ޗެޓްޖީޕީޓީގައި ނާޒުކު ވާހަކަތައް ސިއްރުކުރެވޭ އައު ފީޗާއެއް ތަޢާރަފުކޮށްފި

އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ފޭސް އައިޑީ ނުވަތަ ފިންގަޕްރިންޓް ބޭނުންކޮށްގެންވެސް މި ޗެޓްތައް ހުޅުވޭނެ ---

އޯޕަންއޭއައި އިން ޗެޓްޖީޕީޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން "ލޮކްޑް ޗެޓްސް" ގެ ނަމުގައި އާ ފީޗާއެއް ތަޢާރަފުކޮށްފިއެވެ.

މި ފީޗާގެ ސަބަބުން އެހެން މީހުންނަށް ފެންނަން ބޭނުންނުވާ ނުވަތަ އަމިއްލަ ސިއްރު ވާހަކަތައް ވަކި ޕިން ކޯޑެއް ނުވަތަ ބަޔޯމެޓްރިކް ސެކިއުރިޓީ ބޭނުންކޮށްގެން ރައްކާތެރި ކުރެވޭނެއެވެ.

މި ފީޗާ ބޭނުންކުރުމުން އެ ވާހަކަތައް އާންމުކޮށް ފެންނަން ހުންނަ ޗެޓް ހިސްޓްރީއާއި، ޕިންކޮށްފައި ހުންނަ ޗެޓްތަކުގެ އިތުރުން ސާޗް ނަތީޖާތަކުން އުނިވެގެންދާނެއެވެ. އަދި އެފަދަ ޗެޓްތައް ބަލައިލެވޭނީ "ޕްރޮޖެކްޓްސް" ގެ ދަށުގައިވާ "ލޮކްޑް ޗެޓްސް" ބައިން ހަތަރު އަދަދުގެ ޕިން ކޯޑެއް ޖަހައިގެންނެވެ.

އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ފޭސް އައިޑީ ނުވަތަ ފިންގަޕްރިންޓް ފަދަ ބަޔޯމެޓްރިކް ވަސީލަތްތައް ބޭނުންކޮށްގެންވެސް މި ޗެޓްތައް ހުޅުވޭނެއެވެ. މީގެއިތުރުން ލޮކްކޮށްފައިވާ ޗެޓްތަކުގައި ފޮނުވާ އާ މެސެޖުތަކުގެ މައުލޫމާތު އާންމު މެމޮރީގައި ރައްކަލެއް ނުކުރެވޭނެއެވެ.

އޯޕަންއޭއައި އިން ބުނި ގޮތުގައި މިއީ އެންޑް-ޓޫ-އެންޑް އެންކްރިޕްޝަން ފީޗާއެއް ނޫނެވެ. ނަމަވެސް އެކަކަށްވުރެ ގިނަ މީހުން ބޭނުންކުރާ ވަސީލަތްތަކުގައި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް މިއީ އެޅޭ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

މި ފީޗާ މިހާރު ދަނީ ޗެޓްޖީޕީޓީގެ ފްރީ، ގޯ، ޕްލަސް، ޕްރޯ، ބިޒްނަސް، އެންޓަޕްރައިޒް އަދި އެޑިއު އޮޕްޝަންތަކުގެ އިތުރުން ޑެސްކްޓޮޕް އެޕްތަކަށްވެސް މަޑުމަޑުން ދޫކުރަމުން ---

މި ފީޗާ ބޭނުންކުރުމަށްޓަކައި ބޭނުންވާ ޗެޓެއްގެ ތިން ތިކި ޖެހި މެނޫއަށް ފިތާލުމަށްފަހު "ލޮކް ޗެޓް" ނަގަންޖެހެއެވެ. ނަމަވެސް ބޭނުންކުރާ ޕިން ކޯޑު ހަނދާންނެތިގެން ރީސެޓްކޮށްފިނަމަ، އެ ޕިން ކޯޑުން ލޮކްކޮށްފައިވާ ހުރިހާ ޗެޓްތަކެއް އެއްކޮށް ގެއްލިގެންދާނެކަމަށް އެ ކުންފުނިން އިންޒާރުދެއެވެ.

މި ފީޗާ މިހާރު ދަނީ ޗެޓްޖީޕީޓީގެ ފްރީ، ގޯ، ޕްލަސް، ޕްރޯ، ބިޒްނަސް، އެންޓަޕްރައިޒް އަދި އެޑިއު އޮޕްޝަންތަކުގެ އިތުރުން ޑެސްކްޓޮޕް އެޕްތަކަށްވެސް މަޑުމަޑުން ދޫކުރަމުންނެވެ. ނަމަވެސް ގްރޫޕް ޗެޓްތަކާއި، ޓެމްޕަރަރީ ޗެޓްތައް އަދި ޝެއާކޮށްފައިވާ ލިންކުތަކުން ހަދާ ޗެޓްތައް ލޮކެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް