"ނޭގި ތިއްބާ ހަޔާތުގެ އުއްބައްތި ނިވިގެން ހިނގައިދާނެއެވެ. އާޚިރަތް ދުވަހު ފައިދާ ހުރީ ކުރެވުނު ހެޔޮ އަމަލަކުންނެވެ. ހަމައެކަނި ދުނިޔޭގެ އަރާމާއި އުފަލަށްޓަކާ ދާއިމީ ހަޔާތް ހަނދާން ނައްތާނުލާށެވެ."

***

ޒާއިމްއަށްވެސް މެތިއުގެ ފަރާތުން ކެތުރިންއަކީ އެމަނިކުފާނުގެ އުފަން މަންމާފުޅުކަން އެނގިވަޑައިގެންފައިވާތީ ހިތްޕުޅުގައި ކެތުރިންއާމެދު އޮތް ނަފުރަތު މުޅިން ފިލައި އޯގާތެރިކަމާއި ހިތާމަވެރި އަސަރުތަކެއް އުފެދުނެވެ. ނަމަވެސް، ގަނޑުވަރުގެ ނުރައްކާތެރިކަން އެނގިވަޑައިގެންފައިވާތީ ޒާއިމްވެސް އެކަން ސިއްރުކުރެއްވިއެވެ.

ކެތުރިން ލޯތްބާއި ކުލުނުން ފުރިފައިވާ ނަޒަރަކާއެކު ވިދާޅުވިއެވެ. "ގަހުވަ.. ފިނިވުމުގެ ކުރިން ބޯލާ..."

"ޝުކުރިއްޔާ..." ޒާއިމް މަޑުމައިތިރިކަމާއެކު ޖަވާބުދެއްވިއވެެ.

ކެތުރިން ޒާއިމްގެ މޫނަފުޅަށް ފުންކޮށް ބައްލަވައިލެއްވުމަށްފަހު ދެލޯފުޅުން ކަރުނަފޮދު ފައިބާ ހާލުގައި ކޮޓަރިން ނުކުންނަން ދިޔައެވެ. ދޮރާއި ހަމައަށް ވަޑައިގެންފައި ފަސްއެނބުރި ބައްލަވާލެއްވިއެވެ. ޒާއިމްއާއި ދެބޭފުޅުންގެ ނަޒަރު އިރުކޮޅަކަށް ބައްދަލުވީ ހިމޭންކަމުގެ ބަސްމޮށުމާއެކުގައެވެ.

***

ގަނޑުވަރުގެ ބޮޑު ކޮރިޑޯއާއި ފެންޑާގެ ތެރެއަށް ވެރިވެފައިވަނީ މަޑުމަޑު ރަންކުލައިގެ ހޫނު އަލިކަމެކެވެ. ތަނބުތަކުގައި ހުރި ގަދީމީ އުއްބައްތިތަކާއި ލެންޓަންތަކުން ފުރޭނިގެން އަންނަ އޮރެންޖު އަލިން މުޅި މާހައުލަށް ގެނެސްދެނީ ސިއްރުވެރި ނަމަވެސް އަމާން އިޙްސާސެކެވެ.އިސްލާމީ އަދި ސްޕެނިޝް ގެ މޮޅު ފަރުމާ ފެންނަން ހުރިއިރު ބޮޑެތި ތަބުތަކާއި ގަލުން ކަނޑާނަގާފައިވާ އަތްތެރިކަމުގެ ކުރެހުންތަކުން ރަމްޒުކޮށްދެނީ އަންދަލުސްގެ އަމިއްލަވަންތަ ޝާހީ ތާރީޚެވެ. ކޮރިޑޯގެ ކަނާތްފަރާތުގައިވާ ބޮޑެތި ބިއްލޫރި ކުޑަދޮރުތަކުގެ ބޭރުން ފެންނަނީ ފިނިގަދަ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް މަޑުމަޑުން ފައިބަމުންދިޔަ ހުދު ސްނޯގެ ހިތްގައިމު މަންޒަރެވެ.

މުޅި ގަނޑުވަރުގެ ތެރޭގައި ވަނީ ފުން ހިމޭންކަމެކެވެ. އެ ހިމޭންކަމުގެ ތެރޭގައި އެކަހެރިކޮށް ދިއްލިފައިވާ މަޝްއަލުތަކުގެ އަލިން ދައްކުވައިދެނީ ގަނޑުވަރުގެ ތެރޭގައި ވާ ބޮޑެތި ސިއްރުތަކާއި މާޒީގެ އަސަރުގަދަ ޙަޤީޤަތްތަކެވެ.

ކޮޓަރިކޮޅުގައި ރޯކޮށްފައިވާ އަލިފާންގަނޑުގެ މަޑު އަލިކަން ކެތުރިންގެ މޫނުފުޅަށް އެޅިފައިވިއެވެ. އެކަމަނާ ކުޑަދޮރުކައިރީގައި ހުންނަވައިގެން ބޭރުން ފައިބަމުންދިޔަ ހުދު ސްނޯތަކަށް ބައްލަވަމުން ކަރުނުފޮދު އޮއްސަވަމުންގެންދެވިއެވެ. ހިތްޕުޅުގައި ވަނީ ޒާއިމްއަށްޓަކައި އުފެދިފައިވާ މައިވަންތަކަމުގެ ލޯތްބާއި އެދަރިކަލުންނާ ވަކިވެވަޑައިގަންނަވަން ޖެހުމުގެ ވޭނާއި ހިތާމައެވެ. އއެއީީ އެތައް ޒަމާނަކަށް ދެމިގެން ހިތްޕުޅު ކުދިކުދިކުރަމުން ދިޔަ ކެކުޅުމެވެ.

ކޮޓަރީގެ އެއްފަރާތުގައި ހުންނެވި ޒާއިމް ކެތުރިންގެ އެ ހިތާމަވެރި މޫނުފުޅަށް ބައްލަވަން އިރުކޮޅަކު ހުންނެވުމަށްފަހު ކެތުރިންގެ އަރިހަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ހިތްޕުޅުގައިވެސް އެކަމަނާއަށްޓަކައި އުފެދިފައިވަނީ ބަޔާންކުރަންދަތި އޯގާތެރިކަމެކެވެ.

"ކީއްވެގެންތޯ މިހާ ބޮޑަށް ހިތާމަކުރައްވަނީ؟"

ކެތުރިން ސިހިވަޑައިގެން އިސްއުފުއްލަވައި ޒާއިމްގެ މޫނުފުޅަށް ބައްލަވާލެއްވިއެވެ. އެ ދެލޯފުޅުން ފެންނަމުންދިޔަ ހޫނު ކަރުނަފޮދު ފެނިވަޑައިގަތުމުން ޒާއިމްގެ ހިތްޕުޅަށް ކުރެއްވި އަސަރު ބަޔާންކުރަން ދައްޗެވެ.

"ޑެނިއަލްގެ އާލާސްކަންފުޅު މިހާރު ވަނީ މާތް ﷲ ގެ އިރާދަފުޅާއެކު ރަނގަޅުވާން ފަށާފައި. ތިޔަ ކަންބޮޑުވެވަޑައިގަތުންތަކަށް ވަރަށް އަވަހަށް ނިމުމެއް އަންނާނެ."

"އޯ..." ކެތުރިން އަޑުފުޅު ތުރުތުރުއަޅަމުން ވިދާޅުވިއެވެ. "މި ހިތުގެ ވޭން ޒާއިމްއަށް ނުވިސްނިދާނެ... ޑެނިއަލްއަށް ފަރުވާ ލިބުނު ނަމަވެސް... މި ގަނޑުވަރުގެ ތެރޭގައި އޮލީވިއާގެ ނުބައި ރޭވުންތަކާއި އަނިޔާވެރިކަން ނިމުމަކަށް ނާދޭ. ޚާއްޞަކޮށް... ތިޔަފަދަ މާތް އިންސާނަކަށް މިފަދަ އަނިޔާތަކެއް ލިބެމުންދާތީ މި ހިތް ހަލާކުވަނީ..."

ޒާއިމް މަޑުމަޑުން ހިނިފުޅުވަޑުވައިލެއްވިއެވެ. އެ މޫނުފުޅުމަތިން ފެނުނީ އިންތިހާގެ ސާބިތުކަމެކެވެ.

"އަޅުގަނޑަށްޓަކައި ހިތާމަނުކުރައްވާ..." ޒާއިމް ވިދާޅުވިއެވެ. "އިންސާނާގެ ހަޔާތަކީ ކިތަންމެ ދުރުމިނެއްގައި ނުވަތަ ކިތަންމެ ނުރައްކާތެރި ހާލަތެއްގައި ވީނަމަވެސް، ލިޔެވިފައިވާ ގޮތަކަށް ނޫނީ ނުދާނެ. އަޅުގަނޑު މިހުރީ މިނިވަންވެ އަޅުގަނޑުގެ ލޯބިވާ އަންހެނުން ގާތަށް އެނބުރި ދިއުމުގެ އުއްމީދުގައި......"

ކެތުރިން ހައިރާންވެވަޑައިގެން ޝައުޤުވެރިކަމާއެކު އަހާލެއްވިއެވެ. "އަނބިކަނބަލުންނޭ؟އާދެ.......ހަނދާންވެއްޖެ.....މެތިއުގެ ކާފަ ދަރިކަނަބަލަކާއި ކައިވެނިކުރީ ދޯ..."

"އާދެ..." ޒާއިމްގެ މޫނުފުޅަށް ލޯތބާއި އޯގާތެރިކަމުގެ ކުލަވަރެއް ވެރިވެގެންދިޔައެވެ. "އަޅުގަނޑުގެ އަނބިކަނބަލުން ހާލާއަކީ އަޅުގަނޑުގެ ފުރާނަފަދައިން ލޯބިވާ ބައިވެރިޔާ.... އެކަމަނާ މިހާރު އިނީ ދަރިއަކަށް ބަލިވެ.... އަޅުގަނޑުގެ އިންތިޒާރުގައި. ވީއިރު އޮލީވިއާ ފަދަ ބޭފުޅުން ބޭކާރު ގޮތުގައި އަޅުގަނޑު މިތަނުގައި ހައްޔަރުކޮށްގެން އުޅުނު ކަމުގައިވިޔަސް، އަޅުގަނޑުގެ ހިތާއި ރޫހު އޮތީ އަޅުގަނޑުގެ އާއިލާއާއެކު."

ކެތުރިންގެ ހިތްޕުޅަށް ބަޔާންކުރަންދަތި އުފާވެރިކަމަކާއި އެހާމެ ފުން ފަޚުރުވެރިކަމެއް ލިބިގެންދިޔއެވެ. އެކަމަނާގެ އުފަން ދަރިކަލުންނަކީ އެހާ މާތް އަދި ވަފާތެރި ބޭފުޅެއްކަން އެނގިވަޑައިގަތުމުން، ލޮލުން ކަރުނަ ފާއްދާލިއެވެ.

"ދޭތެރެއަކުން... ވިސްނާލެވޭ..." ކެތުރިން ޒާއިމްގެ މޫނުފުޅަށް ބައްލަވަން ހުންނެވީ އެމޫނުފުޅު ދަސްކުރާފަދަ ގޮތަކަށެވެ. "މީސްތަކުންގެ ދެމެދުގައި އޮންނަ ގުޅުންތަކަކީ ކިތަންމެ ދުރުގައި ކިތަންމެ ބައިބައިވެފައި ވީނަމަވެސް، ބައެއް ފަހަރު އިންތިހާއަށް ކައިރިވެ... އެކަކު އަނެކަކަށް ލެނބިގެންދާ ގުޅުންތަކެއް... އެއީ ކީއްވެ ކަމެއް ނޭނގެ."

ޒާއިމް ކެތުރިންގެ މޫނުފުޅަށް ފުން ނަޒަރަކުން ބައްލަވާލެއްވިއެވެ. އެ ނަޒަރުގައިވި ބަސްނުކިޔޭ ޚާއްޞަ ގުޅުމަކުން ކެތުރިންގެ މޭފުޅު ތެޅިގަތެވެ.

"އާދެ..." ޒާއިމް މަޑުމަޑުން ވިދާޅުވިއެވެ. "އެއީ ލެއާއި ލެއާ ދެމެދުގައިވާ ނުފެންނަ ވަރުގަދަ ބާރުކަމުގައި ވެދާނެ."

ކެތުރިން ގެ ހަނދާނަށް އައީ މާޒީގެ ވާހަކައެވެ. އެކަމަނާ ޖަޒީރާއާއި ބެހޭގޮތުން ކުއްލިއަކަށް ސުވާލުކުރައްވަން ބޭނުންފުޅުވިއެވެ.

"ޒާއިމް..." ކެތުރިންގެ އަޑުފުޅު މަޑުވިއެވެ. "އަހަރެން..... އަހަރެން އަހާލަން ބޭނުން...ޒާއިމް ކުޑައިރު... މުސްލިމުންގެ ރަސްގެފާނު ޣާޒީގެ ފުރަތަމަ އަނބިކަނބަލުން... ޖަޒީރާއަކީ ކޮންފަދަ ބޭކަނބަލެއްތޯ؟... ޒާއިމްއާއި ޖަޒީރާގެ ގުޅުން ކިހިނެއް؟"

ޒާއިމް ކުއްލިއަކަށް ހައިރާންވެވަޑައިގެން، ކެތުރިންގެ މޫނުފުޅަށް ފުންކޮށް ބައްލަވާލެއްވިއެވެ. ކެތުރިންއަށް ޖަޒީރާގެ ނަން އެނގިވަޑައިގަތީ ކިހިނެއްބާވައެވެ؟

"ޖަޒީރާ..." ޒާއިމްގެ މޫނުފުޅަށް ވެރިވީ ލޯތްބާއި އިހުތިރާމްގެ ކުލަވަރެވެ. "އެއީ މަންމައެއްގެ ލޯބީގެ މިސާލެއް.. އިންސާނަކަށް ލިބޭނެ އެންމެ ފުރިހަމަޔަށް ލޯތްބާއި އަޅައިލުން އަޅުގަނޑަށް ދެއްވި މާތް ބޭކަނބަލެއް. އެކަމަނާ އަޅުގަނޑު ބަލައިބޮޑުކުރެއްވީ ދީނާއި އަޚުލާގުގެ މަތިވެރިކަން ހިތުގައި އަށަގަންނަވަން ބާރު އަޅުއްވަމުން....އަޅުގަނޑުގެ ކުޑައިރުގެ ހުރިހާ އުފާވެރި ހަނދާންތަކެއް މަންމައާއި ގުޅިފައިވޭ..."

ކެތުރިންގެ މޭފުޅަށް ފުން އަސަރެއް ކުރިއެވެ. ލޮލުން އޮހުނު ކަރުނަފޮދުު އިތުރުވާން ފެށުމުން ބޭރަށް ބައްލަވަން ފެށްޓެވިއެވެ. އެކަމަނާއަށް ވިސްނިވަޑައިގަތީ އެހެން މީހެއްގެ އުނގުގައި އެ ދަރިކަލުން ބޮޑުވި ނަމަވެސް މައިވަންތަކަމުގެ ލޯތްބާއި އޯގާތެރިކަން ވަރަށް ފުރިހަމައަށް ލިބިފައިވާކަމެވެ.

"އެއީ... ވަރަށް ނަޞީބުވެރި މަންމައެއް..." ކެތުރިންގެ އަޑުފުޅު ތުރުތުރުއެޅިއެވެ. "އެކަމަނާގެ ދަރިކަލުން... މިފަދަ މާތް، އަދި ޚުލްގުހެޔޮ ބޭފުޅަކަށް ވުމުން އެކަމަނާ ވަރަށް ފަޚުރުވެރިވެވަޑައިގަންނަވާނެކަން ކަށަވަރު."

"ނަމަވެސް ބައެއްފަހަރު ހިތަށް އަރާ މަންމާފުޅުވެސް ކޮންމެވެސް ކަމެއް ސިއްރުކުރައްވައޭ....ގަނޑުވަރުތަކާއި މިފަދަ ބޮޑެތި އާއިލާތަކުގައި ފޮރުވިފައިވާ ސިއްރުތައް ހުންނާނެކަން ޔަގީން..."

"ޑެނިއަލްއާއި ޒާއިމް ވަރަށް ވައްތަރު....އެހެންވެ ހަމަ ތިޔަ ދަރިފުޅު ފެނުނީމަ މަންމައެއްގެ އިހުސާސްކުރެވުނީ....ދީނުގެ ދުޝްމަންކަން ހަނދާން ނައްތާލާފާ އަމިއްލަ ދަރިންނަށްޓަކާ މަންމައިން ގުރުބާންވެދާނެ...ދީނާއި ތަޚުތުވެސް ދޫކޮށްލަފާނެ ލޯތްބަށްޓަކާ..."

"އަޅުގަނޑަށްވެސް ހަމަ ލިބުނީ މަންމައެއްގެ ލޯބި..ހިތަށްވެސް ނާރާ..އެކަމަކު މިއީ ތަގުދީރުގެ ރޭއްވެވުން...އަޅުގަނޑަށް ކަމަނާގެ ފަަރާތްޕުޅުންވެސް ލިބުނީ އޯގާތެރިކަމާއި ލޯބި...."

އެ ދެމެދުގައި އޮތް ހިމޭން، އަދި އިޙްސާސުން ފުރިގެންވާ ވާހަކަދެއްކުން ނިމިގެންދިޔައީ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވާފައެވެ. އެތަނަށް އޮލީވިއާ ވަޑައިގަތުމާއެކު ވާހަކަފުޅު ހުއްޓުނެވެ.

***

ގަނޑުވަރުގެ ތެރޭގައި ކަންތައްތައް ބަދަލުވެގެން ދިޔައީ އިންތިހާއަށް ހަލުވިކޮށެވެ. މާގްރެޓް ކުއްލިއަކަށް އަވަހާރަވުމާއެކު ރޮޑްރިގޯގެ ވިސްނުންފުޅު ހުރީ މާ ނުރައްކާތެރި މިސްރާބަކަށެވެ.

މުސްލިމުންގެ ކުރީގެ ރަސްގެފާނުގެ އަނބިކަބަލުން އަދި މިހާރު ހުވަފަތްވެފައިވާ ބުތައިނާގެ ޚަބަރު ރޮޑްރިގޯއަށް ލިބުނެވެ. ބުތައިނާއަކީ އަންދަލުސްގެ ލޭ ހުރި އަދި މުސްލިމުންގެ ތެރޭގައި ބޮޑު ނުފޫޒެއް އޮތް ބޭފުޅެކެެވެ.

ރޮޑްރިގޯގެ ހިތްޕުޅުގައި އުފެދުނީ ތަފާތު ޚިޔާލެކެވެ.

"ބުތައިނާއަކީ މިހާރު އެކަނިވެރިއެއް. އަދި އޭނާއާ ކައިވެނިކޮށްފިނަމަ މުސްލިމުންގެ ލަޝްކަރު އެއްކޮށް އަހަރެންގެ އަތްދަށަށް ގެނެވޭނެ. އަންދަލުސްގެ މުޅި ތަޚުތު އަހަރެންގެ ފައިދަށަށް ގެންނަން މިއީ ލިބޭނެ އެންމެ ރަނގަޅު ފުރުސަތު..."

ރޮޑްރިގޯ ނިންމެވީ ބުތައިނާއާ ކައިވެނިކުރެއްވުމަށެވެ. ބުތައިނާއަކީ އިސްލާމްދީނުގައި ވަފާތެރިކަންމަތީގައި ހުރި މުސްލިމެއްކަމަށް ހީކުރެވުނަސް ބާރާއި ތަޚުތުގެ ކުރިމަތީގައި އެމަނިކުފާނަށް އެއްވެސް ކަމެއް ގޯހެއް ނޫނެވެ.

ރޮޑްރިގޯގެ މި ނުބައި ރޭވުން ފުރިހަމަވުމުގެ ކުރިން ގަނޑުވަރުގެ ތެރެއަށް ވަދެގަތީ މުސްލިމުންގެ ވަރުގަދަ ލަޝްކަރެވެ.

ފާރިސް ގެ އިރުޝާދުގެ ދަށުން، މުސްލިމުން ކޯއްޓޭގެ ފާރުތައް ގިރާކޮށް ގަނޑުވަރަށް ކުއްލި ޙަމަލާއެއް ދިނެވެ. މި ހަލަބޮލިކަމުގެ ތެރޭގައި ޒާއިމް އާއި އުވައިސް ސަލާމަތްކޮށްގެން މުސްލިމުންގެ ކޭމްޕަށް ގެންދިއުމުގައި ލަޝްކަރު ކާމިޔާބުކުރިއެވެ.

ޒާއިމް ގަނޑުވަރުން ސަލާމަތްވެގެން ވަޑައިގަތްކަން އެނގުމުން ކެތްރީންގެ ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގެންނެވިނަމަވެސް އެ ވަކިވުން ހިތްޕުޅަށް އުދަގޫވެސް ދިން އެއްޗަކަށްވިއެވެ.

"މަންމާ..." ޑެނިއަލް ކެތުރިންގެ އަތްޕުޅުގައި ހިފަހައްޓަވައިލެއްވިއެވެ. "ޒާއިމް އެ ވަޑައިގަތީ ހައްގު މަގަށް. އަޅުގަނޑު ހިނގޭވަރުވި ދުވަހަކުން މަންމައާއެކު އަޅުގަނޑުވެސް ޒާއިމްއާއި ބައްދަލުކުރާނަން..."

***

ގަނޑުވަރުގެ ތެރޭގައި އޮތީ އިންތިހާގެ ހަލަބޮލިކަމެކެވެ. ރޮޑްރިގޯ އާއި ބުތައިނާގެ ކައިވެނިފުޅުގެ ރަަސްމިއްޔާތު ނިމި ބުތައިނާ ޝާހީ މަލިކާއެއްގެ ގޮތުގައި ގަނޑުވަރަށް ގެންދެވުނެވެ. މުސްލިމުންގެ ލަޝްކަރުގެ މައްޗަށް ބާރުފޯރުވުމަށްޓަކައި ރޮޑްރިގޯ ކުރެއްވި މި ކައިވެނިފުޅަކީ މުޅި ސަރަޙައްދުގެ ސިޔާސީ މަސްރަޙު އެކޮޅުކޮޅުން ޖަހައިލި ކަމެކެވެ.

ގަނޑުވަރުގެ ތެރޭގައި ހުރި އާލަމްގެ ސިކުނޑީގައި ހިނގަމުންދިޔައީ ވަރަށް ނުބައި ރޭވުންތަކެކެވެ. މުސްލިމުންގެ ކުރިމަތީގައި އެމަނިކުފާނު ހުންނަވަނީ އެންމެނަށް އަޅާލައްވާ މުސްލިމުންނަށް ހެޔޮ އެދިވަޑައިގަންނަވާ ދީންވެރި އަމީރެއްގެ ސިފައިގައެވެ.

"ތިޔަ ބޭފުޅުން ކަންބޮޑުވެވަޑައިނުގަންނަވާ..." އާލަމް މުސްލިމުންގެ ވެރިންނަށް ވިދާޅުވިއެވެ. "އަޅުގަނޑު މިހުރީ ކޮންމެ ޙާލެއްގައިވެސް މުސްލިމުންގެ ޙައްގުތައް ހިމާޔަތްކުރަން. ރޮޑްރިގޯއާ އެކު އަޅުގަނޑު މި ހަދާ ސުލްހައިގެ ސަބަބުން އަޅުގަނޑުމެންނަށް ސަލާމަތްކަން ލިބޭނެ."

އާލަމްގެ ދޫފުޅުގެ އޮމާންކަމަށް މުސްލިމުންގެ ބައެއް ބޭފުޅުން ހެއްލުނު އިރު އެމަނިކުފާނުެ ހިތްޕުޅުގެ އެންމެ ފުނުގައިވީ ވެރިކަމުގެ ދަހިވެތިކަމާއި ޚިޔާނާތުގެ ނުބައި އަލިފާނެވެ.

ޒައިމް އީސާއިންގެ ހައްޔަރުން ސަލާމަތް ވެ ވަޑައިގެން ދަތުރުފުޅުކުރައްވާ ޝަހަރަށް ވަޑައިގެންނެވުމާއެކު ޝުުުކުރުގެ ސަޖިދައެއް ކުރެއްވިއެވެ. އެތަނުގައި ތިބި އެންމެންގެ ތަހުލީލާއި ތަކްބީރުގެ އަޑުން މުޅި މާޙައުލު ގުގުމައިގެންދިޔައެވެ.އެއީ ބަޔާން ކުރަންދަތި އުފާވެރި އަދި ކަރުނައިން ފުރިގެންދިޔަ ވަގުތެކެވެ.

ޒާއިމް ފެނިވަޑައިގަތުމާއެކު ހާލާއަށް ހީފުޅުކުރެއްވުނީ ރީތި ހުވަފެނެއްކަމުގައެވެ.

"ޒާއިމް...ޒާއިމް...."

ހާލާ ދުވެވަޑައިގެންފާ ކަހަލަ ގޮތަކަށް ގޮސް ޒާއިމްގެ މޭފުޅުގައި ބައްދާލެއްވިއެވެ. އެކަމަނާގެ ދެލޮލުން އޮހުނު ކަރުނަތަކަކީ ޒާއިމް ގެއްލިދާނެ ކަމަށްޓަކައި ހިތްޕުޅުގައި އުފެދުނު ބިރުވެރިކަމާއި އަދި މާތް ﷲ ގެ ކުޅަދުންވަންތަކަމަށްޓަކައި އޮހޮރުނު ޝުކުރުގެ ކަރުނައެވެ.

"ހާލާ..." ޒާއިމް ހާލާގެ އިސްތަށިފުޅުގައި މަޑުމަޑުން ފިރުމައިލެއްވިއެވެ. "އަހަރެން އެނބުރި މިއައީ... ދެން އަހަރެމެން ވަތްކެއް ނުވާނެ އިންޝާﷲ.."

މި ޚަބަރު އާލަމް އަށް ލިބިވަޑައިގަތް ހިނދު އެމަނިކުފާނުގެ މޫނުފުޅުގެ ކުލަވަރު މުޅިން ބަދަލުވެގެންދިޔައެވެ. އިންތިހާގެ ރުޅިވެރިކަމާއި ހަސަދަވެރިކަމުން އެ ލޯފުޅު ރަތްވެ އަނގުރު އަލިފާންކޮޅެއްހެން ހީވިއެވެ.

"ޒާއިމް އަދިވެސް މަރުނުވެ އެނބުރި އައީ؟" އާލަމްގެ ގާތް އެކުވެރިއެއްގެ އަރިހުގައި ހުންނަވާފައި އަތްޕުޅު މުށްކަވާލަމުން ކޯފާއާއެކު ވިދާޅުވިއެވެ. "އޭނާ ސަލާމަތްވެއްޖެނަމަ އަހަރެންގެ ރަސްކަމާއި މުސްލިމުންގެ މައްޗަށް އޮތް ބާރު ގެއްލިގެން ހިނގައިދާނެ.... ރޮޑްރިގޯއާ ގުޅިގެން އަހަރެން ހިންގި ހުރިހާ ރޭވުމެއް ފެނަށްވެގެން ހިނގައިދާނެ..."

އާލަމްގެ ހިތްޕުޅުގައި ޒާއިމާ މެދު އުފެދުނު ނަފުރަތާއި ކޯފާ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދިޔައެވެ. ޒާއިމް އަދި ހާލާ ނައްތައިލާނެއި އިތުރު ނުބައި ޕްލޭނަކާއިމެދު ޚިޔާލުކުރެއްވިއެވެ.

***

ރޮޑްރިގޯއާއި ބުތައިނާ ކައިވެނިފުޅަށްފަހު ގަނޑުވަރުގެ ބޮޑު ހޯލުގައި މަރުޙަބާ ކިޔުމުގެ ޙަފްލާއެއް ބޭއްވުނެވެ. އެތަނުގައި ޝާހީ ޚާންދާނުގެ ބޭފުޅުންނާއެކު ކެތްރީންއާއި އާލަމްވެސް ބައިވެރިވެވަޑަައިގަތެވެ.

ކެތުރިން ބުތައިނާގެ އަރިހަށް ވަޑައިގެން މަރްޙަބާ ވިދާޅުވިއެވެ.

"މަރުޙަބާ މޭރީ......." ކެތުރިން ވިދާޅުވިއެވެ. "ކަމަނާ މި ގަނޑުވަރަށް ވަޑައިގަތުމަކީ މި ވެރިކަމަށް ލިބުނު ބޮޑު ބާރެއް. މިއީވެސް މާތް ރަސްކަލާނގެ އަޅުގަނޑުމެންން އަނެއްކާވެސް ދިމާވާންވެގެން ހިނގި ކަމެއް..."

"ކެތްރީން...ހަމަ ހިތަށްވެސް ނާރާ...އެދުވަސްތައް.....ކޮންފަދަ ކަންތައްތަކުން އަޅުގަނޑުމެން ސަލާމަތްވެ މި މަގާމަށް އާދެވުނީ..."

އާލަމްގެ ތުންފަތްޕުޅަށް މަކަރުވެރި ހިނިތުންވުމެއް ވެރިކޮށްލަމުން ވާހަކައިގައި ބައިވެރިވެވަޑައިގަތެވެ. "ލައްބަ....މަންމައާއި އަމީރު ރޮޑްރިގޯ ގުޅުމަކީ އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙަށް ލިބުނު ފަސޭހައެއް. ޙަގީގަތުގައި މުސްލިމުންނަށްވުރެ އީސާއީންގެ އުސޫލުތައް މާ ހަރުދަނާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ އެހެންވެ."

ބުތައިނާ އާލަމްގެ މޫނުފުޅަށް ބައްލަވައިލެއްވިއެވެ." ދަރިފުޅު ތިޔަބުނީ ތެދެއް. މުސްލިމުންގެ ބައެއް ވެރިންގެ ހަރުކަށިކަމާއި އަމިއްލަ އެދުންބޮޑުކަމުން ދީނުގެ އަސްލު ނޫރު ވަނީ ފަނޑުވެފައި. ޙަޤީޤަތުގައި ކުރިން އަޅުގަނޑު މުސްލިމުންގެ ގާތަށް ދިޔައީ ބަދަލުހިފުމުގެ ހިތަކާއެކު ބަދަލުހިހިފުމުގެ ނިޔަތުގައި. ނަމަވެސް، މުސްލިމުންގެ ހެޔޮލަފާ ރަސްގެފާނު ޣާޒީގެ އޯގާތެރިކަން ދެކެ އަޅުގަނޑުގެ ހިތް ބަދަލުވީ....ނަމަވެސް އެންމެން އެހެނެއްނުވާނެ..ގިނަ މުސްލިމުން ބޭނުންވަނީ ލޭ އޮހޮރުވަން..."

ބުތައިނާ އިތުރަށް ވިދާޅުވިއެވެ. "އަޅުގަނޑުގެ ދަރިންނަށް އަޅުގަނޑު ކިޔައިދެނީ ހަމައެކަނި އެއް ދީނެއް ނޫން....ދެ ދީނުގެ ވެސް ރީތި މަތިވެރި އުޞޫލުތައް.... ދީނަކީ މީހުން މަރައި ބައިބައިކުރަން އޮތް އެއްޗެއް ނޫން... އިންސާނިއްޔަތުކަން ދަސްކޮށްދޭ ނޫރެއް......"

"އަޅުގަނޑުވެސް ދެކެމުން އައީ އެހެން..ނަމަވެސް މިހާރު އަޅުގަނޑަށް ހީވަނީ ބޭބޭފުޅުވެސް ވަގުތީ ސުލްހައެއްވިޔަސް އަންދަލުސްއިން މުސްލިމުން ބޭރުކުރާނެހެން...ނޫނީ ތިބި ބަޔަކު ގަދަކަމުން އީސާއީދީނަށް ވައްދާނެހެން...."

"ތިޔައީ ރަނގަޅު ވާހަކައެއް. މުސްލިމުންގެ ހަރުކަށިކަމަށްވުރެ އީސާއީ ދީނުގެ ފިކުރާއި މަޑުމައިތިރިކަން މާ ބޮޑަށް ހިތާ ގުޅެނީ އެހެންވެ......"އާލަމް ހުރީ ދީނަށްވުރެ ދުނިޔެ އިސްކޮށްގެންނެވެ.

ޙަފްލާ ނިމި މީހުންތައް މަދުވެ ބުތައިނާއާއި ކެތްރީން އެކަހެރިވުމާއެކު ކެތްރީން ނިންމެވީ އެ ސިއްރު ބުތައިނާއަށް ހާމަކޮށްދިނުމަށެވެ. މިހާރު ޒާއިމްވެސް ގަނޑުވަރުގައި ވަޑައިގެން ނެތުމާއެކު ރޮޑްރިގޯއަށްވެސް އެހާ ފަސޭހައިން ޒާއިމްއަށް ގެއްލުމެއް ދެވޭނެހެން ހީފުޅުނުވުމާއެކުގައެވެ.

"ބުތައިނާ..." ކެތުރިންގެ އަޑުފުޅުގައިވަނީ ނުހަނު ފުން އަސަރެކެވެ. "އަޅުގަނޑު މި ވާހަކަ ދައްކަވަނީ ހަމައެކަނި ކަމަނާ ކައިރީގައި. ވަރަށް ބޮޑު ސިއްރެއްގެ ގޮތުގައި."

ބުތައިނާ ހައިރާންވެވަޑައިގެން ބަލައިލެއްވިއެވެ. "ކޮން ވާހަކައެއްތޯ، ކެތުރިން؟"

"ޒާއިމް..." ކެތުރިންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. "އެއީ... އެއީ މުސްލިމުންގެ އަމީރު.....އެކަމަކު މޭރީ ހަނދާން އެބަހުރިތަ؟ ޖޯންއާއި އަޅުގަނޑު ކައިވެނިކޮށްގެންގޮސް ތިގޭގައި ހުރިއިރު ބަލިވެއިންކަން..... އެ ދަރިފުޅު އުފަންވުމާއެކުހެން އަޅުގަނޑާއި ވަކިވީ...ޒާއިމް ގަނޑުވަރުގައި ހައްޔަރުކޮށްފައި ހުއްޓާ އެކަން އެނގުނީ..އެއީ ޖޯންއާއި އަޅުގަނޑުގެ ގެއްލުނު ދަރިފުޅު...."

ބުތައިނާގެ ދެލޯފުޅު ބޮޑުވެ ނޭވާ ހުއްޓުނު ފަދަ އިޙްސާސެއް ކުރެވުނެވެ. "ކީކޭ؟ ޒާއިމްއަކީ... ޖޯންގެ ދަރިއެކޭ؟"

"އާނ... މޭރީ..." ކެތުރިން ކަރުނުފޮދު ފޮއްސަވަމުން ވިދާޅުވިއެވެ." އެއީ އަޅުގަނޑުގެ ހިތުގެ އެތިކޮޅު...އަޅުގަނޑުގެ ލޮލުގެ ނޫރު...ފުރާނަ....އަޅުގަނޑު އެދަރިކަލުންނަށްޓަކާ އޮހި ކަރުނަ ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ރަސްކަލާނގެ........"

"ބުނާނެ އެއްޗެއްވެސް ނޭގިފައި މިހިރީ...ކެތްރީންއަށް އެނގޭތަ؟ އަޅުގަނޑު އަބަދުވެސް ޒައިމްއާއިމެދު ޝައްކުކުރިން....ޖަޒީރާއާއި ދިމާލަށްވެސް ބުނަން ޒައިމްއަކީ އެ މުސްލިމް ޚާންދާނަށް ނިސްބަތްވާ ޒުވާނަކާއި ވައްތަރެއްނޫނޭ.........ރާބިޔާ މާމަވެސް ހުންނެވީ އެކަން ތަހުގީގުކުރުމުގެ މަރުހަލާގައި...ހެޔޮވާނީ ކިހިނެއް؟ ޖަޒީރާ އެދަރިކަލުން ވަގަށް ނެގީ"

"ނޫން އެހެނެއްނޫން އެކަން ހިނގީ..ޖަޒީރާގެ ކުށެއްނެތް....އެކަމަކު އަޅުގަނޑު އެކަމާއި ހާދަ ހިތާމައެއްކުރިފަހުން ޒާއިމް ފެނުނީ.....މޭރި އަޖައިބެއް ނުވާނެތަ؟ މޭރީގެ ދަރިކަނބަލުން ހާލާ ގެ ފިރިމީހާއަކީ އަޅުގަނޑުގެ އުފަން ދަރިފުޅު ޒާއިމް.... އެއީ ދެ އާއިލާއެއްގެ ލޭ އެކުވެގެން އައި ލޯބީގެ ގުޅުމެއް. އަޅުގަނޑުމެން ދެމީހުންނަށް މާމަ ދަރިއެއް މިލިބެނީ...މާތް ރަސްކަލާނގެ އަޅުގަނޑުމެން ދެމީހުންގެ ގުޅުން ވަރުގަދަކުރެއްވީ...މިހާރު ފަހަރިއަކަށްވެސް ވީ..."

ބުތައިނާގެ ހިތްޕުޅަށް ލިބުނީ ބަޔާންކުރަންދަތި ސިހުމެކެވެ. ކުރިން ޖޯންދެކެ ރުޅިއަރައި މާޒީގައި އެތައް ހަނގުރާމައެއް ކުރެވުނުއިރު މިއަދު އެ މީހުންގެ ދަރިން އެވަނީ އެކުވެފައެވެ.

"އެކަމަކު..." ބުތައިނާ ތުރުތުރުއަޅާ އަޑަކުން ވިދާޅުވިއެވެ. "ރޮޑްރިގޯއަށް މި ހަގީގަތް އެނގިއްޖެނަމަ؟ އެމަނިކުފާނު ޖޯންދެކެ އިންތިހާއަށް ނަފުރަތުކުރައްވާ.... ޖޯންގެ ދަރިއަކީ ޒާއިމްކަން އެނގި ވަޑައިގެންފިނަމަ، ރޮޑްރިގޯ އެއްގޮތަކަށްވެސް މިކަން ޤަބޫލުފުޅު ނުކުރައްވާނެ....."

ކެތުރިން ހިމޭންވެވަޑައިގަތެވެ. އެކަމަނާގެ މޭފުޅުގައި އޮތީ ބިރުވެރިކަމެކެވެ. "އެކަން ވާނީ ސިއްރަކަށް... އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގައި އޮންނާނެ ސިއްރަކަށް...ކިރިޔާވެސް އެނގިވަޑައިގެންފިއްޔާ ޒައިމް ގަތުލުކުރައްވާނެ....އެއީ އަޅުގަނޑަށް ކެތްކުރެވޭނެކަމެއްނޫން......"

"ކެތްރީން...ތިބުނީ ތެދެއް....ހާލާ އިނީ ދަރިއަކަށް ބަލިވެ...އެހެންނޫނަސް އެދެކުދިންގެ ދޭތެރޭވަނީ އާދަޔާ ޚިލާފު ލޯތްބެއް އުފެދިފައި..ކުޑައިރުއްސުރެ އެކީ ބޮޑުވުމުގެ އަސަރުކަމަށްވާނީ...އާލަމްއާއި ޅިލާފަށް އާލާ ދީނަށް ލޯބިކުރައްވާ...އެއީ ހާލާ އަޅުގަނޑުގެ ބޭބެ ތާރިގުއާއި ފުދޭވަރަކަށް ކައިރިކޮށް އުޅުނީ...ޒާއިމްފަދައިން އިސްލާމްދީނަށްޓަކާ ފިދާވާން ތައްޔަރަށް ތިބެނީ..އެކުދިން ދީން ބަދަލެއްނުވެސް ކުރާނެ.. ހުރިހާކަމަކަށްވުރެ ދީނަށް ލޯބި ޖެހިފައިވަނީ..."

"އެއީ މައްސަލައެއްނޫން..ކޮންމެ ދީނަކަށްވިޔަސް މަޔެއްގެ ލޯބި ދަރިންނަށް ފަނޑުނުވާނެ..އަޅުގަނޑުގެ ހުރިހާވެސް އުފަލަކީ ޑެނިއަލްއާއި މަގޭ ޒައިމް..."

***

ކެތުރިންގެ ދުލުން އިވުނު ހަގީގަތުން ބުތައިނާގެ ސިކުނޑީގައި މާޒީގެ އެތައް ހަނދާންތަކެއް ސިފަވެގެންދިޔައެވެ.

"'ހޫމް......." ބުތައިނާ ހިތްޕުޅަށް އަރާ ވަޑައިގަތެވެ." ޖަޒީރާ ޒާއިމްއާމެދު ކަންތައް ކުރިގޮތުންނާއި އެ ކުއްޖާ ގަނޑުވަރަށް ގެނެވުނު ގޮތާއިމެދު ޚާދިމާއިން ކޮންމެވެސް ވަރަކަށް ޝައްކުކޮށް ހިތުގައި ސުވާލުތަކެއް އުފެދުނީ...އެކަން މިވީ ހަމަ އަހަންނަށް ޝައްކުވީގޮތަށް.... މި ހަގީގަތް ރާބިޔާ އަށް އެނގިއްޖެނަމަ މުސްލިމުންގެ ޝާހީ އާއިލާގެ ތެރޭގައި ބޮޑު ތޫފާނެއް އުފެދޭނެ..... ރާބިޔާއަކީ އާއިލާގެ އަބުރާއި ޝާހީ ލޭގެ ޙައްޤުގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބޭފުޅެެއް..."

ބުތައިނާ އަޒުމް ކަނޑައެޅުއްވީ ދަރިކަނބަލުން ހާލާއާއި ޒާއިމްގެ އުފާވެރިކަމަށްޓަކައި މި ސިއްރު މުޅި ދުނިޔެއަށްވެސް ވަންހަނާކުރެއްވުމަށެވެ.

***

ޖަޒީރާގެ ދެލޯފުޅުން އޮހެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތަކާއެކު އެކަމަނާގެ ތުރުތުރުއަޅާ ދެއަތްޕުޅުން ޒާއިމްގެ މޫނުފުޅުގައި ފިރުމަވަމުންދިޔައެވެ.

"މަގޭ ދަރިފުޅާ..." ޖަޒީރާގެ އަޑުފުޅު ތުރުތުރުއެޅިއެވެ. "ކުރި ނުރައްކާތެރި ދަތުރަށްފަހު މާތް ﷲ ކަޑައްތުކުރައްވައި އަހަރެންގެ ގާތަށް ދަރިފުޅު ރައްކާތެރިކަމާއެކު އެނބުރި ގެނެސްދެއްވައިފި... މަންމަގެ ހިތް އޮތީ ދަރިފުޅަށްޓަކައި ރުއިމާއި ދުޢާކުރުމުގައި...."

ޒާއިމް ޖަޒީރާގެ އަތްޕުޅުގައި ހިއްޕަވައި އެ އަތްޕުޅުގައި ބޮސްދެއްވިއެވެ. އެމަނިކުފާނުގެ ހިތްޕުޅަށް ބަޔާންކުރަންދަތި އަސަރުތަކެއް ކުރެއްވިއެވެ. އެމަނިކުފާނުގެ ކުރިމަތީގައި މިއިންނެވީ ހަގީގީ މަންމަ ކެތުރިން ނޫންކަން އެނގިވަޑައިގަތުމުންވެސް ތުއްޕުޅުއިރުން ފެށިގެން އެކަމަނާ ދެއްވި ލޯތްބާއި އޯގާތެރިކަމާއި މައިވަންތަކަމުގެ ކުލުނުވެރިކަމުގައި އެއްވެސް އުނިކަމެއް ނެތުމާއެކު ހިތްޕުޅުގައިވި ލޯބި ފަނޑެއްނުވިއެވެ.

"މަންމާ..." ޒާއިމްގެ އަޑުފުޅުން ފުން އަސަރެއް ފާޅުވިއެވެ. "މަންމަ އަޅުގަނޑު ދެކެ ތިޔަވަނީ ކޮންފަދަ މަތިވެރި ލޯތްބެއް..އަޅުގަނޑު މިއަދު މިހުރި މަގާމާއި އަޅުގަނޑުގެ ހިތުގައިވާ އިޚްލާޞްތެރިކަމަކީ މަންމަގެ ތަރުބިއްޔަތާއި ނަސޭހަތުގެ މޭވާ.....މަންމަ ވެވަޑައިގެންނެވި ޤުރުބާނީގެ ނަތީޖާ....."

ޖަޒީރާ ހިނިތުންވެވަޑައިގަންނަވަމުން ޒާއިމްގެ ނިތްކުރީގައި ބޮސްދެއްވިއެވެ. "ދަރިފުޅަކީ މަންމަގެ ފުރާނަ.....ދަރިފުޅަށްޓަކައި މަންމަގެ ފުރާނަ ޤުރުބާންކުރަންޖެހުނަސް މަންމަ ފަސްޖެހޭކަށް ނެތިން...."

ޖަޒީރާގެ އެ އޯގާތެރި ބަސްފުޅުތަކުން ޒާއިމްގެ ހިތްޕުޅުގައިވާ ކުށްވެރިކަމުގެ އިޙްސާސް ދެގުނަވެގެންދިޔައެވެ. މެތިއުގެ ފަރާތުންނާއި ކެތުރިންގެ ފަރާތުން އާއިލާގެ ސިއްރު އެނގިވަޑައިގަތުމުން އެހާ ބޮޑު ސިއްރެއް މި މާތް މަންމައަށް ވަންހަނާކޮށްގެން ހުންނެވުމަކީ އެމަނިކުފާނުގެ ހިތްޕުޅަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ.

ޒާއިމް ފުންނޭވާފުޅެއް ދޫކޮށްލެއްވިއެވެ. އެމަނިކުފާނުގެ ދެލޯފުޅުން ކަރުނައިގެ ތިކިތައް ފާއްދާލިއެވެ.

"މަންމާ..." ޒާއިމް ޖަޒީރާގެ ދެއަތްޕުޅުގައި ވަރަށް ބާރަށް ހިއްޕަވާލެއްވިއެވެ. އެމަނިކުފާނުގެ އަޑުފުޅު ތުރުތުރުއަޅައިގަތެވެ. "އަޅުގަނޑު މަންމަ ގާތު... ވަރަށް ބޮޑު ވާހަކައެއް... ވަރަށް ބޮޑު ޙަޤީޤަތެއް ކިޔައިދޭން ބޭނުން..."

ޖަޒީރާ ހައިރާންވެވަޑައިގެން ޒާއިމްގެ މޫނުފުޅަށް ބައްލަވާލެއްވިއެވެ. "ދަރިފުޅާ... ކޮން ވާހަކައެއް؟"

ޒާއިމް މަންމާފުޅުގެ ލޯފުޅަށް ސީދާ ބައްލަވާލެއްވިއެވެ.

"މަންމާ...އަޅުގަނޑު..."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު