މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު، ޗައިނާގެ ބާޒާރަށް ރާއްޖޭގެ ކަނޑުމަސް އެކްސްޕޯޓުކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދު ރާއްޖޭގައި ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް"ގެ ތެރެއިން ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އެ ކުންފުނީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު އަނަސްއެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު، އޯ ވޭގުއޯއެވެ.
މި ފަހުމުނާމާގެ ދަށުން ޗައިނާ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަނެ، އެ ގައުމަށް މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާނެކަމަށް މިފްކޯއިން ބުނެއެވެ. މީގެ ތެރޭގައި އުފެއްދުންތެރިކަމުގެ ފެންވަރާއި، މަސް ބަންދުކުރުމާއި، ލޮޖިސްޓިކްސްގެ އިތުރުން ޗައިނާ ބާޒާރަށް މަސް އެކްސްޕޯޓުކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނޭކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯ އާއި ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިންމަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން މިފްކޯ ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީން މަސައްކަތްކުރާނީ މިފްކޯއަށް ޗައިނާގެ ބާޒާރުން ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ފުރަތަމަ މަރުހަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިއާޔަތްކޮށް، އަންނަ އަހަރުން ފެށިގެން އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށް ވެސް މި އެމްއޯޔޫގެ ދަށުން ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން ބުނީ، މި ފަހުމުނާމާއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ އައު ބާޒާރުތައް ހޯދުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ދެ ގައުމުގެ ދެމެދު އޮތް ވިޔަފާރިގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.