ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ދޭން ނިންމައިފި

ހއ. ފިއްލަދޫ: ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1،000ރ. ދޭން ވަނީ ނިންމައިފަ ---

ހއ. ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 1،000 ރުފިޔާ ދިނުމަށް އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން ނިންމައިފިއެވެ.

އަށާރަ އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ޖުމްލަ 1،209 މީހުންގެ އާބާދީއެއް އޮންނަ ފިއްލަދޫގައި މި ވަގުތު އެއްވެސް ހާފިޒަކު ނެތްއިރު، އަންހެނުންގެ ކޮމިޓީން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރަށުގައި އެ ހާލަތު ބަދަލުކޮށް، ކީރިތި ގުރުއާން ހިތުދަސްކުރާ ކުދިން އިތުރުކުރުމެވެ.

މި ފުރުސަތު ހުޅުވާލި ފަހުން މިހާތަނަށް 20 ކުއްޖަކު ވަނީ ނަން ނޯޓުކޮށްފައެވެ. ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ކައުންސިލް އިދާރާގެ ނަންބަރާއި އަންހެނުންގެ ކޮމިޓީގެ ރައީސާގެ ނަންބަރަށް ގުޅައިގެން ނަން ނޯޓުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފިއްލަދޫއަކީ ޤުރުއާނުގެ ދާއިރާއިން ވަރަށް ދަށް ރަށެއް ކަމަށެވެ. އެހެންކަމުން ރަށުގެ އަންހެނުންގެ ކޮމިޓީން މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ޤުރުއާނުގެ އިލްމު އުނގަންނައިދީ، އެ ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޙައްވާ ޒަހީރާ ވިދާޅުވީ، މިއީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ ކުޑަކުދިން ޤުރުއާނަށް ހިތްޖައްސައި އެކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިހާތަނަށް 20 ކުދިން ނަން ނޯޓުކޮށްފައިވުމަކީ ލިބުނު ވަރަށް ބޮޑު ތަރުހީބެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ އުސޫލު ހަމަޖެހިފައިވާ ގޮތުން، ބައިވެރިވެ އައްމާފޮތް ހިތުދަސްކުރާ ކުދިންގެ ކިޔެވުން ބެލުމާއި އިމްތިހާނުކުރުން އޮންނާނީ އަންނަ ރޯދަ މަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގުރުއާނުގެ އިލްމުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެއްގެ ބެލުމުގެ ދަށުންނެވެ.

އަންހެނުންގެ ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި، ގުރުއާން އިލްމުވެރިޔާއަށް ކިޔައިދީގެން ފާސްވާ ކޮންމެ ކުއްޖަކަށް ވެސް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް