ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރާއި ޙުސްނުއްސުޢޫދު މަގާމުން ސަސްޕެންޑުކޮށް، ފަހުން ދެ ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށާއި، އެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ތިން ފަނޑިޔާރުން ވެސް ޖިނާއީ ކުށެއް ކުރައްވައިފައިވާ ކަމަށް ބެލެވެން ނެތުމުން ފުލުހުން އެ މައްސަލަ ފައިލްކޮށް، ތިން ފަނޑިޔާރުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމި ކަމަށެވެ.
އެހެންކަމުން އަޒްމިރާލްދާއާއި މަހާޒާއި ސުޢޫދު ވަކިކުރީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށްކަން ހާމަވާ ކަމަށް އެ ގަރާރުގައި ވެއެވެ.
އެ ގަރާރުގައިވަނީ، ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް ޖޭއެސްސީން ތިން ފަނޑިޔާރުން ވަކިކުރީ ޖިނާއީ ކުށެއް ހިނގައިފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައި ކަމަށް ވާތީ، އެ ކޮމިޝަނުން އެކަމަށް ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.
އެހެންވެ އެ ކަމުގައި މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކުޑޫ ވަނީ ގަރާރު ހުށަހަޅުއްވައިފައެވެ.
މި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް އަޒްމިރަލްދާގެ އިތުރުން އޭރު އެ ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި މަހާޒާއި ސުޢޫދު މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 26ގައި ކުއްލި ގޮތަކަށް ސަސްޕެންޑުކުރިއެވެ. އެ މައްސަލައިގައި ސުޢޫދު އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އަޒްމިރާލްދާއާއި މަހާޒް މަގާމުން ވަކިކޮށްފައެވެ.
ނަމަވެސް، އެ ބޭފުޅުންނަށް ތުހުމަތުތައްކޮށް ފުލުހުން ބަލަން ފެށި މައްސަލައިގައި ތުހުމަތުކުރެވޭ ފަދަ ޖިނާއީ ދައުވާއެއް ކުރެވިދާނެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ނިންމައި، ދެ ބޭފުޅުންގެ މައްސަލަ ފައިލްކޮށްފައިވާކަން ފުލުހުން އެންގީ މި މަހުގެ އަށްވަނަ ދުވަހެވެ.
އެ ނިންމުމާ ގުޅިގެން އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނެއްގައިވަނީ އެ މައްސަލަ ނިމުނު ގޮތާ ގުޅޭ ގޮތުން ފުލުހުން ފޮނުވި ލިޔުމުގައި، "ޖިނާއީ ކުށުގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް" ކަމަށް ބުނުމުން، އެއީ ކުށުގެ އަމަލެއް ހިންގި ކަމަށް ތުހުމަތު ވިޔަސް ހެކި ނެތިގެން ދައުވާ ނުކުރަން ނިންމި ނިންމި ހާލަތެއް ނޫންކަން އެނގޭ ކަމަށެވެ.
މީގެ އިތުރުން، އެ މައްސަލަ ނިންމައިލީ އަޒްމިރާލްދާއާ ސުވާލެއް ވެސް ކުރުމެއް ނެތިކަން ވަކީލުން ފާހަގަކުރެއްވިއެވެ.
"މި މިންވަރުން އެކަނިވެސް، މި މައްސަލައަކީ ފެށުމުގައި ވެސް ތުހުމަތު ކުރެވޭނެ އަސާސެއް އޮތް މައްސަލައެއް ނޫންކަން އިތުރަށް ސާފުވެގެން ގޮސްފައިވާ ކަމަށް ދެކެމެވެ." އަޒްމިރާލްދާގެ ވަކީލުން ނެރުއްވި ބަޔާނުގައިވެއެވެ.
މައްސަލަ ފައިލްކުރުމާ އެކު، މަހާޒް ވިދާޅުވީ އެ ތުހުމަތުތަކަކީ ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަން ބަޔަކު ކުރި ކަމެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ.