ރާއްޖޭގައި އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ހިމެނުނު، ނައިފަރުގެ 106 އަހަރުގެ މީހަކު ނިޔާވެއްޖެ

މަރުވި ޢަބްދުﷲ އާދަމް --

ޅ. ނައިފަރަށް ނިސްބަތްވާ 106 އަހަރުގެ ފިރިހެނަކު މިއަދު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވެފައިވަނީ ޅ. ނައިފަރު، ދީދާރުގޭ، އަބްދުﷲ އާދަމެވެ.

ކަށުނަމާދު ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އޭނާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މަޣްރިބް ނަމާދަށްފަހު، ޅ. އުނގޫފާރުގެ މަސްޖިދުއް ދުކްތޫރު އަފްރާޝީމް އަލީ މިސްކިތުގައެވެ.

ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގައި ފަހުގެ ތާރީޚެއްގައި ރަސްމީ ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވަނީ، އުމުރުން 110 އަހަރުގެ މީހެކެވެ. އެއީ ސ. ހިތަދޫ މަންޒަރުގޭ، އަލީ ހުސައިނެވެ. އުމުރުން 110 އަހަރުގެ އޭނާ ނިޔާވީ 2023ގައެވެ.

https://sun.mv/180405

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަންނަނީ އިތުރުވަމުންނެވެ. އެ ބޯހިމެނުމުގެ ރިޕޯޓުން ދައްކާ ގޮތުގައި 65 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންގެ އަދަދު 8,420 އަރާއިރު، 70 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންގެ އަދަދު 4,846އަށް އަރައެވެ. އަދި 75 އަހަރުން މަތީގެ މީހުންގެ އަދަދު 7,584އަށް އަރާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އުމުރުން 100 އަހަރު ވުމަކީ ދުނިޔޭގެ ނިސްބަތުން ވެސް ދިގު އުމުރެކެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި، 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ މީހުންގެ އުމުރުގެ ދިގުމިން ވަނީ ގާތްގަނޑަކަށް 81.3 އަހަރަށް އަރާފައެވެ. މީގެ މާނައަކީ، މިހާރު މީހުން މަރުވާ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި އުފަންވާ މީހަކު ގާތްގަނޑަކަށް 81 އަހަރު ވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ. މީހުންގެ އުމުރުގެ ދިގުމިނަކީ، ސިއްހީ ފަރުވާ ލިބޭ މިންވަރާއި، ބަލިތަކުން ރައްކާތެރިވުމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅި ފަދަ ކަންކަން ރަމްޒުކޮށްދޭ، ގައުމެއްގެ އާންމު ސިއްހަތާއި ދިރިއުޅުމުގެ ހާލަތު އަންގައިދޭ މުހިންމު މިންގަނޑެކެވެ.

comment ކޮމެންޓް