ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެންޑޯކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގައި ބަލިމީހުން ބައްލަވަން ފަށްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ބަދަލާއެކު، ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ދަތުރުނުކޮށް، މާލޭގައި ތިބެގެން މި ދާއިރާގެ ޚާއްޞަ ފަރުވާ ހޯދުމުގެ ފުރުޞަތު އާންމުންނަށް ފަހިވެގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޑރ. ޖޯސެފަކީ ހަކުރުބަލި މެނޭޖްކުރުމާއި، ތައިރޮއިޑް ބަލިތައް ދެނެގަނެ ފަރުވާދިނުމުގެ އިތުރުން، ހަށިގަނޑުގެ ބަރުދަން އިތުރުވުމާ ގުޅުންހުރި މައްސަލަތަކާއި ހޯމޯންގެ އެކި ބަލިތަކަށް ފަރުވާ ދެއްވުމުގައި ފުޅާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޑރ. ޖޯސެފްގެ ކޮންސަލްޓޭޝަންތަކުގައި މައިގަނޑު ގޮތެއްގައި އިސްކަންދެއްވަނީ ބަލިމީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ރިޢާޔަތްކޮށް، ދިގު މުއްދަތުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފަރުވާގެ ޕްލޭންތައް އެކުލަވައިލުމަށެވެ.
އެންޑޯކްރިނޮލޮޖީގެ ދާއިރާއަކީ ހަށިގަނޑުގެ މެޓަބޮލިޒަމާއި ހޯމޯންތަކާ ގުޅުންހުރި ނިޒާމުތައް ކޮންޓްރޯލްކުރުމުގައި، ޚާއްޞަކޮށް ލޭގައި ހަކުރު ހުންނަ މިންވަރާއި ބަރުދަނަށް އަންނަ ބަދަލުތައް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. މިފަދަ ބަލިތަކަށް އަވަހަށް ފަރުވާ ހޯދުމަކީ ދިގުމުއްދަތުގައި ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މާލޭގެ ބުރުޒުމަގުގައި ހުންނަ މއ. ޗަމްޕާ ވިލާގައި ހިންގާ ޓީޓީއެޗް ކްލިނިކުގައި ޑރ. ޖޯސެފް ބަލިމީހުން ބައްލަވާނީ ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 01:00 އަށެވެ.
ޓީޓީއެޗް ކްލިނިކް މާލެއަކީ އެންޑަކްރިނޮލޮޖީގެ އިތުރުން އިންޓާނަލް މެޑިސިން، ފެމިލީ މެޑިސިން، އަދި ނިއުރޯސަޖަރީގެ ޚިދުމަތްތައް ވެސް ފޯރުކޮށްދެމުން އަންނަ ކްލިނިކެކެވެ. އަދި ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީ، އޯޑިއޮލޮޖީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކުގެ އިތުރުން ރިހެބިލިޓޭޝަންގެ އެކި ފަރުވާތައް މި ކްލިނިކުން ލިބެން ހުރެއެވެ.
މި ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް 3351610 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އެދެއެވެ.