ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އަންހެނަކު، ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮއްވައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ސ. ހިތަދުއަށް ނިސްބަތްވާ 44 އަހަރުގެ އަންހެނެއްގެއެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާތީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުން ކުރިއަށްގެންގޮސްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް، ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުގައި ބުނެފައިވަނީ، އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭނާއަކީ މީގެ ކުރިން ވެސް ކުށުގެ ބަންދު ރެކޯޑު އޮތް މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ ހެކި ހުރުމާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.
ކްރިމިނަލް ކޯޓުން ވަނީ ހޮސްޕިޓަލުން އޭނާ ދޫކޮށްލުމާ އެކު، 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް އަމުރުކޮށްފައެވެ. ކޯޓުން އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހަށެވެ.