އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އަށް 11 ވަނަ އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑްސް 2026 ގައި އަގުހުރި ދެ އެވޯޑެއް ލިބިއްޖެއެވެ.
އެލައިޑުގެ އިސްލާމިކް ވިންޑޯ ކަމަށްވާ "އެލައިޑް ތަކާފުލް" އަށް "އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ" ގެ ލަގަބު ލިބިފައިވާއިރު، "ކަމަނަ ތަކާފުލް" އަށް ވަނީ "އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓް އޮފް ދަ އިޔާ" ގެ އެވޯޑު ލިބިފައެވެ.
އެ ރަސްމިއްޔާތު އޮތީ ނިމުނު ހަފުތާގެ އަންގާރަ ދުވަހު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ޝަންގްރިއްލާ ހޮޓެލްގައެވެ.
"ބިލްޑިން ލެގަސީސް" ގެ ޝިއާރުގެ ދަށުން ޔޫޓީއޯ އެޑިއުކޮންސަލްޓްއިން އިންތިޒާމުކުރި އެ ހަފުލާގައި، މި ސަރަހައްދުގެ ސިނާއީ މާހިރުުންނާއި، މާލީ އިދާރާތަކާއި، އަދި މުހިންމު ހިއްސާދާރުން އެއްވެ ދެކުނު އޭޝިއާގެ އިސްލާމިކް ބޭންކިން އަދި ފައިނޭންސް ދާއިރާގައި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަނީ ވަޒަންކޮށްފައެވެ.
އެ އެވޯޑްތަކުން ދައްކުވައިދެނީ، އެލައިޑްގެ ތަކާފުލް ވިޔަފާރި ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި 2025 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ މެނޭޖްމަންޓުން އެޅި މުހިންމު ފިޔަވަޅުތައް ކަމަށް އެލައިޑުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، އާންމު ލައިފް އިންޝުއަރެންސް ޕްރޮޑަކްޓްތައް ވިއްކުން ހުއްޓާލައި، ދިރިއުޅުމުގެ ރައްކާތެރިކަމުގެ ހައްލެއްގެ ގޮތުގައި "ފެމިލީ ތަކާފުލް" އިޚްތިޔާރު ކުރުމަށް ނިންމި ނިންމުން ކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑް އެޕް މެދުވެރިކޮށް އާ ކަސްޓަމަރުންނަށް އާންމު އިންޝުއަރެންސްގެ އިޚްތިޔާރު އުނިކޮށް ހަމައެކަނި ތަކާފުލްގެ ޚިދުމަތް ފެންނާނެހެން ހަދައި، ޑިޖިޓަލް ވަސީލަތްތަކުން ތަކާފުލްއަށް ދޭ ސަމާލުކަން ވެސް އެލައިޑުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ކުރިއަށްގެންދިޔަ ފުޅާ މާކެޓިން ހަރަކާތްތަކާއި، ކަސްޓަމަރުން ހޭލުންތެރިކުރުވުމާއި، މުޖުތަމައުއާ ގުޅުންހުރި ހަރަކާތްތަކުގެ ސަބަބުން، 2024 އިން 2025 އަށް ތަކާފުލްގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.
އެލައިޑް ތަކާފުލް އަދި ކަމަނަ ތަކާފުލް ޕްރޮޑަކްޓްތަކަށް ލިބުނު ބައިނަލްއަގުވާމީ މި ކާމިޔާބަކީ ތަކާފުލްގެ ޚިދުމަތް ފުޅާކުރުމަށާއި، އާންމުން ހޭލުންތެރިކުރުވުމަށާއި، ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުމަށް އެލައިޑުން މެދުކެނޑުމެއްނެތް ގޮތެއްގައި ކުރަމުންދާ މަސައްކަތުގެ ހެކިދޭ ކަމެއް ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.