ބޮޑެތި އިންވެސްޓްމަންޓްތަކުގެ ނަމުގައި ބޭރު މީހުން ވަޒަންވެރިކުރުވުމުން ރާއްޖެއަށް އެންމެ ޓެކުހެއް ވެސް ނުލިބޭނެ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލު އުވައިލަން ކޮލަމާފުށީ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން މަޢުރޫފް ވިދާޅުވީ ޓެކުހާ ބެހޭ ގާނޫނުތަކަށް 20ވަނަ މަޖިލީހުން ގެނައި އެއްވެސް ބަދަލަކުން ފައިދާއެއްވާ މަންޒަރު ނުފެންނަ ކަމަށެވެ.
ޓެކްސްތައް ބޮޑުކޮށް ފުޅާކޮށް އިތުރުކުރެވިއްޖެ ކަމަށާއި ނަމަވެސް ރައްޔިތަކަށްވީ އެއްވެސް ފައިދާއެއް ނުފެންނަ ކަމަށް މަޢުރޫފް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދަށް ތައުރީފްކުރައްވައި މަޢުރޫފް ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ޓެކްސް ތައާރަފުކުރީ ނަޝީދުގެ ދުރު ވިސްނުންފުޅާއި ގައުމުގެ ކަންކަން ގެންދަންވީ ގޮތާއި އާންމުންގެ މުސްތަގުބަލާ މެދު ވިސްނައިވަޑައިގަތުމަށް ފަހު ކަމަށެވެ.
"އޭރުގައި އެމަނިކުފާނު ކުރައްވައިފައިވާ ރަނގަޅު ކަމެއް މިއަދު މި ފެންނަނީ ބޮލާލާ ޖަހާ މަންޒަރު އިއްޒަތްތެރި ރައީސް،" މަޢުރޫފް ވިދާޅުވިއެވެ.
މީގެ ކުރިން ގެސްޓްހައުސްތަކާއި ކުދި ޓޫރިޒަމް ވިޔަފާރިތަކުން ނަގާ ގްރީން ޓެކްސް ބޮޑުނުކުރަން ހުށަހެޅިކަން މަޢުރޫފް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޓީޖީއެސްޓީގެ ގޮތުގައި ނަގާ އަދަދު ބޮޑު ނުކުރުމަށް ވެސް ހުށަހެޅިކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ދިވެހިރާއްޖޭގެ ޓެކްސްގެ މުޅި މި ވަށާޖެހޭ ނިޒާމުން ބޭރުން ބޮޑެތި އިންވެސްޓްމަންޓްތަކުގެ ނަމުގައި ސެޓްލްމަންޓުތައް ރާއްޖެއަށް ގެންނަ މަންޒަރު އިއްޒަތްތެރި ރައީސް. މި ސެޓްލްމަންޓުތައް ރާއްޖެއަށް ގެނެސްގެން މީގެން އެންމެ ޓެކްސްއެއް ވެސް ރާއްޖެއަށް ނުލިބޭ މަންޒަރު،" މަޢުރޫފް ވިދާޅުވިއެވެ.
އޭނާ ވަނީ، ރާއްޖޭގެ ބިމުން ބޮޑު ބައެއް އެއްވެސް ޓެކުހެއް ނެގުމެއް ނެތި ސަރުކާރުން ބޭރު ފަރާތްތަކަށް ވިއްކައިލަނީ ކުދި ވިޔަފާރިތަކުން އިތުރަށް ޓެކްސް ނަގާ މަންޒަރު ފޮރުވުމަށް ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެއާއެކު މަޢުރޫފް ވަނީ ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ގެނައުމުގެ ކުރިން އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވެސް ގޮވައިލައްވައިފައެވެ.
އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީމަޢުރޫފް މިހެން ވިދާޅުވިއިރު ރަސްމާލެ މަޝްރޫއުގެ ތެރެއިން ދައުލަތަށް ޓީޖީއެސްޓީ މެދުވެރިކޮށް ލިބޭ އާމްދަނީ، އާންމުކޮށް ރިސޯޓު ތަރައްގީކުރަން ދޫކުރާ ފަޅަކުން ލިބޭ ޓީޖީއެސްޓީއަށް ވުރެ އަށް ގުނަ އިތުރުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި މިދިޔަ ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫއުން އަހަރަކު ޓީޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 340 މިލިއަން ޑޮލަރު ދައުލަތަށް ލިބޭނެ ކަމަށެވެ.
އެއީ ހެކްޓަރަކަށް ބަލާއިރު އަހަރަކު ގާތްގަނޑަކަށް 680،000 ޑޮލަރެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން ރަސްމާލެއަށް އެކަނި އަހަރަކު އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށް، އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިގުތިޞާދަށް ވަންނާނެ ކަމަށް ވެސް މުއްޠަލިބު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.
މި މަޝްރޫއުގައި އަޑިނޭނގޭ އެތައް ކަމެއް ހުރި ކަމަށް ބުނެ، އީގަކް ހިލްސްއާއި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުމުގައިވާ ތަފުސީލުތައް ހާމަކުރަން އިދިކޮޅު ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ގޮވައިލަމުންނެވެ. ވަކިން ޚާއްސަކޮށް މި މަޝްރޫއާއެކު ބޭރު މީހުން ރާއްޖޭގައި ވަޒަންވެރިވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވަނީ އިތުރުވެފައެވެ.