ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލައިފައިވާ ރިޝްވަތުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާތަކާ ގުޅިގެން ހުކުމްކުރުން މާދަމާއަށް އޮއްވައި ފަސްކޮށްފިއެވެ.
މި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައި, މާދަމާ ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ތާވަލްކުރިއެވެ. ނަމަވެސް 'ސަން' އަށް އެނގިފައިވާ ގޮތުގައި ހުކުމް އިއްވުން މާދަމާ ނުބާއްވާނެކަން ޔާމީންގެ ވަކީލުންނަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ އަންގައިފައެވެ. އަދި ދެން ހުކުމް އިއްވުން އޮންނާނެ ދުވަހެއް އެ ކޯޓުން ހާމައެއް ނުކުރެއެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ބިޑަކާ ނުލައި ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާއިރު، މިއީ ހަ ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކުގެ ދައުވާތައް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.
ބިޑަކާ ނުލައި ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ފުއްގިރި 1.55 މިލިއަން ޑޮލަރަށް ދޫކުރި މުއާމަލާތަކީ ޔާމީނަށް ފައިސާ ހޯދުމުގެ މަގުސަދުގައި ހިންގި ކަމެއް ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ. އަދި އެއީ ދައުލަތަށް ކުޑަ އަގެއް ވައްދައި ބާކީ ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭގޮތަށް ރޭވި ކަމެއް ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.