ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުލަބު، ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ނަޒަރު، ބްރެޒިލްގެ އަރަމުން އަންނަ ޒުވާން ތަރިންނަށް ހުއްޓޭ ވާހަކައަކީ ފުޓުބޯޅައިގެ ދުނިޔޭގައި އާންމު ވާހަކައެކެވެ. ކުޅުންތެރިންގެ އުމުރުން 16 ނުވަތަ 17 ވަރަކަށް އަހަރުގައިވެސް ކޮންޓްރެންޓުގައި ސޮއިކޮށް، 18 އަހަރު ފުރުމުން ރަސްމީކޮށް ޓީމާ ގުޅިފައިވެސް އެބަހުއްޓެވެ.
މީގެން އެއް ކުޅުންތެރިއަކީ ފަހުގެ ތާރީޚުގައި ރެއާލުން އެންމެ ފާހަގަކޮށްލެވުނު، އެންމެ ވިދުންގަދަ އެއް ތަރިއެވެ. އެއީ މިހާރު އުމުރުން 26 އަހަރުގެ ވިނީޝިއުސް ޖޫނިއާ، ނުވަތަ ވިނީއެވެ. 2017 ވަނަ އަހަރުގެ މެއި މަހުގެ ތެރޭ އޭނާގެ އުމުރުން 17 އަހަރުގައި ރެއާލްއާ އެކު ފުރަތަމަ އެއްބަސްވުން އެކުލަވާލުމަށްފަހު އޭނާވެސް ރަސްމީކޮށް ކުލަބާ ގުޅިފައިވަނީ އުމުރުން 18 އަހަރު ފުރުމުން، ޖެހިގެން އައި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ރެއާލް މެޑްރިޑުގެ ޖާޒީގައި ވިނީޝީއުސް ޖޫނިއާ--ރެއާލް މެޑްރިޑަށް ވިނީ ކުޅެންފެށި ދުވަސްކޮޅު، އޭނާގެ ކުޅުން ކަމުނުގޮސްގެން ވަރަށް ގިނަ ފާޑުކިއުންތައް އަމާޒުވިއެވެ. ކިތަންމެ ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އޭނާގެ ޕާސްތަކާއި ޝޮޓުތަކުގެ ފެންވަރު ދަށްކަމުގެ ވާހަކައެވެ. ފަސޭހަ ޕާސްތަކާއި ޝޮޓުތައްވެސް ބޭކާރުކޮށްލާ ވާހަކައެވެ.
ޒުވާން ވިނީޝިއުސް ޖޫނިއާގެ ފަރާތުން ފެނިގެންދިޔައީ މިފަދަ ކޮންމެ ފާޑުކިއުމެއްވެސް ބަލައިގަނެ، އެކަންކަން ވަރަށް ބޮޑަށް ރަނގަޅުކުރި މަންޒަރެވެ. މިއާއެކު އޭނާ ވެގެންދިޔައީ އެކުޅުންތެރިއެއް ވަށައިގެން ޓީމު އެކުލަވާލަން ބޮޑެތި، ގިނަ ކުލަބުތަކެއް ދަހިވެތިވި ކުޅުންތެރިއަކަށެވެ. ސީޒަނަކަށް ފަހު ސީޒަނެއް ވިނީގެ ކުޅުން ރަނގަޅުކޮށް، 2024 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭނީ އޭނާއަށް ކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. ނަމަވެސް އޭނާގެ ބަދަލުގައި އޭރު މެންޗެސްޓާ ސިޓީއަށް ކުޅެމުން އައި ރޮޑްރީއަށް އެއަހަރުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބުމުން ފެނިގެންދިޔައީ އެކަމުގެ އަސަރު، ވިނީގެ ކޮންފިޑެންސަށް ވަރަށް ބޮޑަށް ކުރަންފެށި ތަނެވެ.
ރެއާލް މެޑްރިޑުގެ ޖާޒީގައި ވިނީޝީއުސް ޖޫނިއާ--ނަތީޖާއެއްގެ ގޮތުން މެޗަކަށްވުރެ މެޗެއް އޭނާގެ ކުޅުން ދަށްވެ، ކުރީގެ ފޯމުގައި އެއްވެސް ވަރަކަށް އޭނާއަކަށް ނުކުޅެވެއެވެ. އޭގެ އިތުރަށް، ފަހުންފަހަށް އައިސް ކުޅުން ރަނގަޅުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެކި ބަހަނާ ދައްކަން ފެށިއެވެ. ނަސްލީ ތަފާތުކުރުމާއި، ރެފްރީންގެ ވާހަކަފަދަ އެތައް ވާހަކަތަކެއް އޭނާގެ ނިވާފަތްގަނޑަކަށް ހަދަން މަސައްކަތްކުރިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ސަޕޯޓަރުންތަކެއްގެ ނުރުހުން އޭނާއަށް އަމާޒުވާން ފެށިއެވެ.
މި ސީޒަނުގެ މިހާތަނަށް ކުޅެފައިވާ މެޗުތަކަށް ބަލާއިރު، ލަލީގާގައި އަށް މެޗު ކުޅެފައިވާއިރު އަދި އޭނާއަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. އަދި ހެދިފައިވަނީ އެންމެ ތިން އެސިސްޓެވެ. ޗެމްޕިއަންސް ލީގަށް ބަލާއިރު ދެ މެޗު ކުޅެފައިވާއިރު، ލަނޑެއް ޖެހިފައި ނުވާ ތާނގައި އެސިސްޓެއްވެސް ހެދިފައެއް ނުވެއެވެ.
ނުވީތާކަށް، އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާއެކު، އެލް ކްލެސިކޯ ހިމެނޭހެން އޭނާއަށް ހަތަރު މެޗެއް ގެއްލޭނެއެވެ. ވިނީ ނުލާ ލީގުގައި ރޭ ކުޅުނު ފުރަތަމަ މެޗަށްފަހު މީސްމީޑިއާގައި ދެކެވެނީ އެއް ވާހަކައެކެވެ. ވިނީއާ ނުލާ ރެއާލް މެޑްރިޑްގެ ކުޅުން ރަނގަޅު ވާހަކައެވެ. އޭނާގެ ބަދަލަށް ކުޅެން އެރުވި ޔެން ޑިއޮމަންޑޭގެ ކުޅުން މާ ރަނގަޅު ވާހަކައެވެ.

ރޭގެ މެޗުގައި އެކަނިވެސް ޑިއޮމަންޑޭ ވަނީ ލަނޑެއް ޖެހުމުގެ އިތުރުން އެސިސްޓެއްވެސް ހަދާފައެވެ. މީގެ އިތުރުން ޑިފެންޑަރުން ބީޓުކުރުމުގައި އޭނާ ދެއްކި ހުޝިޔާރުކަމަށްވެސް ގިނަ ބައެއްގެ ތައުރީފު އޭނާއަށް ދަނީ ބަންޑުންކުރަމުންނެވެ.
މިއާއެކު އުފެދޭ މުހިންމު ސުވާލެއް އެބަ އޮތެވެ. ވިނީ، ރެއާލް މެޑްރިޑް ދޫކޮށްލަންވީ ވަގުތު އައިސް ޖެހުނީހެއްޔެވެ؟ އޭނާއާ ނެތުމުން ރެއާލް މެޑްރިޑަށް މާ ފައިދާ ބޮޑު ހެއްޔެވެ؟ ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެންމެ ފަހުގެ އިނގިރޭސި ޗެމްޕިއަނުން ކަމަށްވާ އާސެނަލް އަދިވެސް އޮތީ އޭނާއަށް ލޯއަޅައިގެންނެވެ. އެހެންކަމުން ކުލަބު ދޫކޮށްލާނަމަ އެޓީމުން އޭނާއަށް ޖާގަ އޮންނާނެއެވެ.
ޓީމުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފޯމިއުލާއަކީ ވިނީކަމަށް އާސެނަލްގެ މެނޭޖަރު މިކޭލް އާޓެޓާގެ އިތުރުން އެޓީމުގެ ގިނަ ސަޕޯޓަރުންވެސް ގަބޫލުކުރެއެވެ. ސުވާލުގެ ޖަވާބު، މި ސީޒަން ނިމެންވާއިރަށް ލިބޭނެކަން ޔަގީނެވެ.