ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފަސްވަނަ މެޗުގައި ޕޮލިސް ކުލަބާއި ކުލަބް އެޗްޑީސީ ބައްދަލުކޮށް، ޓައި ބްރޭކަރުން، ޕޮލިސް ކުލަބުން މެޗު ކާމިޔާބުކޮށްފިއެވެ.
އެ ޓީމުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 31-33، 29-27، 23-25 އަދި 25-19 9-15 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފެށުނީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު އެޓޭކުތަކެއް ފެނި، ކައިރިކައިރީގައި ސްކޯކުރިއެވެ. ސެޓުގެ ވަކި ހިސާބަކުން އެޗްޑީސީން ބޮޑު ލީޑެއް ނަގައި، ހަތަރު ޕޮއިންޓުގެ ލީޑެއް ދަމަހައްޓަމުން ދިޔަ ނަމަވެސް ސެޓުގެ ފަހުކޮޅު އަނެއްކާވެސް އިތުރަށް ފޯރިގަދަވިއެވެ. ދެ ޓީމަށް ވެސް ސެޓު ނިންމާލަން ގިނަ ފުރުސަތުތަކެއް ލިބުމަށްފަހު، އެޗްޑީސީގެ ފަހު އެޓޭކް ބޭރަށް ދިއުމާއެކީ ފުރަތަމަ ސެޓު ލިބުނީ ޕޮލިސް ކުލަބަށެވެ.
ގައުމީ ވޮލީ ލީގުގައި ޕޮލިސް ކުލަބާއި ކުލަބް އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާންދެވަނަ ސެޓު ވެސް ވަރަށް ފޯރީގައި ފަށައިގެން ދެ ޓީމުން ވެސް ސްކޯ ކުރަމުންގޮސް، މި ފަހަރު ލީޑު ނަގާފައިވަނީ ޕޮލިސް ކުލަބުންނެވެ. ހަތަރު ޕޮއިންޓުގެ ލީޑެއްގައި ޕޮލިސް ކުލަބުން ސެޓު ޕޮއިންޓަށް ދިޔަ ނަމަވެސް އެޗްޑީސީން ވަނީ ފަހަތުން އަރައި ސެޓު ގެންގޮސްފައެވެ.
ފުރަތަމަ ދެ ސެޓާ ޚިލާފަށް ތިންވަނަ ސެޓުގެ ވާދަވެރިކަން މުޅި ސެޓަށް ދެމިގެންދިޔައެވެ. އެގޮތުން ސެޓުގެ އެއްވެސް ހިސާބަކުން ދެ ޓީމުންކުރެ ޓީމަކަށް ބޮޑު ލީޑެއްގައި ދެމިއޮވެވިފައެއް ނުވެއެވެ.
މެޗުގެ ހަތަރުވަނަ ސެޓު، އެޗްޑީސީން ބޮޑު ތަފާތަކުން ކާމިޔާބުކުރުމާއެކު، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޓައި ބްރޭކަރަށް ގޮސްގެންނެވެ. އެގޮތުން ޓައި ބްރޭކަރުގައި ދެއްކި މޮޅު ކުޅުމާއެކު ޕޮލިސް ކުލަބުން ވަނީ ފަސޭހަކަމާއެކު ފަސްވަނަ ސެޓު ކާމިޔާބުކޮށްފައެވެ.
މިއާއެކު ލީގުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، ޕޮލިސް ކުލަބުން މިވަނީ ޗެމްޕިއަންޝިޕުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.
ގައުމީ ވޮލީ ލީގުގައި ޕޮލިސް ކުލަބާއި ކުލަބް އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާންމުބާރާތުގައި ކުލަބް އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުގައި ކުލަބް އެމްޓީސީސީގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފައިވާއިރު، ޕޮލިސް ކުލަބުގެ ފުރަތަމަ ދެ މެޗުގައި ވަނީ އެމްޓީސީސީ އަދި ލަޔަންސް ރެކްރިއޭޝަން ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ.
މިރޭ 20:30 ގައި އޮންނާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކުރާ މެޗެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.