"މީ... އަހަންނަށް އެނގޭ އޭނަ އިށީނީމަ ޒަރޫން ދާނީ ކޮފީ ތަށި ބަހައްޓާފަކަން. އިއްޔެ ވެސް، އެ ޖެހުނީ ޑަސްބިނަށް އަޅައިލަން. އެހެންވެ...ވަޓް އަ ވޭސްޓް އިޓް ވޯޒް. އެހާ އަގު ބޮޑު ވާނެ އަދި.... " ދެން ހަދަންވި ގޮތެއް ނޭނގިފައި އިން ނަހާއަށް ކިޔޭ ނުކިޔޭ ވެސް ނޭނގޭ ފަދައެވެ.

ވަކި ހިސާބަކުން ބުނެވުނު އެތި ރޭކާލީ ފަދައަކުން، މަޑުޖެހެވުނެވެ. ނަހާއަށް ބަލަން އިން ޒަރޫންގެ ތުންފަތް މައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައެވެ.

"އަހަރެން އެކަނިތަ ކޮފީ ވޭސްޓްކުރަނީ އެހެންވީމަ؟" ޒަރޫން ސުވާލުކޮށްލަމުން ކޮފީ ޖޯޑު ތުމުގައި ޖެހިއެވެ.

"އައި މީން... އެހެންނެއް ނޫން... ބަޓް...." ނަހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"މި ކޮފީ ޖޯޑު ހުސްކޮށްފަ ނޫނީ އަހަރެން މި ތަނަކުން ނުދާނަމޭ..." ޒަރޫން އޭރު ވެސް އިނީ ހީނލައިގެންނެވެ. ކުޑަ ހިނދުކޮޅަކަށް އެ ތަނުގައި ޖިޔާ އިންކަން ވެސް ހަނދާން ނެތުނެވެ. ނަހާއަށް ފުންކޮށް ބަލައިލެވުނެވެ. ނަހާގެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނަން އޭނާ މަސައްކަތްކުރިއެވެ. ޖިޔާ އެ ދިމާލަށް އަންނަން އުޅުމުން އޭނާއަށް ފެނުނު ނުރުހުމުގެ އަސަރުތަކަކީ، ހީވި ހީވުމެއް ބާއެވެ؟ އެ ވަގުތު ނަހާގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން އޭނާ މާނަކުރާނީ ކިހިނަކުން ހެއްޔެވެ؟ ޖިޔާ އޭނާގެ ކައިރިއަށް އަންނަން ނަހާ ބޭނުންނުވާކަން ޒަރޫންއަށް ފަހުމްވިއެވެ.

"އިޒް ޝީ... އިޒް ޝީ ފީލިންގ ޖެލަސް؟،" ޒަރޫންއަށް އަމިއްލަ ހިތާ ވާހަކަ ދެކެވުނެވެ. "ބަޓް ވައި؟"

ނަހާ ލަދުން އިސްޖަހައިލީ ޒަރޫންގެ ނަޒަރުން އޭނާއަށް އުނދަގޫވުމުންނެވެ. ކަންތައްކުރެވުނު ގޮތުން ޒަރޫން ހީކޮށްފާނެ އެއްޗަކާ ދޭތެރޭ ވިސްނައިލެވުނެވެ. ނަހާ އިސްޖަހައިލި ތަން ފެނި ޒަރޫންއަށް ނަހާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. މީގެ ކުރިން ނުފެންނަ ސިފައެއް ނަހާގެ ފުށުން އޭނާއަށް ފެންނަމުން ދިޔައީތީއެވެ. ލަދުގަތުމުން ނަހާ ވަކިން ރީއްޗެވެ. އޭނާގެ ދެ ކޯތާފަތް މައްޗަށް އަރަމުން ދިޔަ ޖަންބުކުލައިގެ ސަބަބުން އެ މޫނުގެ ހިތްގައިމުކަން އިތުރުކޮށްދެމުން ދިޔައެވެ. ނަހާގެ "ކޮޕަރ އެންބަރ" ކުލައިގެ ދެ ލޮލަށް ހިމާޔަތް ދެމުންދާ ދިގު އެސްފިތަކާއި، އެ ތޫނު ކަޅިރަވައިގެ ފުރިހަމަކަން ޒަރޫންގެ ހިތަށް އަސަރުތަކެއް ކުރުވަމުން ދިޔައެވެ. އޭނާގެ ދޮންމޫނާއި، އެ ތުންފަތުގައި ކުޅެވެމުން ދިޔަ ލަދުވެތި ހިނިތުންވުމުގެ އަސަރުތައް ޒަރޫންގެ ހިތާ ހަމައަށް ވާސިލްވުމުގައި ކާމިޔާބު ވެއްޖެއެވެ. އެހިނދު އޭނާއަށް ކަޅި ޖަހައިނުލާ ނަހާއަށް ބަލަން އިނދެވުނެވެ. އެހެން ހުރިހައި ކަމެއްގެ މަތިން ޒަރޫން ހަނދާން ނެތުނެވެ. އޭނާއަށް ހަމައެކަނި ފެންނަނީ ނަހާ ފަދައެވެ. ކުޑަކޮށް އިސް އުފުލައިލާފައި ނަހާ އޭނާއަށް ބަލައިލާފައި އަނެއްކާ ވެސް އިސް ޖަހައިލި މަންޒަރު ފެނި ހިނިތުންވުން ފުޅާވިއެވެ.

އެ މަންޒަރު ބަލަން އިން ޖިޔާއަށް މޭޒުމަތީގައި ބާއްވާލެވިފައިވާ އޭނާގެ ދެ އަތް މުށްކަވައިލެވުނެވެ. ދަތްކުނޑި ވިކައިލިކަން ރަމްޒުކޮށްދިނީ އޭނާގެ ކަތުރުކަށިގަނޑަށް ވާންވެގެން ދިޔަ ގޮތުންނެވެ. އެންމެ ހިނދުކޮޅަކު ވެސް ޒަރޫންއާ ނަހާއިން އޭނާގެ ނަޒަރު ކަސިޔާރުވެގެން ނުދެއެވެ. މޫނުމައްޗަށް ވެރިވި ނުރުހުމުގެ އަސަރުތައް ވަންހަނާކުރާކަށް އޭނާ މަސައްކަތެއް ވެސް ނުކުރެއެވެ. ދެ ބުމަ ވަނީ ގާތްވެފައެވެ. އޭނާ ރުޅިއައިސްފައި އިންވަރު ހާމަކޮށްދޭ އިޝާރާތެކެވެ. ޒަރޫންއާއި ނަހާ އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި އިންތަން ފެނުމުން، ވަކިން ބޮޑަށް އުނދަގޫވެ ރުޅި ގަދަވިއެވެ. އެންމެފަހުން މޭޒުމަތީގައި ހުރި ދަބަސް ނަގަމުން ބާރަކަށް ގޮނޑި ދަމާލާފައި ތެދުވެއްޖެއެވެ. އެ އަޑަށް ސިއްސައިގެން ދިޔައީ ޒަރޫންއާ ނަހާ އެކަންޏެއް ނޫނެވެ. އެ ވަގުތު ކެފޭގައި ތިބިއްޔާ ތިބި ބަޔަކު ވެސް ސިއްސައިގެން ގޮސް އެ ދިމާލަށް ބަލައިލިއެވެ. ވަށައިގެންވީ މާހައުލަށް ޖިޔާ ބަލައިލިއެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާތަން ފެނި ލަދުގަތެވެ. އޭނާ ޒަރޫންއާ ނަހާއަށް އަވަސް ނަޒަރެއް ދީފައި، ބާރު ބާރަށް ގޮސް ކެފޭއިން ނުކުމެއްޖެއެވެ.

"އެކްސް؟" އެ ކުއްޖާ ގޮސް ނުކުތްތަން ބަލަން އިނުމަށް ފަހު ނަހާ ޒަރޫންއަށް ނަޒަރެއް ދިނެވެ.

"ހޫމް..." ޒަރޫން ކުރު ޖަވާބަކުން ފުއްދައިލިއެވެ. ނަހާއަށް އޭނާގެ ދެ ބުމަ އަރުވައިލެވުނީ ގަސްތަކު ނޫނެވެ. އޭނާއަށް ޒަރޫންގެ އެ "ހޫމް"އިން އުނދަގޫވިކަން އަމިއްލައަށް އިޙްސާސްވާން އިރުކޮޅެއް ނެގިއެވެ.

"އޯކޭ،" ނަހާ ގޮނޑިން ތެދުވެލުމަށް ފަހު ވާހަކަ ދެއްކިއެވެ. "އެންޖޯއި ޔުއަރ ކޮފީ."

"އައި ވިލް،" ޒަރޫން ބުނެލިއެވެ. ނަހާ ހިނގައިގަންނަން އުޅުމުން އޭނާ މި ފަހަރު ވެސް ނަހާ ހުއްޓުވިއެވެ. "ނަހާ..."

"ޔެސް؟" ނަހާ ބުނެލިއެވެ.

"ތެންކިއު..." ޒަރޫން ޝުކުރުއަދާކުރީއެވެ. ޖިޔާ އާ ކުރިމަތިލާން އޭނާ ބޭނުމެއް ނުވެއެވެ. މިއަދު ނަހާ އެ ތަނުގައި ނީށީންނަމަ ޖިޔާ އައިސް އެ ތަނުގައި އިށީނީހެވެ.

"ވެލް..ކަމް..." ނަހާގެ އަޑު މަޑެވެ. އޭނާ ހިނިތުންވެލާފައި ގޮސް ކައުންޓަރު ދޮށުގައި އިށީންއިރު، ކުރިން ލިބުނު ނުތަނަވަސްކަން ކުޑަކޮށް ފިލައިފިއެވެ. ޒަރޫން އެ ކުއްޖާއާ ވާހަކަ ދައްކަން ބޭނުންނުވާކަން ފަހުމްވި އޭނާގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ނަހާ ގޮސް ޖެނީއަށް އެހީތެރިވާން ވެގެން އަވަސްވެގަތެވެ. އެހެން އުޅުނު އިރު އިރުއިރުކޮޅަކާ އޭނާ ޒަރޫންއަށް ބަލައިލައެވެ. ޒަރޫން ވެސް ނަހާއަށް ބަލައިލާ ކޮންމެ ފަހަރަކު ހީނލައެވެ.

*****

އެ ގޮތުގައި ދެ ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެ ދުވަހުގެ ފަހުން ޖިޔާ ކެފޭއަށް އައީ، އެންމެ ދުވަހަކުއެވެ. ފަހުން ޚަބަރެއް ނުވެއެވެ. ނަހާއާއި ޒަރޫންއާ ދެމެދު އުފެދިފައިވާ އެކުވެރިކަން ކުރިފަޅާ ފޯދެމުން ދިޔައެވެ. އެކަކު އަނެކަކާ އެކު ގިނަ ވަގުތުތަކެއް ހޭދަކުރެވެން ފެށިއެވެ. ޔޫލިއާއަށް ވުރެ ވެސް ބޮޑަށް ޒަރޫންއާ ކަންތައްތައް ހިއްސާކުރަން ނަހާއަށް ފަސޭހަވިއެވެ. ޒަރޫންގެ މިޒާޖު އޭނާއަށް ވެސް ވަނީ ދަސްވެފައެވެ. އޭނާ ބުނުމަކާ ނުލާ އޭނާގެ މޫނުމަތީގެ އަސަރުތައް ޒަރޫން ކުޅަދާނަކަމާއެކީ ދެނެގަނެއެވެ. ދެރަވެފައި ހުރިނަމަ އެކަންތައް ވެސް ނުހަނު ފަސޭހަކަމާއެކު ޒަރޫން ދެނެގަނެއެވެ. އުފާވެފައި ހުރި ނަމަ އެކަންވެސް އުނދަގުލަކާ ނުލާ ޒަރޫން ފާހަގަކުރާނެއެވެ. އެހެން އެއްވެސް މީހަކަށް އޭނާ ނޭނގޭ މިންވަރަށް ޒަރޫން އޭނާ ދަސްކޮށްފިއެވެ.

އާދައިގެ ދުވަހެކެވެ. މެންދުރު ވެހެން ފެށި ވާރޭ ހުއްޓައިލީ ހަވީރު ވީ ފަހުންނެވެ. މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައި ވެއެވެ. އެހެންނަމަވެސް، ނަސީބަކުން ކެފޭ ހުރި ހިސާބުގައި ފެންގަނޑު އެހާ ބޮޑެއް ނޫނެވެ. ތާރުގަނޑު އޮތީ ތެމިފައެވެ. ވާރޭ ނުވެހުނެއްކަމަކު އޭރު ވެސް އުޑުމަތި އޮތީ ބަނަކޮށްލާފައެވެ. ވިލާތައް އެކަތި އަނެކެއްޗާ ގުޅެމުން އޭގެ ހައިބަތު ބޮޑުކުރަމުން ދިޔައީ ދުނިޔެމައްޗަށް އަނެއްކާ ވެސް ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. އާދައިގެ ވަރަށް ވުރެ ބާރު މިނުގައި، ޖެހެމުން ދިޔަ ވައިރޯޅިތަކުގައި ފިނިކަންވެއެވެ. ރުޅިއައިސްފައިވާ ކަނޑުގެ ރާޅުތައް ތޮށިމައްޗައް ބިންދާލާއިރު، ކޮންމެވެސް ވަރަކަށް ލޮނުގެ އަސަރު މަގުމައްޗަށް ވެސް ކުރަމުން ދިޔައެވެ.

ކެފޭގެ މަސައްކަތްތައް ކޮށް ނިންމާލާފައި ދެވަނަ ޝިފްޓަށް އައި ކުދިންނާ ހަވާލުކޮށްފައި ނަހާ ނުކުމެ ފުރަތަމަ ވެސް އުޑުމައްޗަށް އަވަސް ނަޒަރެއް ދިނެވެ. ދެންމެ ދެންމެ ވެހިގެންފާނެހެން ހީވިއެވެ. އަންނަން އުޅޭ ތޫފާނުގެ އިންޒާރު ބަލައިލި ކޮންމެ ދިމާލަކުން ވެސް ދެމުން ދިޔައެވެ. ނަހާ ގޮސް ސައިކަލަށް އަރާ ސައިކަލު ސްޓާރޓްކޮށްލިއެވެ. އޭނާ ގެއާ ދިމާލަށް ދާންވެގެން ދުއްވައިލިއެވެ. ވާރޭ ވެހިފައި އޮތުމުން، ނަހާ ދުއްވަމުން ދިޔައީ ފުދޭވަރަކަށް ބަލައިގެންނެވެ. ވާރޭ ކަނި ޖަހަން ފެށުމުން ސްޕީޑު ބާރުކޮށްލަން އުޅެފައި ވެސް އެ ޚިޔާލު ދޫކޮށްލިއެވެ. އޭނާ ދުއްވަމުން ދިޔަ ފަޅި ނޫން އަނެއް ފަޅީގައި އޮތީ ޕިކަޕެކެވެ. ކުއްލިއަކަށް ފެނުނީ ޕިކަޕުގެ ފަހަތުން އައި ސައިކަލު އޭނާ އިން ފަޅިއަށް އެޅިތަނެވެ. އެ ސައިކަލު އައީ ފުދޭވަރަކަށް ބާރަށެވެ. ޖެހިދާނެކަމުގެ ބިރަށް ނަހާ ސައިކަލު ކުޑަކޮށް އެއްފަރާތްކޮށްލުމުގެ ބޭނުމުގައި އަނބުރައިލަން ހިފައިލިއެވެ. ދުއްވަމުން ދިޔަ ނަހާ މަސައްކަތްކުރީ އަންނަމުން ދިޔަ ސައިކަލުގައި ނުޖެހި ސަލާމަތްވާށެވެ. އެކަން އޭނާއަށް ކާމިޔާބު ވެސް ވިއެވެ. އެހެންނަމަވެސް އެ ވަގުތު ސައިކަލުގެ ކޮންޓްރޯލް ނަހާގެ އަތުން ދޫވިއެވެ. ސައިކަލު ކައްސައިލައިގެން ގޮސް ނަހާއާ އެކީ ތާރުގަނޑުގެ މައްޗަށް ވެއްޓުނީއެވެ. ތާރުގަނޑުގައި ޖެހުނީ ނަހާގެ ކަނާއަތެވެ. ހަމަ އެއާއެކު އެރި ތަދުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ހީވީ ކަށިގަނޑު ބިނދުނު ހެންނެވެ. އޭނާގެ އަތް ހަރަކާތެއް ނުކުރެވުނެވެ. ނަހާގެ ދެލޮލުން ކަރުނަ އައިސް ރޮވެން ފެށިއެވެ. ތަދުވަމުން ދިޔަލެއް ބޮޑުކަމުންނެވެ. ހަމަ އެއާއެކު ކަހައިލާ ވެއްޓުނު ގޮތުން ކަކޫ ތާރުގަނޑުގައި ޖެހި ޖީންސް ގޭނި ކަކޫ ވެސް މަށައިގެން ދިޔައެވެ. އަތުގެ އުޅަބޮށި ވެސް މަށައިގެން ގޮސް ލޭ ކޮށުނެވެ. އެ ތަންތަނުން ނަގަމުން ދިޔަ ދިލައަށް ސަމާލުކަން ދެވޭ ވަރަށް ވުރެ ބޮޑަށް އޭނާގެ އަތުގައި ވޭން އަޅަމުން ދިޔައެވެ. ނަސީބަކުން ބޮލަކަށް އަނިޔާއެއް ނުވެއެވެ.

އިސާހިތަކު އެ ތަނަށް މީހުން ޖަމާވާން ފެށިއެވެ. އަންހެނަކު އައިސް ނަހާގެ ކައިރީގައި އިށީނެވެ. އެވަގުތު އެތަނުގައި ތްރެފިކް ބަލަން ތިބި ދެ ފުލުހުން ވެސް އަތުވެއްޖެއެވެ. އެމީހުން އައިސް ވަގުތުން އެންބިއުލާންސްއަށް ގުޅިއެވެ. އޭރު އަނެއް ސައިކަލުގައި އިން މީހާ ގޮސް އޮބައިފިއެވެ. މަޑެއް ނުކުރެއެވެ. ފުލުހުންގެ ތެރެއިން އެކަކު ކޮންމެވެސް މީހަކަށް ގުޅާ އެ ޚަބަރު ދިނެވެ.

އެންބިއުލާންސް އައުމާއެކު ނަހާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަހާއާ އެކު އޭނާ ގާތަށް އެންމެ ފުރަތަމަ އައި އަންހެން މީހާ ވެސް ދިޔައެވެ. ސައިރެން އަޅަމުން އެންބިއުލާންސް ގޮސް ހޮސްޕިޓަލަށް މަޑުކޮށްލިއެވެ. ސްޓްރެޗަރގައި، ނަހާ އަވަސް ފަރުވާ ދޭ ބަޔަށް ވެއްދުނެވެ. އޭރު ނަހާގެ ފޯނާއި އޭނާގެ ދަބަސް އޮތީ އޭނާއާ އެކު އައި އަންހެން މީހާގެ އަތުގައެވެ. ނަހާއަށް އަވަސް ފަރުވާ ދޭން ފެށުމުން އޭނާ ކާރޓެއިންތަކުގެ ބޭރުގައި މަޑުކޮށްލިއެވެ. އެ ވަގުތު އަތުގައި އޮތް ފޯނު ރިންގުވިއެވެ. އޭނާ އަރާފައިވާ ނަންބަރަށް ބަލައިލިއެވެ. ކޮންމެވެސް ޒަރޫންއެކެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާ އެކު އެކޮޅުން ވާހަކަ ދައްކައިފިއެވެ.

"ހަލޯ. ނަހާ... ޗެކްކޮށްލަބަ ދެންމެ އެޑިޓްކޮށްފަ ފޮނުވި ފޮޓޯތައް ރަނގަޅުތޯ؟" ޒަރޫން ބުނެލިއެވެ.

"ހަލޯ... މީ... ނަހާ.. އެއް ނޫން... " އެ އަންހެން މީހާ ބުނެލިއެވެ.

"ކޮބާ ނަހާ؟ ކާކު ތީ؟" ޒަރޫން އަހައިލިއެވެ.

"މީ ޝީޒާ ކިޔާ ކުއްޖެއް." އެހެން ބުނެލާފައި ޝީޒާ ދެންމެ ހިނގި ހާދިސާ ޒަރޫންއަށް ކިޔައިދިނެވެ. އަދި ނަހާ ހޮސްޕިޓަލުގައި އެކަނިކަމަށް ބުންޏެވެ. އެބަ ދަންކަމުގައި ބުނެ ޒަރޫން ފޯނު ބޭއްވިއެވެ. އޭރު އޭނާގެ އަޑުން ހާސްކަން ފާޅުވަމުން ދިޔައެވެ.

ޑޮކްޓަރުން ނުކުމެ، ނަހާގެ އެހީތެރިއަކަށް ގޮވުމުން ޝީޒާ ކައިރިވެލިއެވެ. އެމީހުން ބުނީ ނަހާގެ އަތް ބިނދިފައިވާ ކަމުގައެވެ. އޮޕަރޭޝަންއެއް ކުރަން ޖެހޭކަމުގައެވެ. ނަހާގެ އެހީތެރިޔާ އެބަ އާދޭ ކަމުގައި ޝީޒާ ބުންޏެވެ.

މާގިނައިރު މަޑުކުރާކަށް ޝީޒާއަކަށް ނުޖެހުނެވެ. ޒަރޫން އަތުވެއްޖެއެވެ. ޝީޒާ ވެސް ޒަރޫންއާ ނަހާގެ ހުރިހާ އެއްޗެއް ހަވާލުކުރިއެވެ. ޒަރޫން ޝީޒާއަށް ޝުކުރު އަދާކުރިއެވެ.

ޒަރޫން ގޮސް ޑޮކްޓަރުންނާ ވާހަކަ ދެއްކިއެވެ. ނަސީބަކުން އަތް ބިނދުން ފިޔަވާ އެހެން ބޮޑު އަނިޔާއެއް ލިބިފައެއް ނެތެވެ. ޒަރޫންއަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަން ކުޑަކޮށް ވެސް ދުރުވީ އެހާ ހިސާބުންނެވެ.

ނަހާ އޮޕަރޭޝަން ކުރުމަށްޓަކައި ތިއޭޓަރަށް ވެއްދުނެވެ. އޭރު ވެސް ޒަރޫން ހުއްޓެވެ. ނަހާގެ ޢާއިލާއާ ބެހޭގޮތުން އަނެއްކާ ވެސް ހިތުގައި ސުވާލު އުފެދުނެވެ. މީގެ ކުރިން ދުވަހަކު ވެސް ނަހާ އޭނާގެ ޢާއިލާއާ ބެހޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ނަހާއަށް އެހީތެރިވާނެ ހަމަ އެކަކު ވެސް ނެތީ ހެއްޔެވެ؟ އެފަދަ ވިސްނުންތަކެއްގައި ޒަރޫންއަށް އިނދެވުނެވެ.

އޮޕަރޭޝަންއަށް ފަހު ނަހާ ނެރުނު އިރު އޭނާއަށް އޮތީ ނިދިފައެވެ. ވާރޑަށް ނަހާ ބަދަލުކުރުމުން ނަހާ ހޭލާނެ އިރެއްގެ އިންތިޒާރުގައި ޒަރޫންއަށް އިނެވުނެވެ. ގޮނޑީގައި އިށީނދެގެން އޭނާ ނަހާއަށް ބަލަހައްޓައިގެން އިނެވެ. އެ ވާރޑުގައި ނަހާގެ އިތުރުން އެހެން ތިން މީހުން ތިއްބެވެ. ކޮންމެ އެނދެއް ވެސް ވަކިކޮށްފައިވަނީ ދަމާފައިވާ ކާރޓެއިންތަކުގެ އެހީގައެވެ.

ނަހާގެ އެސްފިޔަތައް ކުޑަކޮށް ތަޅުވައިލުމުން، ޒަރޫންއަށް އޭނާގެ ހަށިގަނޑު ސީދާކޮށްލެވުނެވެ. އޭނާ ނަހާއަށް މަޑުމަޑުން ގޮވައިލިއެވެ. ނަހާ އޭނާގެ ލޯ ހުޅުވައިލުމާ އެކު ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ޒަރޫންއެވެ.

"ޒަރޫން..." ނަހާއަށް އޭނާގެ އަތަށް ބަލައިލެވުނެވެ. ޕްލާސްޓަރު އަޅާ ރަނގަޅަށް ހައްޔަރުކޮށްލެވިފައިވާ އަތުގެ އިނގިލިތައް އޭނާ ހަރަކާތްކޮށްލިއެވެ. ނަހާ ހޭލުމުން ގޮވާލުމަށް ނަރުސް ކުއްޖާ ބުނެފައިވާތީ، ޒަރޫން ގޮސް އެވާހަކަ ބުނެލުމުން ނަރުސްކުއްޖާ އަތުވެއްޖެއެވެ. ނަހާ ގެ އެދުމަށް އެނދުގެ ބޯކޮޅު އޭނާ ހިއްލައިލަދިނެވެ. އޭރު ގުޅާފައިވާ އައިވީ ފުޅި ހުސްވުމުން، އިތުރު އައިވީ ފުޅިއެއް ގުޅާފައި އަނެއްކާ ވެސް އެ ކުއްޖާ ދިޔައީއެވެ.

"ޒަރޫންއަށް ކިހިނެއް އެނގުނީ؟" ނަހާ ސުވާލުކޮށްލިއެވެ. އެއާއެކު ވީ ގޮތް ޒަރޫން ނަހާއަށް އޮޅުން ފިލުވައިދިނެވެ.

"ތަދުވޭތަ؟" ނަހާއަށް ބަލައިލަމުން ޒަރޫން އަހައިލިއެވެ.

"އެ ގަޑީގަ ވަރަށް ތަދުވި... އެކަމަކު މިހާރު އޯކޭ..." ނަހާ ބުންޏެވެ. ޒަރޫން އިނީ ނަހާގެ ޢާއިލާގެ ވާހަކަ އަހައިލަން ބޭނުންވެފައެވެ. މަންމައާއި ބައްޕަ ކޮބައިތޯ އަހާލަން ހިތް އެދުނެވެ. ދުރުދުރުން އޭނާ އެ މައުޟޫގެ ތެރެއަށް ވަދެވޭތޯ މަސައްކަތްކުރިއެވެ. ނަހާ ދުވަހަކު ވެސް އާއިލާގެ ވާހަކަ ނުދައްކާތީއެވެ.

"އިތުރު މީހަކު ހުންނާނެތަ ނަހާގެ ކައިރީގަ މަޑުކޮށްލަން؟" ޒަރޫން އަހައިލިއެވެ.

"ޔޫލީ... ކޮބާ އަހަރެންގެ ފޯނު." ނަހާ އޭނާގެ ފޯނު ހޯދަން ފެށުމުން ޒަރޫން ނަހާގެ ދަބަސް ތެރެއިން ފޯނު ނަގާފައި ދިނެވެ. އޭނާއާ ޔޫލިއާއާ ވަނީ ދެފަހަރެއްގެ މަތިން ބައްދަލުވެފައެވެ. މާގިނަ ވާހަކައެއް ނުދެކެވުނު ނަމަވެސް، އެއީ ނަހާގެ އެކުވެރިއެއްކަން އޭނާއަށް އެނގެއެވެ. ނަހާ ފޯނު ނަގާ ޔޫލިއާއަށް ގުޅައިލާ އެ ޚަބަރު ދިނެވެ.

"އޯކޭ ޒަރޫން ދެން ގޮސްލިޔަސް." ޔޫލިއާ އައުމުން ނަހާ ބުނެލިއެވެ. އޭރު ގަޑިން އެގާރަޖަހަނީއެވެ. ޒަރޫން ވެސް ނަހާ ގާތު ކަމެއް ބޭނުންވެއްޖެނަމަ ބުނުމަށް ބުނެފައި، ދިޔައީ ހިތާ ދެކޮޅަށެވެ. އޭނާ ނަހާގެ ކައިރީގައި ހުންނަން ބޭނުންވިއެވެ.

ޖެހިގެން އައި ދުވަހު، ކެފޭއަށް އެއްޗެހި ލާފައި ޒަރޫން ގެއަށް ދިޔުމުގެ ކުރިން ނަހާގެ ކައިރިއަށް ދިޔައެވެ. ނަހާގެ ޙާލު ބަލައިލަން އޭނާ ބޭނުންވީއެވެ. ރޭގައި ވެސް ނިދުން ވީ އޭނާއަށް އުނދަގޫކަމަކަށެވެ. ނަހާގެ މަތިން ހަނދާންވާ ވަރުންނެވެ. ޒަރޫން ދިޔަ އިރު ޔޫލިއާއެއް ނެތެވެ.

"ކޮބާ ޔޫލިއާ؟" ޒަރޫން ސުވާލުކޮށްލިއެވެ.

"ގެއަށް ދިޔައީ. ފެންވަރާލައިގެން އަންނާނަމޭ ބުނީ،" ނަހާ ބުނެލިއެވެ. " އަހަރެންގެ ބައެއް އެއްޗެހި ވެސް ގެއިން ގެންނަން ޖެހޭތީ އެ ދިޔައީ.."

"އެއްޗެއް ބޭނުންތަ؟" ޒަރޫން ސުވާލުކޮށްލިއެވެ. އެއާއެކު ނަހާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ. ނަހާ އަޅާއިފައިވަނީ އާދައިގެ ވަށް ބުރުގާއެކެވެ. އެއްވެސް މޭކަޕެއްކޮށްފައިނުވާއިރު ވެސް ބުރުގާގެ ތެރެއިން އެ މޫނު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އެ ރީތިކަން ފަނޑުނުވިއެއްކަމަކު، މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މޮޅިވެރިކަމެވެ.

"ކާ އެއްޗެއް ގެނެސްދެންތަ؟" ޒަރޫން ދެން ވެސް ސުވާލުކޮށްލިއެވެ. އެއާއެކު މި ފަހަރު ވެސް ނަހާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައލިއެވެ.

"ކޮންމެވެސް އެއްޗެއް ކައިގެނެއްނު ހުރެވޭނީ. ބޭސް ވެސް ކާން ޖެހޭނެއެއްނު." ޒަރޫން އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. ނަހާ ދެކޮޅު ހެދިއެވެ. ހަޤީގަތުގައި އޭނާ ކާހިތް ނެތީއެވެ. ނަހާއަށް ފުންކޮށް ބަލަން ހުރެފައި، ޒަރޫން ވާހަކަ ދެއްކިއެވެ.

"އަހަރެން ވާހަކައެއް އަހައިލަންތަ؟" ޒަރޫން ބުނެލުމާއެކު ނަހާ ބޯ ޖަހައިލިއެވެ. އޭރު ޒަރޫންގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ. އެ ދައްކަން އުޅެނީ ކޮން ވާހަކައެއް ކަމާ މެދު ނަހާއަށް ޝައްކުވިއެވެ.

"ނަހާގެ ފެމެލީ...." އެހިސާބަށް ބުނެފައި ޒަރޫން މަޑުޖެހުނެވެ. ނަހާ ފުންނޭވާއެއް ދޫކޮށްލަމުން ޒަރޫންއާ ނަޒަރު ވަކިކޮށްލިއެވެ. އޭނާ ތުންފަތުގައި ދަތް އަޅައިލިއެވެ. ހީވީ އެ ވާހަކަ ދައްކަން ބޭނުންނުވާހެންނެވެ. ނަހާ ހިމޭންވިތަން ފެނިފައި ދެން ބުނާނެ އެއްޗެއް ނޭނގި ޒަރޫންއަށް ވެސް ހުރެވުނީއެވެ. އޭނާ އިތުރު ވާހަކައެއް ބުނަންވެގެން އަނގަ ހުޅުވައިލި ވަގުތު، މަޑުޖެހުނީ ކާރޓެއިންތައް ކުޑަކޮށް ދުރުކޮށްލާފައި މީހަކު ވަނުމުންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު