ޤައުމީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗު 352 ޒުވާނުންނާއެކު ފަށައިފި

ޤައުމީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ 4 ވަނަ ބެޗު މިއަދު ވަނީ ފަށައިފައި: މިފަހަރު 352 ޒުވާނުން ވަނީ ބައިވެރިވެފައި -- ފޮޓޯ: އެމްއެންޑީއެފް

ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު މިއަދު ރަސްމީކޮށް އިފުތިތާޙުކޮށްފިއެވެ.

ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިން ގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާޙު ކުރުން ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިޞްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ހަމައެއާއެކު އެމަނިކުފާނު ވަނީ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ ޢަޒުމާއެކު މަސައްކަތް ކުރުމަށް ނަޞޭޙަތްތެރިވެ ހިތްވަރު ދެއްވައިފައެވެ.

ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ޤައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ކަމަށެވެ.

ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިކަމަށްޓަކައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ޚާއްޞަ މެހުމާނެއްގެ ގޮތުގައި، މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ސާދަ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައި ވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމަކީ ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ސިޔާސަތެއް. މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ އަޚުލާޤާއި ހުނަރު ދަސްކޮށްދިނުން، އެމްއެންޑީއެފް

އެމްއެންޑިއެފުން ބުނި ގޮތުގައި މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭއިރު އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް