މި މަހުގެ ކުރީކޮޅު އުމުރުން 84 އަހަރު ފުރުނު ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން، ޞިއްޙީ މައްސަލަތަކަކާ ގުޅިގެން ފިލްމީ މަސައްކަތުން ކުޑަ 'ބްރޭކެއް' ނަގާފައިވާކަން ހާމަކޮށްފިއެވެ.
ސަޕޯޓަރުންނަށް މަޢުލޫމާތު ދެމުން އަމީތާބް ބުނެފައި ވަނީ، ޞިއްޙީ ޙާލަތު ފުރިހަމައަށް ރަނގަޅުވަންދެން އިތުރަށް އަރާމުކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އަމިއްލަ ރަސްމީ ބްލޮގް މެދުވެރިކޮށް އިއްޔެގެ ވަގުތެއްގައި އަމީތާބް ކުރި ޕޯސްޓެއްގައި މަޢުލޫމާތު ޙިއްޞާކުރަމުން ކުޅަދާނަ އެކްޓަރު ބުނީ، އަދިވެސް އިތުރަށް އަރާމުކުރަން އެބަޖެހޭ ކަމަށާއި އެ ޙާލަތަށް ހޭނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިންސާނާގެ ހަށިގަނޑާއި އޭގެ ނާޒުކުކަމާ މެދު މި ދަނޑިވަޅުގައި ވަރަށް ބޮޑަށް ވިސްނޭ ކަމަށްވެސް އަމީތާބް ބަޔާންކޮށްފައިވެއެވެ.
އަމީތާބް ބައްޗަން، ސަޕޯޓަރުންނާ ބައްދަލުކުރަނީ-- ފޮޓޯ/ ފޭސްބުކް މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި އަމީތާބް ބުނެފައި ވަނީ، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަރާމުކުރަން ޖެހިފައިވާތީ ސަޕޯޓަރުންނާ ގިނައިން މުޢާމަލާތް ނުކުރެވޭނެ ކަމަށެވެ.
މި ޚަބަރާއެކު، އަމީތާބްގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ދަނީ އެކްޓަރަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާ ކުރަމުންނެވެ. އަމީތާބަކީ އަބަދުވެސް އަމިއްލަ ބްލޮގް މެދުވެރިކޮށް ދިރިއުޅުމުގެ ތަޖުރިބާތަކާއި ޚިޔާލުތައް ސަޕޯޓަރުންނާ ޙިއްޞާކުރަމުން އަންނަ ފަންނާނެކެވެ.
ފަންނީ މަސައްކަތްތަކަށް ބަލާއިރު، އަމީތާބް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2024 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ކަލްކީ 2898 އޭޑީ"އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ މި ފިލްމުގެ ދެވަނަ ބައިން އަޝްވަތާމާގެ ރޯލުންނެވެ. މީގެ އިތުރުން "ސެކްޝަން 84" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ވެސް އަމީތާބް ދަނީ ކުރަމުންނެވެ.