އެޕަލް ކުންފުނީގެ އެންމެ ފަހުގެ އެމް6 ޗިޕް ހިމަނައިގެން ތައްޔާރުކޮށްފައިވާ 14 އިންޗީގެ މެކްބުކް ޕްރޯ އާއި އައިމެކް އެ ކުންފުނިން އިއްޔެ އާންމުކޮށް ދައްކާލައިފިއެވެ.
އެޕަލް އިން ބުނި ގޮތުގައި މި އާ އުފެއްދުންތަކަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މަސައްކަތްތައް ސީދާ ޑިވައިސް ތެރޭގައި މާ އަވަހަށް ހިންގޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ.
އަލަށް ނެރުނު 14 އިންޗީގެ މެކްބުކް ޕްރޯގެ އަގު 1,999 އެމެރިކާ ޑޮލަރުން ފެށޭއިރު، އައިމެކްގެ އަގު ފެށެނީ 1,499 ޑޮލަރުންނެވެ.
މި ދެ އުފެއްދުމަށް އޯޑަރު ދިނުމުގެ ފުރުސަތު ބުދަ ދުވަހުން ފެށިގެން އެމެރިކާ ހިމެނޭ ގޮތަށް 35 ގައުމަކާއި ސަރަހައްދެއްގައި ހުޅުވާލާއިރު، ފިހާރަތަކުން މި ތަކެތި ލިބެން ފަށާނީ ނޮވެމްބަރު 6 ވަނަ ދުވަހުން ފެށިގެންނެވެ.
އެޕަލް އިން ހާމަކުރި ގޮތުގައި އެމް6 މެކްބުކް ޕްރޯ އަކީ ކުރީގެ އެމް5 މޮޑެލްއާ އަޅާބަލާއިރު ގްރެފިކްސް 30 އިންސައްތަ އަވަސް އަދި އޭއައި މަސައްކަތްތައް 25 އިންސައްތަ އަވަހަށް ނިންމައިދޭ އުފެއްދުމެކެވެ. އަދި މިއީ މެކްގެ ތާރީޚުގައި ވެސް އެންމެ ބެޓެރި ލައިފް ރަނގަޅު މޮޑެލް ކަމަށާއި، 24 ގަޑިއިރަށް ބެޓެރި ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
https://x.com/VaibhavSisinty/status/2115091266052690087
އަލަށް ނެރުނު އައިމެކް އަކީ ކުރީގެ އެމް4 މޮޑެލްއާ އަޅާބަލާއިރު ސީދާ ޑިވައިސްގައި އޭއައި ހިންގުމުގެ ގާބިލުކަން ފަސް ގުނަ އިތުރު ކުރެވިފައިވާ މޮޑެލްއެކެވެ.
މި އުފެއްދުންތައް ނެރެފައި ވަނީ އޮކްޓޯބަރު 28 ގައި ލޮސް އެންޖެލިސްގައި އެޕަލް އިން ބާއްވާ "ޕްރޯ އެންޑް ޓެލް" ހަރަކާތުގެ އެއް ދުވަސް ކުރިންނެވެ.
ބްލޫމްބާގް ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި އެޕަލްގެ އެންމެ ފުރަތަމަ ޓަޗް-ސްކްރީން މެކްބުކް ޕްރޯ ދައްކާލާނެ ކަމަށް ބެލެވެއެވެ.
އެޕަލް އިން އެމް-ސީރީޒްގެ ޗިޕްތައް ތައާރަފުކުރަން ފެށީ 2020 ވަނަ އަހަރު އިންޓެލްގެ ޕްރޮސެސަރުތައް ބޭނުންކުރުން ހުއްޓާލައި، އަމިއްލަ ސިލިކަން ޓެކްނޮލޮޖީއަށް ބަދަލުވުމުގެ ގޮތުންނެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް މެކް ކޮމްޕިއުޓަރުތަކުގެ ޕްރޮސެސިން ސްޕީޑާއި ގްރެފިކްސް އަދި ހަކަތަ އިގްތިސާދުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެޕަލް އިން އަންނަނީ އާ އީޖާދުތައް ތައާރަފުކުރަމުންނެވެ.
ހާއްސަކޮށް ފަހަކަށް އައިސް ޓެކްނޮލޮޖީ ކުންފުނިތަކުގެ މެދުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވާދަވެރިކަން ބޮޑުވެފައިވާއިރު، އެޕަލް އިން ދަނީ ކްލައުޑް ސާވާތަކަށް ބަރޯސާވުމުގެ ބަދަލުގައި ސީދާ ޑިވައިސްތަކުގެ ތެރޭގައި އެކުލެވޭ އޭއައި ފީޗާތައް (އެޕަލް އިންޓެލިޖެންސް) ހަލުވިކަމާއެކު ހިންގޭނެ ގޮތަށް އެ ކުންފުނީގެ ހާޑްވެއާ ހާއްސަކޮށް ފަރުމާކުރަމުންނެވެ.