މި ސަރުކާރުގެ މެގަ ޕްރޮޖެކްޓް ކަމަށްވާ ރަސްމާލެ ތަރައްގީކޮށް ނިމުމާއެކު އެތަނުގައި ތިބޭނީ ދިވެހީންނާއި އެހެން ގައުމުތަކުގެ މުސްލިމުންކަން ވަރަށް ޔަގީންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
'ނޭޝަން ޗެޓް' ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ފަތުރަމުން ފިޔަ ނަމަވެސް، ރަސްމާލެއަކީ މުސްލިމުންނަށް ފަހި މާހައުލެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި، ރަސްމާލެ ތަރައްގީކުރާނީ ވެސް އެފަދައިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރަލާއި އޫރު މަސް ވެސް އެ ތަނުގައި ނުގެންގުޅެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި ތަނުގައި ރަލެއް ނުވިއްކޭ. އިނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މި ތަނުގައި ފަސް ވަގުތު ބަންގި ގޮވާނެ. މިސްކިތް ހުންނާނެ. ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް އަދި އެ ނޫން ގޮތަކަށް ވެސް ސްކޫލެއް ތައުލީމީ މުއައްސަސާއެއް ނުހުންނާނެ،" ރައީސް ވިދާޅުވިއެވެ.
"..އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް މި ތަނުގައި ތިބޭނީ ދިވެހީންނާ އެހެން ގައުމުތަކުގައި ތިބޭ މުސްލިމުންނާ. އަދި އަމުދުން މިކަހަލަ ތަނަކަށް އަންނާކަށް ބޭނުމެއް ނުވާނެ އެހެން ގޮތަކަށް އުޅޭކަށް. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. ވަރަށް ޕީސްފުލް ގައުމެއް. ވަރަށް ރީތި ގައުމެއް. އެހެންވީމަ މިތަނުގެ ރީތިކަން ހޯދަން ބޭނުންވާ މުސްލިމުން ވަރަށް ގިނަ. އެހެންވީމާ މިތަނަކީ މި ދެންނެވި ފަދަ ތަނެއް،" ރައީސް އިތުރަށް ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވީ ރަސްމާލޭން ހިއްކައިފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދޫކުރަނީ އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، އެ ތަނުގައި ޔަހޫދީން ވަޒަންވެރިވުމަށް ފުރުސަތު އެބައޮތް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.
ހަމައެއާއެކު ބޯހިޔާވަހިކަމަށް މީހުން އެދިއެދި ތިއްބައި ބޭރުގެ ބަޔަކު އާބާދުކުރުމަށް ރާއްޖޭން ބިން ދިނުމަކީ ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށާއި އެއީ އެ މީހުންގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުން ކަމަށް، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި އަލީ ވަނީ މީގެ ކުރިން ރަސްމާލެ މަޝްރޫއު ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ. ނަމަވެސް މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވުމާއެކު އެ ނިންމެވުން މުރާޖާކޮށްދިނުމަށް އެ ކޯޓަށް އަލުން މިހާރު ވަނީ ހުށަހަޅައިފައެވެ.
މި މައްސަލައާ ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ކުއްލި މައްސަލައާއި ގަރާރު ވެސް މިކަމުގައި ހުށަހަޅައިފައެވެ. ނަމަވެސް ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަތައް ވަނީ ބޭރުކޮށްފައެވެ.