ފުނަދޫ ޕެޓްރޯލް ޝެޑުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ

ފުނަދޫ ޕެޓްރޯލް ޝެޑުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ -- ފޮޓޯ: ސަން ކިޔުންތެރިއެއް

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ށ . ފުނަދޫ ޕެޓްރޯލް ޝެޑުގަ އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން މިހާރު ދަނީ އެރަށަށް ދިއުމަށް ދަތުރު ކުރަމުން ކަމަށެވެ. އަދި އެއާޕޯޓުގެ ފަޔާ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

އެ ސަރަހައްދުގައި ހުރި މީހަކު 'ސަން' އަށް ކިޔައިދިން ގޮތުގައި ޕެޓްރޯލް ޝެޑު ކައިރީގައި ހުރި ގެއެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް އެ ގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވެ ދަނީ އަނދަމުން ކަމަށް އެ މީހާ ބުންޏެވެ.

ޕެޓްރޯލް ޝެޑު ކައިރީ ހުރި ތަނެއްގައި ރޯވެފައި --

ހަމައެއާއެކު ރަށު ސްކޫލް ވެސް ހުރީ އެ ސަރަހައްދާ ގާތުގައި ކަމުން ދުމުގެ އަސަރު ވަރަށް ބޮޑަށް ސްކޫލަށް ވެސް ކޮށްފައިވާ ކަމަށް އެ މީހާ ކިޔައިދިނެވެ. އެހެންކަމުން ސްކޫލްގެ ކިޔެވުން ވެސް މިހާރު ވަނީ ބަންދުކޮށްފައި ކަމަށް އެ މީހާ މައުލޫމާތު ދިނެވެ.

'ސަން' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުން ނެރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

comment ކޮމެންޓް