ ބޮޑު އަދާވާތްތެރިޔާއެވެ. ކޮއްކޯފުޅު ހައްލާލައިގެން އާއިލާގެ ހިތްތައް ކުދިކުދިކޮށްލީއެވެ.

"ޒާއިމް... ޖޯންގެ ދަރިއެކޭ؟" ރޮޑްރިގޯގެ އަޑުފުޅު ބެދުނެވެ. "އޭނާ... އޭނާ އަދިވެސް ދިރިހުރިތަ؟"

"އާދެ.....އޭނާ މިހާރު މުސްލިމުންގެ ކޭމްޕުގައި ނެތްކަމެއްވެސް ނޭގޭ. ސާހިބާގެ ތަޚުތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޒާއިމް.. ކެތްރީންގެ ދަރިކަލުން...އަޅުގަނޑުގެ ދޮންމަންމާފުޅު ޖަޒީރާ ޒާއިމް ކުޑައިރުއްސުރެ އަމިއްލަ ދަރިއެއްފަދައިން ގެންގުޅުއްވީ..އޭރުވެސް ޒައިމްގެ ސިފަ ބައްޕާފުޅު އަދި އާއިލާއާއި ވައްތަރުނުވުމާއި އެހެން ސަބަބުތަކާއިހުރެ ޚާދިމާއިންވެސް އެވާހަކަ ސިއްރުން ދައްކ.ާ..ޝައްކު ކުރޭ...ޒާއިމްއަކީ އެހެން މީހެއްގެ ދަރިއެކޭ ފާޅުގައި ކިޔަން ނުކެރެނީ ބައްޕާފުޅުވެސް ޒާއިމްދެކެ ލޯބިވީވަރުން........މަންމަވެސް މާމަގެ އަރިހުގައިވެސް މިފަހުން އެވާހަކަދެއްކި..މާމަ އެކަން ތަހުގީގުކުރާ ހިސާބުގައި އޮތވާ ފަޅާއެރީ...މަނިކުފާނު ޒާއިމް ހަވާލުކުރީ ފާރިސްއާއި...އޭނަ މަނިކުފާނަށް ބޭވަފާތެރިވެ ޒައިމް ގެންގޮސް ޖަޒީރާއާއި ހަވާލުކުރީ....ފާރިސްގެ ދަރި އުވައިސްވެސް މިތަނުގެ ގައިދީއެއްގެ ގޮތުގައި ހުރެފައެއްނު އެ ސަލާމަތްކުރީ...."

ރޮޑްރިގޯގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. ވެރިކަމާއި ތަޚުތު ގެއްލިދާނެކަމުގެ ބިރުވެރިކަމުގައި އެމަނިކުފާނު ވަގުތުން އެމަނިކުފާނުގެ ޚާއްސަ ހަގުރާމަވެރިންގެ ތެރެއިންވެސް އެންމެ ކުޅަދާނަ މީހާ ގެންނަން އަމުރުކުރެއްވިއެވެ.

"އެކަން އެހެން ވިޔަ ނުދޭނަން.....އަހަރެންގެ ޚާއްޞަ ޖާސޫސުންނާއި ޤާތިލުން ފޮނުވައިގެންހަމަ މިހާރު އެ ނުލަފާ ކަލޭގެއާއި ދަރި އަދި މުޅި އާއިލާވެސް ނައްތައިލާނަން. އޭނަ ހީކުރީ މަށަށް ކެހިދީފައި ސަލާމަތް ވާނެކަމަށްތަ؟ އޭނަގެ ދަރިފަސްކޮޅު މިހިސާބުން ނިމުނީ....ނުލަފާ ޖާހިލެއް...ރަސްކަލުންނަށް އެހެން ކެހިދިނުމަކީ ކިހާވަރެއްގެ ކަމެއްކަން އެހެން މީހުންނަށް އިބުރަތަކަށްވާނެ ސަޒާއެއްދޭނަން.....އަދި އޭނައާއި އާއިލާއާއެކު ޒާއިމްގެ ފުރާނަ ދުއްވާލާނަން..... ޖޯންގެ އެއްވެސް ނަސަބެއް މި އަންދަލުސްގެ ބިމުގައި ދިރިއެއް ނުހުންނާނެ ..."ރޮޑްރިގޯ ހިތްޕުޅަށް އެތައް އެއްޗެއް އަރާ ފޭބިއެވެ.

***

ކެތްރީންއަށް އެހުރިހާ ވާހަކަތަކެއް އަޑު އައްސަވަން ކުޑަދޮރުކައިރީގައި ހުންނެވުމަށްފަހު އަވަހަށް މެތިއު ހުރި ކޮޓަރިއަށް ވެދެވަޑައިގެންނެވިއެވެ. މެތިއުއަށް އެ ވާހަކަތައް ކިޔާދެއްވުމަށްފަހު ވަގުތު ނަންގަވައިނުލައްވާ އަވަހަށް އެތަނުން ދަތުރުކުރެއްވުމަށް ނިންމެވިއެވެ. ރޮޑްރިގޯގެ ޚާއްސަ ޖާސޫސުންނާއި ހަގުރާމަވެރިންނަށްވުރެ ކުރިން ޝަހަރަށް ވަޑައިގަންނަވަން އެބަޖެހެއެވެ. ދަންވަރު ސިއްރިއްޔާތުގައި މެތިއުއާއި ކެތުރިން އަދި ދަރިކަލުން ޑެނިލްއާއެކު ގަނޑުވަރުގެ ސިއްރު ދޮރާށްޓަކުން ނިކުމެވަޑައިގެން އަހުގައި ދަތުރުފެއްޓެވިއިރު ކެތްރީންގެ ހިތްޕުޅުގައިވަނީ ހަމައެކަނި ޒާއިމްއެވެ. ދަރިކަލުންނަށް ހިމާޔަތް ދެއްވުމެވެ. އަދި ޒައިމްއަށްޓަކާ އަމިއްލަ ފުރާނަ އަތަށްލައިގެން އުޅުނު ފާރިސްއާއި އާއިލާވެސް ސަލާމަތްކުރުމަށް ބޭނުންފުޅުވިއެވެ.

ކެތްރީން ތަންކޮޅެއް ދުރަށް ވަޑައިގެންފާ އަސް އަނބުރާލެއްވިއެވެ. ވަދާއުގެ ނަޒަރަކުން ބައްލަވައިލެއްވިއިރު ލޯފުޅުގައި ކަރުނަފޮދު މުތީތަކެއްފަދައިން ބަބުޅައެވެ."މައިންބަފައިންނާއި ބޭބެއާއި އަބަދަށްޓަކާ ވަކިވެގެންދާކަމުގެ އިހުސާސް މިފަހަރު ކުރެއްވިއްޖެ...މާރްތަސްކަލާނގެ ތިޔަ ލޯބިވާ އާއިލާ ސަލާމަތުން ލަހައްޓަވާށި..މިދަނީ މަޖުބޫރުވެގެން...އަމިއްލަ ދަރިފުޅު މި އަނިޔާއިން ސަލާމަތްކުރަން....މަންމައެއްގެ ހިތަށް ކެތްކުރެވޭނީ ކިހިނެއް؟ މިއަދު މިދަނީ ހިތާއި ދެކޮޅަށް..މަންމައާއި ބައްޕަވެސް އަހަންނަށް މާފުކޮށްދެއްވާ..."

"އެކަމަކު މިހާރު އުއްމީދުގެ ހުޅުކޮޅެއް ފެނިއްޖެ.. މިބިމުގައި މުސްލިމުންނާއި އީސާއިންގެ އޮތް އަނިޔާވެރިކަން ނިމުމަކަށް އަންނަ ދުވަސް ގާތްވެއްޖެހެން ހީވޭ...އެކަމަކު ޔަގީނުންވެސް ޒާއިމްގެ ސަލާމަތްކަން މިބިމަކު ނެތް...އެކަމަކު އެހެން ބިމެއްގައި އަހަރެންގެ ކުޑަ އާއިލާއަށް ހަމަޖެހިލައިގެން އަމާންކޮށް އުޅެވޭނެކަމަށް ހިތް އެބަބުނޭ.."

ކެތްރީން އަސް ދުއްވައިލީ މެތިއުއާއި ޑެނިއަލްގެ އަހުގެ ފަހަތުންނެވެ. ގަނޑުވަރު ދުރުވަމުންގޮސް ލޯމަތިން ގެއްލުނެވެ.

***

ރޮޑްރިގޯއާއި ބުތައިނާ ކޮޓަރިކޮޅުގައި ތިއްބަވަނިކޮށް ފާރަވެރިޔަކު ދުވަމުން އައިސް ދޮރުގައި ޓަކިޖެހިއެވެ. އިޒުނަ ލިބުމާއެކު ވަންއިރު ފާރަވެރިޔާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ހާސްކަމުގެ ކުލަވަރެވެ.

"ސާހިބާ... ކެތްރީންއާއި ޑެނިއަލް ގަނޑުވަރު ދޫކޮށް ވަޑައިގެންފި....ޑެނިއަލްއަށް ބޭސްކުރަން ގެނެސްފައި ހުރި މެތިއުވެސް ހިގައްޖެ...."

"ކީކޭ؟" ރޮޑްރިގޯ ގެ އަޑުފުޅު ބާރުވިއެވެ. "އެ މީހުން... މިހާރު ފިލައިގެން ދިޔައީއޭ؟ ފާރަވެރިންނަށް ނޭގި ކިހިނެއް އެހެން ފިލައިގެން ދެވުނީ؟"

ރޮޑްރިގޯ އިންތިހާއަށް ކޯފާވެ ކައިރީގައި ހުރި މޭޒު މަތީގައި ހަންމުށްޓަކުން ޖެއްސެވިއެވެ. ޤާފިލާ ހޯދުމަށް ޖާސޫސުންނާއި ގާޑުން ފޮނުވުމަށް އަމުރުކުރެއްވިއެވެ. ނަމަވެސް، އެ މީހުން ގަނޑުވަރުން ބޭރުވެފައިވާ އިރު އެ ކުޑަ ގާފިލާ ވަނީ އީސާއީންނާއި މުސްލިމުންގެ ސަރަހައްދުންވެސް ދުރަށްގޮސް ތަންކޮޅެއް އެކަހެރި މަގަކުން ސަލާމަތުގެ އައްސޭރިއަށް ދަތުރުފަށާފައެވެ.

ރޮޑްރިގޯގެ ތަޚުތާއި އޭނާގެ އަނިޔާވެރިކަމާއި ޙަސަދަވެރިކަމަށް ލިބުނު ނާކާމިޔާބީއަކަށްވެ ކެތްރީންގެ އާއިލާއަށް މިނިވަންކަމާއި ރައްކާތެރިކަން ލިބިގެންދިޔައެވެ. ކެތްރީންއާއިއެކު ޒާއިމްއާއި އަނބިކަނބަލުން ހާލާ އަދި ރާބިޔާވެސް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަތުރުފެށްޓެވިއެވެ. އެގާފިލާގައި ތާރިގުއާއި މެތިއުއާއި ފާރިސްގެ އާއިލާއާއި އަދި ޒާއިމްއަށް ވަފާތެރި އެހެން ހަގުރާމަވެރިންތަކެއްވެސް ހިމެނުނެވެ. ޒާއިމްގެ ހިތްޕުޅުގައި އޮތީ އެހެން އުއްމީދެކެވެ. ހާލާއަށް ހިމާޔަތްލިބޭފަދަ ތަނެއްގައި ބެހެއްޓެވުމަށްފަހު ހަނގުރާމައިގެ މައިދާނަށް އެނބުރި ވަޑައިގަތުމެވެ.

***

ދުވަސްގަނޑެއްފަހުން އަންދަލުސްގެ މަސްރަޙު މުޅިން ބަދަލުވެގެންދިޔައެވެ. ރޮޑްރިގޯއާއި އާލަމްގެ ނުބައި ރޭވުންތަކާއެކު މުސްލިމުންގެ އެ ތާރީޚީ ކިއްލާވެސް ވެސް މުޅިން ރޮޑްރިގޯގެ ބާރުގެ ދަށަށް ދިޔައެވެ. ތާރީޚުގައި ލިޔެވިފައިވާ ހިތާމަވެރި ޙަޤީޤަތް ފަދައިން އަންދަލުސްގެ ބިމުން މުސްލިމުން ބޭރުކޮށްް އެ ދީން މަޖުބޫރުން ބަދަލުކުރުވާ ފަދަ ނުރައްކާތެރި ޙާލަތަކަށް މުޅި މަދަރުސާތަކާއި ޝާހީ ގަނޑުވަރާއި އޮފީސްތައް ބަދަލުވެގެންދިޔައެވެ.

"އަންދަލުސްގެ އަސްލު ޒަމާން ބަދަލުވިއެވެ. މުސްލިމުންގެ އަމިއްލަ ބިމުގައި އެމީހުންގެ ބާރު ކަނޑި އީސާއިންގެ ބާރުދަށަށް މުޅި އެގައުމު ކަހަލަގޮތަކަށް ދިޔައެވެ. ބައެއްމީހުން ގަދަކަމުން ދީނަށް ވެއްދިއެވެ. އަންދަލުސްގެ ތާރީޚު ކިޔައިލި މީހަކަށް އިބުރަތްލިބޭފަދަ ހާދިސާތަކެވެ.

ރޮޑްރިގޯއާއި އޭނާގެ ބާރުވެރި ލަޝްކަރުން އަންދަލުސްގެ މުސްލިމުން ބޭރުކޮށް، އެ މިނިވަންކަމާއި ތަޚުތު ހިފެހެއްޓިއިރު މުސްލިމުންގެ ގަނޑުވަރުގެ ތެރޭގައި ތިބި އާއިލާއާއި ޝާހީ ބޭފުޅުންވެސް ތިއްބެވީ މުޅިން ހިތާމައިން ފުރިފައެވެ.

***

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުގެ ތެރޭގައިި ކެތްރީން ރާނީގެ މަގާމުގައި އުފާވެރި ދިރިއުޅުއްވުމެއް ފެއްޓެވިއެވެ. ޒާއިމްގެ ހިތްޕުޅުގައި ތަޚުތުގެ އެއްވެސް ދަހިވެތިކަމެއް ނެތެވެ. އެމަނިކުފާނު ގަނޑުވަރުގައި ހުންނަވަންވެސް ދެކޮޅު ހެއްދެވިއެވެ. ޒާއިމް އެދިވަޑައިގަތީ ގަނޑުވަރުގެ ހަލަބޮލިކަމާ ދުރުގައި ހިމޭން އަމިއްލަ ގެއެއްގައި އޭނާގެ މަންމަ ޖަޒީރާ މާމަ ރާބިޔާ އަދި އަނބިކަނބަލުން ހާލާ އާއިއެކު ދިރިއުޅުއްވުމަށެވެ.

ޒާއިމް މެން ދިރިއުޅުއްވާ ގެއަށް ކެތްރީން ވަޑައިގެންފާ ޒާއިމްއާއެކު ބަގީޗާ ތެރޭގައި ހިންގަވައިލަން ވަޑައިގަތެވެ.

"ދަރިފުޅާ ޒާއިމް..." ކެތުރިން އޯގާތެރިކަމާއެކު ވިދާޅުވިއެވެ. "އެއީ ދަރިފުޅުގެ ހައްގު ތާޖެއް....ދަރިފުޅުގެ ގައިގާ ހިނގަނީ ޝާހީ ލޭ......ގަނޑުވަރަށް ބަދަލުވެ އިނގިރޭސި ތަޚުތުގެ ވާރުތަވެރިޔާގެ ގޮތުގައި ހުންނަންވީ...."

ޒާއިމް އިސްޖަހާލެއްވުމަށްފަހު ވިދާޅުވިއެވެ. "ނޫން، މަންމާ... އަޅުގަނޑު އިނގިރޭސިވިލާތަށް މިއައީ ތަޚުތަކަށް އެދިގެނެއް ނޫން......... އަޅުގަނޑު މިއައީ އާއިލާއަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދޭން... ހިތުގައި ތަޚުތުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް.މަންމައަށްފަހު އެ ތަޚުތުގެ ވާރިސަކީ ޑެނިއަލް...އަޅުގަނޑުގެ ހަގީގަތާއި ހުވަފެނަކީ އެހެން ކަމެއް...އަޅުގަނޑަކީ މުސްލިމު މުޖާހިދެެއް."

ކެތުރިން ގަނޑުވަރުގައި ހުންނަން ވަރަށް ބާރުއެޅުއްވިއެވެ. ނަމަވެސް ޒާއިމްއަކީ މުސްލިމަކަށް ވެފައި އެމަނިކުފާނަކީ ކެތުރިންގެ އުފަން ދަރިއެއްކަން އިނގިރޭސި ދަރުބާރަށް އެނގިއްޖެނަމަ ބޮޑު ފިތުނައަކާއި ހަލަބޮލިކަމެއް އުފެދިގެންދާނެކަން ކެތުރިންއަށްވެސް ވިސްނިވަޑައިގަތެވެ.

"ދަރިފުޅުގެ ނިންމުން ރަގަޅު....." ކެތުރިންގެ ލޯފުޅުން ކަރުނަފޮދު އައެވެ."މި ޙަޤީޤަތް ސިއްރުގެ ގޮތުގައި އޮތުން މާ ރަނގަޅު.... ދަރިފުޅު އުފާވެރިކަމާއި ސަލާމަތްކަން އޮތް ގޮތަކަށް އުޅެންވީ.."

***

ޒާއިމްއާއި ތާރިގު އަދި މެތިއު ގޭގެ ސިޓިންރޫމްގައި ވާހަކަދައްކައިލަން ތިއްބެވިއެވެ. މައުޟޫއަކީ ޖިހާދާއި އިސްލާމީ ފުތޫހާތްތަކެވެ. މުސްލިމުންގެ ތެރޭގައި އޮތް ފިތުނަތަކައި ބައިވުމުގެ ވާހަކަތަކެވެ.

"އަޅުގަނޑުމެންގެ އާއިލާއަށް މިތަނުން ރައްކާތެރިކަން ލިބިއްޖެ....ނަމަވެސް އަޅުގަނޑުގެ އަޞްލު ވާޖިބު އަދި ނުނިމޭ.... އަންދަލުސްއާއި އިސްލާމީ އުންމަތުގެ ޙައްޤުގައި އަލުން ނުކުމެ ހަނގުރާމަކުރުމަށް އަޅުގަނޑު އެކަނިވިޔަސް ދާނަން..."

ތާރިގު ހިނިފުޅުވަޑުވައިލައްވަމުން ޒާއިމްގެ ކޮނޑުގައި އަތްޕުޅުޖައްސަވާލެއްވިއެވެ. "އަހަރެން ވެސް މިހިރީ ޒައިމްއާއެކު ޖިހާދުގެ މައިދާނަށް ނިކުންނަން..އަހަރެމެންގެ ހަގީގީ ތަނަކީ އެއީ..އަހަންނަށް ކުރިންވެސް އެނގޭ ޒާއިމް މިތަނުގައި މަޑުނުކުރާނެކަން..އަހަރެމެން ދީނަށްޓަކާ ކުރަން ޖެހޭ މަސައްކަތް އަދި ކުރިއަށް އޮތީ..އަދިވެސް ދެރަވަނީ ބައްޕައާއި ކޮއްކޮ ބުތައިނާއަށްވެސް ހިދާޔަތް ނުލިބުނީމަ......"

"ދުޢާކުރެއްވުން ގިނަކުރައްވާ....ހުރިހާކަމެއް ރަގަޅުވާނެ އިންޝާﷲ..ހާލާވެސް އެކަމާއި ހިތާމަކުރޭ...."

އެވަގުތު ހާލާ އަންނަތަން ފެނުމުން ދެބޭފުޅުންގެ ނަޒަރުވެސް އެކަމަނާއަށް ހުއްޓުނެވެ. ލޯތްބާއި އޯގާތެރިކަމުން ފުރިފައިވާ ނަޒަރެކެވެ.

***

ގޭގެ ކުޑަ ބަގީޗަގެތެރޭގައި ހުރި ގޮނޑިކޮޅުތަކެއްގައި ކެތްރީންއާއި ޒައިމް ވާހަކަދައްކަވަން ތިއްބެވިއެވެ. ކުޑަ މޭޒުމަތީގައި ކޮފީއާއި ލުއި ފަރިއްކޮޅެއް ހުއްޓެވެ.

"ދަރިފުޅާ ޒާއިމް..އަންދަލުސްގައި މަންމަ އުޅުނުއިރު މަންމަގެ ފުރަތަމަ ލޯބި... ދަރިފުޅުގެ ބައްޕަ ޖޯންއާއެކު ހޭދަވި ދުވަސްތައް މިއަދު ހަނދާންވޭ.... ޖޯން މަރުވީމަކަށް ހީކުރެވުނަސް އަބަދު ހިތުގައި އޮތް އުއްމީދު ނުގެއްލޭ..ކޮންމެވެސް ދުވަހަކުން އަނބުރާ އަންނާނެކަމުގައި މަންމަގެ ހިތް ބުނޭ....."

"މަންމާ... މަންމައާއި ބައްޕަ އަދި ބައްދަލުވުމަށް އެދި ދުޢާކުރަން...ﷲ އިރާދަކުރެއްވިއްޔާ އެދުވަސް ފެންނާނެ.."

އެވަގުތު ދެބޭފުޅުންގެ ނަޒަރުވެސް ހުއްޓުނީ މަޑުމަޑުން ހިނގާފައި އައި ފިރިހެނަކަށެވެ. އުމުރުން ދުވަސްވެ ދަތުރުކުރުމުގެ ސަބަބުން ވަރުބަލިވެފައިވާކަމަށް ދައްކައެވެ. އެހިސާބާއި އަރާހަމަވުމާއެކު ކެތްރީންގެ އަތްޕުޅުގައި ހުރި ކޮފީ ޖޯޑު ބަންޑުންވިއެވެ. އެއީ ހަމަ ޖޯންއެވެ.

"ޖޯން....ޖޯން...ގަބޫލެއްވެސް ނުކުރެވޭ...."

ޖޯންގެ ދެލޮލުން ކަރުނަ ފާއްދައިލުމާއެކު ކެތުރިންއަށާއި ޒާއިމަށް ބަލައިލިއެވެ.

"އާނ....ކެތުރިން..." ޖޯންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. "އަހަރެން މަރެއް ނުވޭ... ފިލައިގެން އުޅުމަށްފަހު މިއަދު އަހަރެން މިއައީ ކެތްރީން.......އަދި އަހަރެމެންގެ ދަރިފުޅު ޒާއިމް ހޯދަން ދިގު ދަތުރެއްކޮށްފައި...."

ޒާއިމްވެސް އިންނެވީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު