ޚިޔާލުތަކުން ނުކުމެވުނު ޒަރޫންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެގޮތަށް އެ ގުޅުން ނިންމައިލަން ޖެހުމުން ޒަރޫންއަށް އޭރު ހަމަ ގައިމު ވެސް އަސަރުތަކެއް ކުރިއެވެ. ދެރަ ވެސް ވިއެވެ. އެހެންނަމަވެސް، ދާ މީހަކު ހިފަހައްޓާ އާދޭސްކުރުމަކީ ޒަރޫން ކުރަން ބޭނުންވާ ކަމެއް ނޫނެވެ.
އެއީ މާޒީއެވެ. އޭނާ އެ ވަނީ މާޒީ މަތިން ހަނދާންނައްތައިލައިފައެވެ. އަލުން އަނބުރާ އެ މާޒީއަށް ދިޔުމަކީ އޭނާ ކުރަން ބޭނުންވާކަމެއް ނޫނެވެ. ޖިޔާ އޭނާ ދޫކޮށްލާފައި ދިޔައީ އޭނާގެ ކުށެއް އޮވެގެންނެއް ނޫނެވެ. އޭނާއަށް ކަންތައްތައް ކިޔައިދޭނެ ފުރުޞަތެއް ވެސް ދިނުމެއް ނެތި ދިޔައީއެވެ. އެއީ ލޯބިވާ މީހުން ކަންތައްކުރާނެ ގޮތެއް ނޫނެވެ.
ޒަރޫންއަށް އޭނާގެ ފޯނުގެ ގެލެރީ ހުޅުވައިލެވުނެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ކުރިން ދުވަހަކު ނަހާ ކެފޭގައި ހުއްޓާ އޭނާ ނެގި ފޮޓޯއެކެވެ. އެ ދުވަހު އޭނާ އެ ފޮޓޯ ނެގީ މަޖަލަކަށެވެ. ނަހާ އަޅައިގެން ހުރި އޭޕްރޮން އޮތީ އެއްކޮށް ހަޑިވެފައެވެ. އެއަށް ވަނީ ކޮފީ އެޅިފައެވެ. ނަހާގަޔަށް ކޮފީ ތަށި ބަންޑުންވީ ޒަރޫން ކައުންޓަރު ކައިރީގައި ހުއްޓާ ކަމަށް ވުމާއެކު އޭނާގެ ގާތަށް އައީ ހިންޏެވެ. ލޯ އަޅައިލުމަށް ފަހު ނަގާ އޭޕްރޮން ބައިލަން އުޅުނު ވަގުތު، ޒަރޫން ފޮޓޯ ނަގަން ފެށުމުން ނަހާ ނުނަގާ ށޭ ކިޔާފައި މޫނާ ދިމާލަށް އަތް ހުރަސްކޮށްގެން މޫނުފޮރުވަން އުޅުނު މަންޒަރު ރީތިކޮށް ފޮޓޯތަކުގެ ޒަރީއާއިން ރައްކާކުރެވިފައި ހުއްޓެވެ. އެ ދުވަހުގެ ހަނދާން އާވާން ފެށުމުން ޒަރޫންއަށް ބޭއިޚްތިޔާރުގައި ހީނލެވުނެވެ. އެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އޮތްއިރު މީހާއަށް އަންނަމުން ދިޔަ ބަދަލުތައް ފަހުމްވާހެނެއް ވެސް ހިޔެއް ނުވެއެވެ. އެ ގޮތުގައި އިރުކޮޅެއް ފާއިތުވީ ފަހުން ޒަރޫންއަށް ކަމެއް ރޭކާލި ފަދައެވެ. އަވަސް އަވަހަށް ފޯނު ތިރިކޮށްލަމުން، ނަޒަރު ވަކިކޮށްލިއެވެ. މޭމަތީގައި ފޯނު ބާއްވަމުން ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފުހެލައިފިއެވެ. އޭރު މުޅި މީހާގެ ނަފްސުގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ދެންމެ އައި ބަދަލުތައް މާނަކުރާކަށް ނޭނގުނެވެ. އަވަސްވަމުން ދިޔަ ހިތާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. އެ ހިތުގެ ތެޅުން އިޙްސާސްކޮށްލަން ބޭނުންވެފައިވާ ފަދައަކުންނެވެ. ޒަރޫންއަށް އެތަކެއް އިރަކު ވިސްނަން އޮވެވުނެވެ.
*****
ނަހާއަށް ދެފަރާތަށް ފުރޮޅެވެނީއެވެ. މިރޭ ނިދި ވަނީ އޭނާއާ އެތައް ހާސްމޭލެއްގެ ދުރުގައެވެ. ޚިޔާލާ ފިކުރު ތަކުގައި ވަނީ ޒަރޫންއެވެ. ނިދަން އުޅެއުޅެ ވެސް ނިދޭގޮތެއް ނުވިއެވެ. ނަހާއަށް އުނދަގޫކުރަމުން ދިޔައީ މިއަދު ކެފޭއިން ދިމާވި އަންހެންކުއްޖާގެ ޚިޔާލުތަކެވެ. ނުވިސްނަން އުޅުނު ނަމަވެސް، ޚިޔާލަށް އަންނަނީ އެ ކުއްޖާ ޒަރޫންއަށް ބަލައިލާ ގޮތެވެ. އެ ބެލުމުގައި ހުރި ޝައުޤުވެރިކަމާއި ސިއްރުވެރިކަމެވެ. އެހެން ދިމާލަލަށް ސިކުނޑި އަނބުރައިލަން އުޅުނު ނަމަވެސް، އެ ކަމުގައި ވެސް އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ. އެންމެ ފަހުން އެނދުން ތެދުވެ ހެޑުބޯޑުގައި ލެނގިލެވުނެވެ. ސައިޑްޓޭބަލް މަތީގައި ހުރި ލޭމްޕުގެ އަލި ތަންކޮޅެއް ގަދަކޮށްލިއެވެ. ހެޑްބޯޑުގައި ބޯ ޖައްސައިލައިގެން ނަހާ އިނެވެ.
ޖެހިގެން އައި ދުވަހެވެ. ހެނދުނު އާދައިގެ މަތިން ޒަރޫން ކެފޭއަށް އައެވެ. އޭނާ ނަހާ ފައިސާ ދިނުމުން ކޮފީއަށް އޯޑަރު ދީފައި ގޮސް އިށީނީ އާއްމުކޮށް އިންނަ މޭޒުގައެވެ. ޒަރޫންއާ ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު ނަހާއަށް ހީނލެވެއެވެ. އޭނާ ބަލައިލާ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ޒަރޫން ވެސް އިންނަނީ އެ ދިމާލަށް ނަޒަރު ހުއްޓައިލައިގެންނެވެ. ޒަރޫންއަށް ކޮފީ ޖޯޑު ގެންގޮސް ދިނީ ނަހާއެވެ. އެއީ މިހާރުގެ އާދައެވެ. ޒަރޫން ކެފޭގައި މަޑުކޮށްފިނަމަ އޭނާ ބޭނުންވާނެ އެއްޗެއް ނަހާއަށް އެނގޭނެއެވެ. އަދި އެ ޒަރޫންއާ ހިސާބަށް ފޯރުކޮށްދިނުމުގެ ހުރިހާ ޒިންމާއެއް ވެސް ނަގަނީ ނަހާއެވެ. ޒަރޫންއަކީ އޭނާގެ ވަރަށް ޚާއްޞަ އެކުވެރިއަކަށް ވަނީ ވެގެން ގޮސްފައެވެ.
"ތޭންކްސް މަންޖޭ!." ކޮފީ ތަށި ބެހެއްޓި ނަހާއަށް ބަލައިލަމުން ޒަރޫން ބުނެލިއެވެ. އެއީ އޭނާގެ އާދައެވެ. އެ އިބާރާތަކީ މިހާރު ނަހާއަށް ވެސް އައު އިބާރާތެއް ނޫނެވެ. އޭނާ އާދައިގެ މަތިން ޒަރޫންއަށް ލޯ އަޅައިލާ ނުރުހުނު ކަމަށް ހެދުނު ނަމަވެސް، ހަޤީޤަތުގައި ޒަރޫންގެ ލަފުޒުން އޭނާގެ ހިތަށް މިހާރު ލިބެނީ އުފަލެކެވެ. އެ ގާތް ގުޅުން އެ ކަމުން އޭނާއަށް އިޙްސާސްވާތީއެވެ. އެހެންނަމަވެސް، އެ ކަން ޒަރޫންއަށް އަންގާކަށް ނަހާ ބޭނުމެއް ނޫނެވެ. އޭނާ ކޮންމެ ފަހަރަކު ވެސް ނުރުހޭކަމުގައި ލޮލުން ނުވަތަ މޫނުމަތިން އެ އަސަރުތައް ދައްކަނީ އެހެންވެގެންނެވެ.
"ނަހާ ކިޔަން ހަމަ އެހާ އުނދަގުލީތަ؟" ނަހާ ބުނެލިއެވެ. ޒަރޫން ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން އެއް ލޯ މަރައިލިއެވެ. ނަހާއަށް ޖެއްސުމަށެވެ. ނަހާ ވެސް ތުން އަނބުރައިލަމުން ގޮސް ކައުންޓަރު ކައިރީގައި މަޑުކޮށްލިއެވެ. އޭރު ލުއި ހިނިތުންވުމެއް ތުންފަތް މަތީގައި ވިއެވެ. ސިއްރުކުރަން އުޅުނު ނަމަވެސް، ޒަރޫންއަށް ވެސް އެ ކަން ފާހަގަވިއެވެ.
ނަހާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ކުރިން ދުވަހު ވެސް ކެފޭއަށް އައިސް ވަތް ކުއްޖާ އެ ތަނަށް ވަނުމުންނެވެ. ކައުންޓަރު ދޮށަށް އައުމުގެ ކުރިން އެ ކުއްޖާ ކެފޭއަށް ވަށައިގެން ބަލައިލިއެވެ. އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ޒަރޫންއަށެވެ. ދެން އެނބުރިފައި އޯޑަރު ދީފައި އެއްޗެހި ލިބުމުން އެ ހިފައިގެން ގޮސް މޭޒެއްގެ ދޮށުގައި އިށީނެވެ. އޭނާ އިނީ ސީދާ ޒަރޫންގެ މޫނު ފެންނާނެހެންނެވެ. ނަހާގެ ދެބުމަ ކުޑަކޮށް ގާތްވެލިއެވެ. މިއަދު އެ ކުއްޖާ އެ އައީ ޒަރޫން ދެކިލަންކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެދިނެވެ.
ނަހާގެ އިތުރުން ޒަރޫންގެ މޫނުމަތީގައިވި ހިތްހަމަޖެހުމުގެ އަސަރުތައް ފަނޑުވެ ކުޑަ ނުތަނަވަސްކަމެއް ވެރިވިއެވެ. އޭނާގެ ނަފްސު ހަރުކަށިވިއެވެ. ޖިޔާ އޭނާއަށް އެ ވަރަށް ބަލާތީ އުނދަގޫވިއެވެ. ޖިޔާގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟ އޭނާއާ ވާހަކަ ދައްކަން ބޭނުންވެގެން އެ އުޅެނީ ކީއްވެހެއްޔެވެ؟ ކޮފީ ބޮއި ނިމިގެން ޒަރޫން ތެދުވިއެވެ. އޭނާ ގޮސް ކައުންޓަރު ކައިރީގައި ހުއްޓިފައި ނަހާއަށް ބަލައިލަމުން ދަނީކަމުގައި ބުނެލާފައި ގޮސް ނުކުތެވެ. ހަމަ ޒަރޫން ނުކުތުމާ އެކު މިއަދު ވެސް އެއްކަހަލަ ކުއްޖާ ނުކުމެއްޖެއެވެ. ނަހާގެ ދެބުމަ ކުރިއަށް ވުރެ ބޮޑަށް ގާތްވެލިއެވެ.
ޒަރޫން ގޮސް ސައިކަލަށް އެރިއެވެ. ފަހަތުން، ޖިޔާ އައިކަން އޭނާއަށް އެނގުމާ އެކު، ސައިކަލު ސްޓާޓްކޮށްލަމުން ދުއްވައިލީ ވާހަކަ ދެއްކުމުގެ ފުރުސަތު ޖިޔާއަށް ދޭން ބޭނުންނުވާތީއެވެ. އަލުން އެ ޞަފްޙާ ހުޅުވަން ބޭނުންނުވާތީއެވެ. އެއީ ޙަޔާތުން ލިޔެ ނިމިފައިވާ ބާބެކެވެ. އަލުން ހުޅުވުމުގެ ބޭނުމެއް ނެތެވެ. ޒަރޫން ކަންތައްކުރި ގޮތް ޖިޔާއަށް ފަހުމްވިއެވެ. އެހާ ވަރަށް އަވަސް އަރުވާލާފައި އެ ދިޔައީ އޭނާއާ ވާހަކަ ދައްކަން ބޭނުންނުވާތީކަން ޖިޔާއަށް އެނގުނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ތެރެއިން ފޯނު ނެގުމަށް ފަހު، ޖިޔާ އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލިއެވެ.
*****
ހަވީރު ތަސާމާ ގެއަށް އައި އިރު، ޒަރޫން އޮތީ ޖޯލީގައެވެ. ތަސާމާއާ އެކު އަޔާދު އައި ނަމަވެސް، އިރުކޮޅަކު މަޑުކޮށްލުމަށް ފަހު، އޭނާ ދިޔައީ މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާންޖެހޭތީއެވެ. މިއަދު، ޒައިނަބާ، ތައިމޫރު ވެސް ގެއަކު ނެތެވެ. އެ ދެމީހުން ވީ ރަޙްމަތްތެރިއަކު ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭތީ ގޮވައިލަން ގޮހެވެ. ޒަރޫން ވެސް އޮތީ ދުވަހަށް ވާ މަސައްކަތްތައް ކޮށް ނިންމާލާފައި އަރާމުކޮށްލާށެވެ. ޒަލަފް ވެސް ގެއަކު ނެތެވެ.
"މަންމައަށް ގުޅަންވީތަ؟" ޒަރޫން ސުވާލުކޮށްލިއެވެ.
"ނޫނޭ. ގުޅާނެކަމެއް ނެތް." ތަސާމާ ބުނެލިއެވެ.
"ގުޅާފަ އައި ނަމަ ފަހުން ދާން މަންމަމެން މަޑުކޮށްލީސް ކަންނޭނގެ." ޒަރޫން ބުނެލިއެވެ. ތަސާމާ ޖޯލީގައި ރަނގަޅަށް އޮށޯވެލިއެވެ. ހާމައަށް އޮތް އުޑުމައްޗަށް އޭނާ ބަލައިލިއެވެ. ހުދުކުލައިގެ ކަފަ ކޮޅުތަކެއް ފަދަ ވިލާތައް ހަރަކާތްތެރިވަމުން ދިޔަ އިރު، ތަފާތު ވައްތަރުގެ ކުރެހުންތައް އުޑުމަތީގައި ފެވެމުން ދިޔައެވެ. ތަސާމާ އޮތް ގޮތުން އޭނާ ކަމަކާ މެދު ވިސްނަނީކަން ޒަރޫންއަށް ފަހުމްވިއެވެ.
"ދޮންތަ ކަމެއް ވެގެންތަ ތި އުޅެނީ؟" ޒަރޫން އަހައިލިއެވެ. ތަސާމާ ކިތަންމެ ކުޑަކަމެއް ސިއްރުކުރި ނަމަވެސް، އެކަން ދެނެގަތުމަށް ޒަރޫން އަބަދުވެސް ވަރަށް ކުޅަދާނައެވެ. އޭނާއަށް ކަންތައްތައް ސިއްރުކުރަން ދަތިވަނީ ވެސް އެހެންވެގެންނެވެ. އޭނާ މީހުންގެ އިޙްސާސްތައް ދެނެގަންނަ ލެއް އަވަސްކަމުންނެވެ.
"ނޫނޭ، ނުވޭ ކަމެއް!" ތަސާމާ އޮޅުވައިލަން އުޅުނެވެ.
"ދޮންތަގެ ޕަރސަނަލް ލައިފްގެ ތެރެއަށް ވަންނަނީކީ ނޫން އިނގޭ! އެކަމަކު މިހާރު ދޮންތަ ހުންނަ ގޮތުން އަހަންނަށް އެނގޭ ކަމެއް ވެއްޖެކަން. ނުބުނަން އުޅުނަސް، އެ ވަރު ޔަޤީން." ޒަރޫން ބުނެލިއެވެ.
ތަސާމާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ. ދެން ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ޙަޔާތުގެ ގިނަ ވާހަކަތަކަކީ ޢާއިލާއަށް ސިއްރުކޮށްފައިވާ ވާހަކަތަކެކެވެ. ކުޑަކުޑަ މިންވަރެއް ވެސް އެނގޭނީ ހަމައެކަނި ޒަރޫންއަށެވެ. އަޔާދުގެ މަންމަގެ އަމަލުތައް އޭނާއާ ދޭތެރޭ ހުންނަ ގޮތުގެ ކޮންމެވެސް މިންވަރެއް ޒަރޫންއަށް އޭނާ ކިޔައިދީފައި ވީ ނަމަވެސް މާ ބޮޑު ތަފްސީލެއް ނުދެއެވެ. ތަފްސީލެއް ނުދިނަސް ޒަރޫން ކަންތައްތައް ދެނެގަންނާނެކަން އޭނާއަށް އެނގޭތީއެވެ.
"ޔަޤީނޭ އެ ހިޓިލަރު ކޮންމެވެސް އެއްޗެއް ކިޔައިގެންކަން ތި އުޅެނީ." ޒަރޫން ބުނެލިއެވެ. އޭނާ ތަސާމާ ކައިރީގައި އެކަނި ހުންނަ އިރު އަޔާދުގެ މަންމަ ސަކީނާއަށް މުޅިން ވެސް މުޚާތަބު ކުރަނީ އެ ގޮތަށެވެ.
"ޕިސްޕިސް. އެހެން ނުކިޔާށޭ ބުނެފީމެއްނު." ތަސާމާ ބުނެލިއެވެ.
"އަޅެ ކުޑަވަރެއްގެ ހިޓިލަރެއް ނޫންތަ އެއީ؟ ހިންދީ ފިލްމުތަކުގަ އުޅޭ ކަހަލަ މައިޓެއް. ކޮންމެވެސް ސީރީޒްއެއް މަންމަމެން ކުރިން ބަލާނެ. ކޯންޗެއްތަ ކިޔަނީ. އާނ، ގޯޕީ. އޭނަގެ މައިޓުހެން." ޒަރޫން ބުންޏެވެ.
ތަސާމާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ޒަރޫން އެހެން ބުނެލި ގޮތުން ހިނިއައެވެ. ހަޤީޤަތުގައި ތަސާމާ ހުރީ ޒަރޫންއަށް ވެސް، އެއްވެސް ވާހަކައެއް ކިޔައިދޭކަށް ނޫނެވެ. އެހެންނަމަވެސް، މަންމަ ބުނެގެން ޒަރޫން އެގެއަށް އެއްޗެއް ހިފައިގެން ދިޔަ ދުވަހަކު ސަކީނާ އޭނާއާ ދިމާލަށް އެއްޗެހި ކިޔަނިކޮށް އަޑު އިވުނީއެވެ. އެ ދުވަހު ޒަރޫން ވަރަށް ދެރަވިއެވެ. އޭނާއަށް އެ ދުވަހު ދޮރުގެ އެއްފަރާތު ފާރުގައި ލެނގިލައިގެން އެ އަޑު އަހަން ހުރެވުނެވެ. ސަކީނާ ކީ ހުރިހާއެއްޗެއް ވެސް އޭނާއަށް އަޑު އިވުނެވެ. އެކަމާ ބެހޭގޮތުން ތަސާމާއާ ސުވާލުކުރުމުން އެންމެ ފުރަތަމަ ތަސާމާ އުޅުނީ ޒަރޫންއަށް އޮޅުވައިލާށެވެ. އެހެންނަމަވެސް، އެ ކަމުގައި އަލިމަގެއް ނުފެނުމުން އެންމެފަހުން ތަސާމާ ބައެއް ވާހަކަތައް ޒަރޫންއަށް ކިޔައިދިނީ މަޖުބޫރުވެގެންނެވެ. އެ ދުވަހުގެ ފަހުން ޒަރޫން ސަކީނާ ދެކެ ވަރަށް ރުޅި އާދެއެވެ. އޭނާ ބޭނުންވީ އެ ވާހަކަ މަންމަމެންނަށް އަންގަން ނަމަވެސް، ހަނު ހުންނަން މަޖުބޫރުވީ ހަމަ ތަސާމާގެ ސަބަބުންނެވެ. ތަސާމާ އެ ވާހަކަ މަންމަމެންނާ ހިއްސާކުރަން ބޭނުންނުވީއެވެ. މަންމަމެން އިތުރު ހާސްކަމެއްގެ ތެރެއަށް ވައްޓައިލަން ބޭނުންނުވީއެވެ.
"މިގެއަށް އަންނަ އެންމެ ދުވަހަކު ވެސް އެ ޒަލަފްއަކާ ދިމައެއް ނުވާނެ!" ތަސާމާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
"ގޭގަ މަޑުވެގެނެއްނު. ޔުނިވަރސިޓީން ނިމިގެން އައިސް ވެސް ގޭގަ މަޑުވަނީއެއް ނޫން މިހާރަކު." ޒަރޫން ބުންޏެވެ.
"މަންމަމެން އޭނަ ސްޕޮއިލްކޮށްފަ އޭ އެ ހުރީ މާ ބޮޑަށް." ތަސާމާ ބުނެލިއެވެ.
ދެމީހުން އެފަދަ އެތަކެއް ވާހަކަ ތަކެއްގައި ތިއްބެވެ.
*****
ޖިޔާ ކޮންމެ ދުވަހަކު ވެސް އެ ގަޑީގައި ކެފޭއަށް އަންނަން ފެށިއެވެ. ޒަރޫންއާއި ނަހާއަށް ވެސް އޭނާގެ މަޤްސަދު އެނގެއެވެ. އެ އަންނަނީ ހަމަ ޒަރޫންއާ ވާހަކަ ދައްކަން ބޭނުންވެގެންނެވެ. އެއީ ވެސް އެފަދަ ދުވަހެކެވެ. ޒަރޫންއަށް ކޮފީ ދީފައި ކައުންޓަރު ދޮށުގައި މަޑުކޮށްލިތަނާ އެއްކަލަ ކުއްޖާ އަތުވެއްޖެއެވެ. އެ ކުއްޖާ ކަންތައްކުރާ ގޮތެއް ބަލަހައްޓައިގެން ނަހާ ހުއްޓެވެ. ކޮފީ ނަގައިގެން ގޮސް މިފަހަރު އޭނާ އިށީނީ ޒަރޫން އިން މޭޒުކައިރީގައި ހުރި ގޮނޑީގައެވެ. ޒަރޫންއަށް ބޭއިޚްތިޔާރުގައި ނަހާއަށް ބަލައިލެވުނެވެ.
"މޮޔަވީތަ؟" ޒަރޫން އަހައިލީ މަޑުމައިތިރިކަމާ އެކީގައެވެ.
"ޒަރޫންއަށް ނޭނގެނީތަ އަހަރެން ވާހަކަ ދައްކަން ބޭނުންވެގެން ކަމެއް މި އުޅެނީ؟ އެހެންވެގެން ކަމެއް މި އަންނަނީ. ކޮންމެ ދުވަހަކު ފަހަތުން ދާއިރު ވެސް އަނގައިން ނުބުނެ ތި ދަނީ." ޖިޔާ ޝަކުވާކޮށްލިއެވެ.
"ވާހަކަ ދައްކަން ބޭނުންނުވާތީ އޭ އަހަރެން ދަނީ." ޒަރޫން އިނީ ސީރިއަސްވެފައެވެ. އޭނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ކެފޭގައި ތިބި މީހުންނަށް އެ ދެމީހުން ދެބަސް ވާ އަޑު ނީވޭނެހެންނެވެ.
"ޒަރޫން! ޕްލީޒް... އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަ!" ޖިޔާ ބުނެލިއެވެ.
"ބޭނުމެއް ނޫން ޖިޔާ! ޖިޔާއަށް އެނގޭނެ އަހަރެންގެ ގޮތް. އަހަރެން ވާހަކަ ދައްކަން ބޭނުންނުވަންޏާ ވާހަކައެއް ނުދައްކާނެ!" ޒަރޫން ބުންޏެވެ.
"ޒަރޫން ހާދަ ޗޭންޖޭ. ކީއްވެ އަބަދު ރުންކުރުވެފަ ތި ހުންނަނީ؟" ޖިޔާ ބުންޏެވެ.
"ވަގުތާ ޙާލަތު ވަރަށް ތަފާތު، މިހާރު ކުރީގެ ޒަރޫން އެއް ކޮންމެހެން ޖިޔާ ކައިރީގަ އިންނާކަށް ނުޖެހޭނެ. އެހެން ނޫނަސް ކޮންމެ ދުވަހަކު ތިހެން އަހަރެން ފަހަތުން އުޅޭތީ އަހަރެން ވަރަށް ލަދުގަނެޔޭ. ކުރިން ދުވަހު ވެސް ގޮސް އެންމެންގެ ތެރޭގަ އަހަރެންގެ އަތުގަ ހިފެހެއްޓީ." ޒަރޫން ބުންޏެވެ. ނަހާއަށް އޭނާ ކިޔާ އެއްޗެއް އިވެނީ ކިރިޔަ ކިރިޔާއެވެ. ޒަރޫން ނުރުހިފައި އިންކަން އޭނާއަށް ދެނެގަނެވުނެވެ.
ސޮރީ..." ޒަރޫން ތެދުވިއެވެ. އޭނާ ކޮފީ ޖޯޑު ހުރި ގޮތަށް ބަހައްޓައިފައި ގޮސް ކެފޭއިން ނުކުތެވެ. ޖިޔާ އަނެއްކާ ވެސް ޒަރޫން ފަހަތުން ދިޔައެވެ.
ޖިޔާ ޒަރޫންގެ އަތުގައި ހިފަހައްޓާ މަޑުކުރުވިއެވެ. ކެފޭ ކައިރީގައި މީހުން ފުދޭވަރަކަށް ގިނައެވެ. އެހެންކަމުން ޒަރޫންއަށް ވަށައިގެން ބަލައިލެވުމާ އެކު ޖިޔާގެ އަތް ފޮޅުވައިލެވުނެވެ.
"ކިހިނެއް ތިއުޅެނީ ޖިޔާ! އަހަރެން ޖިޔާ އިގްނޯރ ކުރީމަ އޭގެ މާނައަކީ ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭޔޭއެއްނު! ތިހެން އުޅޭތީ އަހަރެން މިހާރު ޖިޔާ ދެކެ ވަރަށް ފޫހިވެޔޭ!،" ޒަރޫން ބުންޏެވެ. "އަހަރެންމީ ހަމަ ކުރީގެ ޒަރޫންއޭ. އަދި ވެސް ވޯކް ކުރަނީ ހަމަ އެ ގަރާޖުގަ، އުޅެނީ ހަމަ އެ ކުޑަކުޑަ ގޭގަ. މައިންބަފައިންނާ އެކީ. ޖިޔާ ބޭނުންވާ ގޮތަށް ވަކިން އުޅެން ދިޔުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން. އަދި ގަރާޖުގެ މަސައްކަތް ހުއްޓާލާފަ، ޖިޔާ ބުނާ ތަނެއްގަ ވަޒީފާ އަދާކުރުމަކީ ވެސް ކުރެވޭނެކަމެއް ނޫން! އަހަރެންގެ މުޅި ފެމެލީގެ ރެސްޕޮންސިބިލިޓީ އޮތީ އަހަރެންގެ ކޮނޑުގަ. އޭރެކޭ އެއްގޮތަކަށް އަދި ވެސް އަހަންނަށް އަހަރެންގެ ޢާއިލާ މުހިންމު. އެންމެންވެސް ޑިޕެންޑުވަނީ އަދި ވެސް ހަމަ އަހަންނަށް."
ޒަރޫން ޖިޔާ އޭނާއާ ދިމާލަށް ކިޔާފައި ހުރި ވާހަކަތައް ހަނދާންކޮށްލަދިނެވެ. އެއަށް ފަހު ގޮސް ސައިކަލަށް އަރާ ދުއްވައިލިއެވެ. ދެން ޖިޔާ ނާންނާނެކަމުގައި ޒަރޫންއަށް އުންމީދުކުރެވުނެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. ޖެހިގެން އައި ދުވަހު ވެސް ޖިޔާ އަތުވެއްޖެއެވެ. ނަހާ ޒަރޫންއަށް ކޮފީ ގެނެސް ދީފައި އެނބުރިލިވަގުތަކީ ޖިޔާ އައިސް ވަތް ވަގުތެވެ. ޖިޔާ އެ ދިމާލަށް އަންނަން ފެށުމުން، ނަހާ އޭނާގެ ޚިޔާލު ބަދަލުކޮށްލިއެވެ. އެނބުރިފައި އޭނާ ޒަރޫންގެ ކުރިމަތީގައި ހުރިގޮނޑީގައި އިށީނެވެ. ޖިޔާ ހުއްޓުން އެރިތަން، ނަހާގެ އިތުރުން، ޒަރޫންއަށް ވެސް ފެނުނެވެ. ޒަރޫންއަށް ބުމަ އަރުވައިލެވުނީ ގަސްތަކު ނޫނެވެ. ނަހާ އެ ގޮތަށް އަމަލުކުރުމުން ހައިރާންކަމާ އެއްވަރަށް ސިހުން ވެސް އޭނާއަށް ލިބިފައިވިއެވެ. ޖިޔާ އެ ދިމާލަށް ބަލަން ހުރެފައި ގޮސް އިށީނީ އެހެން މޭޒެއްގައެވެ.
ޒަރޫން ފާޑަކަށް އިންނަން ފެށުމުން، ނަހާއަށް ކުރެވުނު ކަންތައް ރޭކާލީ ކަންނޭނގެއެވެ. އޭނާއަށް އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ކަޅި ދެފަރާތަށް ހިންގައިލެވުނެވެ. ޒަރޫންގެ ތުންފަތް މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ.
"މީ... އަހަންނަށް އެނގޭ އޭނަ އިށީނީމަ ޒަރޫން ދާނީ ކޮފީ ތަށި ބަހައްޓާފަކަން. އިއްޔެ ވެސް، އެ ޖެހުނީ ޑަސްބިނަށް އަޅައިލަން. އެހެންވެ...ވަޓް އަ ވޭސްޓް އިޓް ވޯޒް. އެހާ އަގު ބޮޑު ވާނެ އަދި.... " ދެން ހަދަންވި ގޮތެއް ނޭނގިފައި އިން ނަހާއަށް ކިޔޭ ނުކިޔޭ ވެސް ނޭނގޭ ފަދައެވެ.
(ނުނިމޭ)