ވައްކަމުގެ މައްސަލައެއްގައި ޒުވާން އަންހެނަކު ހައްޔަރުކޮށްފި

ފުލުހުން މަގުމަތީގައި: -- ފޮޓޯ/ ފުލުހުން

ވައްކަމުގެ ތުހުމަތުގައި ކުރިން ވެސް ހައްޔަރުކުރި، ކުށުގެ ރެކޯޑްތަކެއް އޮންނަ ލ. ގަން، ތުނޑި، ލޮބްސްޓާ އުމުރުން 31 އަހަރުގެ ރުގިއްޔާ އަމާނަތުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ. ޤާޟީ އަޙްމަދު ނިޔާޒް ނެރުއްވި މި އަމުރުގެ ދަށުން އޭނާ ބަންދުގައި ބަހައްޓަން ޖެހެނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. މި މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހަށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި، މައްސަލައާ ގުޅިގެން ނަގާފައިވާ ބަޔާންތައް އަދި ކުށް ހިނގި ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތަކުގެ އިތުރުން މައްސަލައާ ގުޅުންހުރި ތަކެތި އަދި ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓް ހިމެނެއެވެ.

ބަންދު މަޖިލީހުގައި އޭނާ ވަކި ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ފުލުހުން ފާހަގަކޮށްފައިވަނީ އޭނާއަކީ ތަކުރާރުކޮށް ވައްކަމުގެ ކުށްތައް ކުރަމުން އަންނަ، އަދި މިފަދަ ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

ރުޤިއްޔާ އަމާނަތަކީ މީގެ ކުރިންވެސް ފޭރުމާއި ވައްކަމުގެ މައްސަލަތަކުގައި ކުށް ސާބިތުވެ ޖަލު ޙުކުމް ތަންފީޛުކޮށްފައިވާ މީހެކެވެ. އެގޮތުން 2018 ވަނަ އަހަރު މާލޭގެ ގެއަކަށް އިތުރު ފިރިހެނުންތަކަކާއެކު ވަދެ، 12,000 ރުފިޔާ ފޭރުނު މައްސަލައިގައި އޭނާގެ މައްޗަށް ވަނީ އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި 2021 ވަނަ އަހަރު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކިޔަވަން ގެންގުޅުނު ޓެބްލެޓް ވަގަށް ނަގައި 300 ރުފިޔާއަށް ވިއްކާލި މައްސަލަ ސާބިތުވެ، ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

comment ކޮމެންޓް