ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވައިލައި މި ފެށޭ ނޮވެންބަރު މަހު ބޮޑު އެއްވުމެއް ބާއްވާނެކަން "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުގެ ފަރާތުން މިއަދު ހާމަކޮށްފިއެވެ.
މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިމަތިކުރުވަން އުޅޭ ގޮންޖެހުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް ހުރި މައްސަލައެއް ކަމަށެވެ.
"އަދި މިކަމުގެ ސަބަބުން، މި ހިންގަން އުޅޭ ކަންކަން އެ ބޭފުޅުން ތަރުތީބުކުރާ ގޮތަށް ހިނގައިފިކަމުގައިވާ ނަމަ ދިވެހި ރައްޔިތުންނަކީ ދުވަސްކޮޅެއްގެ ތެރޭގައި ނޫނީ އަހަރުތަކެއްގެ ތެރޭގައި އަޅުވެތިކަން އިހުސާސް ކުރަންޖެހޭ ބަޔަކަށް ވެދާ ފަދަ ބޮޑު މައްސަލައެއް،" ޢިމްރާން ވިދާޅުވިއެވެ.
ޢިމްރާން ވިދާޅުވީ ތަފާތު ނަސްލުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން ވާނީ އާންމުންގެ ޚިޔާލު ހޯދުމަށްފަހު ކަމަށެވެ.
އެހެންކަމުން ޢިމްރާން ވަނީ ރަސްމާލެ މަޝްރޫއު އާންމުންގެ ޚިޔާލު ހޯދުމަށްފަހު ހިންގުމަށް ސަރުކާރަށް ގޮވައިލައްވައިފައެވެ.
މި ހަރަކާތް ތަރުތީބުން ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ފަށައިފައިވާ ކަމަށް ވިދާޅުވެ، ޢިމްރާން ވިދާޅުވީ، އެގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ބޭއްވުމަށް ގޮވައިލައި މި ފެށޭ ނޮވެންބަރު މަހުގެ ހަ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި ހަރަކާތުގައި ދެން އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ރަސްމާލެ ރައްޔިތުންގެ ފައިސާއިން ހިއްކީމާ ރަސްމާލޭގެ މިލްކުވެރިންނަކީ ދިވެހީން ކަމަށާއި، އެހެންކަމުން ދިވެހީންގެ ޚިޔާލެއް ނުހޯދައި ބޭރުގެ ފަރާތަކަށް އެ ބިން ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ރައީސަށް ފާޑުވިދާޅުވެ ޢަލީ ވިދާޅުވީ، ރައީސް ކަންކުރައްވާ ގޮތުގެ ސަބަބުން އިތުރު ދައުރަކަށް އާންމުން ރައީސް ދެން އިންތިޚާބު ނުކުރާނެ ކަމަށެވެ.
"އެހެންވީމާ ދިވެހި ރައްޔިތުންގެ ބިން ދިވެހި ރައްޔިތުންގެ ގާތު ނާހައި ވިއްކައިގެން ނުވާނެ، އެއީ އަޅުގަނޑުމެން ދައްކާ ވާހަކަ، އެކަމަށް އަޅުގަނޑުމެން ޑިމާންޑުކުރަނީ، ތިޔަ އެގްރީމެންޓުގައި ސޮއިކުރުމުގެ ކަންތައް އިހަށް މަޑުޖައްސައިލައިފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާށޭ އިނގޭތޯ،" ޢަލީ ވިދާޅުވިއެވެ.
ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ބަދަލު ގެންނަ ނަމަ އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ޢަލީ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އެހެން ދީންތަކަށް ތަބާވާ، އަދި ޒަޔަނިސްޓުންނަށް ރަސްމާލޭގެ ބިމުން މިލްކުވެރިކަން ދިނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ނަޒާހާތްތެރިކަމާއި ސަލާމަތާއި ރައްކާތެރިކަމާއި މިނިވަންކަމަށް އަންނަ ބޮޑު ގޮންޖެހުމެކެވެ.
ފެންނަ ނުފެންނަ ވޯޓުގައި އަހަންވީ ދިވެހީންގެ ބިން ބޭރުގެ ބަޔަކަށް ވިއްކައިލަން ރުހޭތޯއާއި ބޭރު މީހުން އާބާދުކުރަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށް ޢަލީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ޚަރަދާ ވެސް ހަވާލުވާ ގޮތަށް އިނގޭތޯ، މި ކަމަށް ރައީސް މުޢިއްޒު އިޖާބަދެއްވައި ސާފުކޮށް ވިދާޅުވެދެއްވާ، އެ ކަމަށް ބޭނުންވާ ފަންޑު ނެތް ކަމަށް ވަންޏާ އަޅުގަނޑުމެން މި ތިބީ ފަންޑު ފޮށި ބަހައްޓައިގެން ޓެލެތޯނު ބާއްވައިގެން ޓީވީ ހަރަކާތް ހިންގައިގެން މަގުމަތީގައި ސަލާން ޖަހައިގެން ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ވެސް އަޅުގަނޑުމެން މި ތިބީ ހޯދަން،" ޢަލީ ވިދާޅުވިއެވެ.
އެއާއެކު ޢަލީ ވަނީ، ރަސްމާލެ މަޝްރޫއުގައި ސޮއިކުރުން މަޑުޖައްސައިލަން ރައީސަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވައިލައްވައިފައެވެ. އޭގެ އިތުރުން ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާން ސުޕްރީމް ކޯޓުން ރައީސަށް ދަންނަވަން ވެސް އޭނާ ވަނީ ގޮވައިލައްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ވަނީ އިއްޔެ ބޭރުކޮށްލައިފައެވެ.
އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވަނީ، ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި އަންނަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ފާހަގަކުރާ، ރާއްޖޭގެ ޖުމްހޫރީ ދުވަހު ސޮއިކުރަން އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.