ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ރިޔާސަތަށް އައުމުގެ މަސައްކަތްޕުޅު ފެށްޓެވި ހިސާބުން ފެށިގެން ރާއްޖޭގެ އިގުތިޞާދު އެހެން ހަރުފަތަކަށް ގެންދެވުމަށް އައު ތަސައްވުރެއް ކުރައްސަވަމުން ގެންދަވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމަނިކުފާނުގެ ތަސައްވުރެއް ރައްޔިތުންނާ ޙިއްސާކުރައްވަމުން ގެންދެވި ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އެވަގުތުގެ ޙާލަތުގައި އުފެދިފައި ހުރި އިގުތިސީދީ އަދި މާލީ ބައެއް ގޮންޖެހުންތަކާއި ކުރިމަތިވެދާނެ ކަންކަމުގެ ވާހަކަވެސް ރައީސް އަބަދުވެސް ފާހަގަކުރައްވަމުން ގެންދެވި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް އެކްސްޕޯ 2026ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް މުއިއްޒާއި ވަޒީރޔު ސަޢީދު.... ފޮޓޯ/ ރައީސް އޮފީސްރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް ގާއުމު ކުރިއަށް ގެންދާނެ ސާފު މަންޒަރެއް އެމަނިކުފާނު ސިފަކުރައްވައި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެންހުރި ފުރުސަތުތައް ހޯދުމަށް ރެޔާއި ދުވާލު އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ވަށާޖެހޭ ގޮތެއްގައި އިންވެސްޓްމެންޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކަށްވެސް ފައިދާވާނެ ފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުންކަން ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކާއި ޒުވާނުންނަށްޓަކައި ރައީސް ޚާއްސަ ލަނޑުދަނޑިއެއް ކަނޑައަޅުއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސްދައުރެއް އެއްވެސް ޝައްކެއް ނެތި އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަދެވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކުން" ވަޒީރު ވިދާޅުވިއެވެ.
މޯލްޑިވްސް އެކްސްޕޯ 2026ގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް މުއިއްޒާއި ވަޒީރޔު ސަޢީދު.... ފޮޓޯ/ ރައީސް އޮފީސްވަޒީރު ވިދާޅުވީ ބިނާކުރަނިވި ހިޔާލުފުޅުތަކެއް ގެންގުޅުއްވާ ކޮންމެވެސްކަހަލަ ނަފާވެރިކަމަކަށް ބޭނުންވާނެ ޒުވާނުންނަށްޓަކައި ރައީސް ތަސައްވުރެއް ކުރެއްސެވީ 2030 ވަނަ އަހަރާއި ހަމައަށް އަންނަންވާއިރަށް ކްރިއޭޓިވް އިކޮނޮމީ ރާއްޖޭގެ އިގުތިޞާދުގެ 15 އިންސައްތަ ހިއްސާކުރައްވާނެ ކަމަށާއި އަދި އެކަމަށް އިރުޝާދު ދެއްވިކަމަށެވެ.
މިއަހަރުގެ މޯލްޑިވްސް އެކްސްޕޯއަކީ މީގެ ކުރިން ނުބޭއްވޭ ފަދަ ފުޅާ ދާއިރާއެއްގައި ބޭއްވުނު މައުރަޒެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ ޢަދަދު 600 އަށް އަރާފައިވާ ކަމަށެވެ. އަދި މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކުގެ ޢަދަދު 4،400 އަށް އަރާފައިވާއިރު، މައުރަޒު އިންތިޒާމުކުރި ޑިސްޓްރިކްޓްތަކުގެ ޢަދަދުވެސް ވަނީ 5 އިން 7 އަށް އިތުރުކުރެވިފައެވެ.
އަލަށް އިތުރުކުރެވުނު ޑިސްޓްރިކްޓްތަކުގެ ތެރޭގައި ހިމެނޭ ވިޒިޓަ އިކޮނޮމީ ޑިސްޓްރިކްޓް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑު ފުރުޞަތެއް ހުޅުވި، ވިޒިޓަ އިކޮނޮމީއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ހަމައެއާއެކު، އަލަށް ގާއިމުކުރެވުނު އިންޓަނޭޝަނަލް ޑިސްޓްރިކްޓް ގައި ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އައު މާކެޓުތަކަށް ވާސިލުވެ، އުފެއްދުންތައް އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.