މެޑްރިޑް (17 ސެޕްޓެމްބަރު 2026) : އިސްރާއީލާއި އެމެރިކާއިން އީރާންއާ ދެކޮޅަށް ފަށާފައިވާ ޣައިރު ގާނޫނީ އަދި އުދުވާނީ ހަނގުރާމައިގެ ސަބަބުން ޔޫރަޕަށް 112 ވަރަކަށް ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަން ހާމަވެއްޖެއެވެ.
އިގްތިސާދީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އުދުވާނީ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގެ ކުދި ވިޔަފާރިތަކުގައި ޝާމިލްވާ އެތަށް ހާސް ކުންފުންޏެއްވަނީ ބަނގުރޫޓުވެފައެވެ. އަދި ތެލާއި ގޭސް އަދި ކާބޯތަކެތީގެ އަގުތައްވަނީ ބޮޑުވެފައެވެ.
ނަތީޖާއެއްގެ ގޮތުން މިލިޔަނަކަށް ވުރެ ގިނަމީހުންގެ ވަޒީފާވަނީ ގެއްލިފައެވެ. އަދި ގަލްފުގެ ގައުމުތަކުގައި އަދި ޚާއްސަކޮށް ދުބާއި ގައިވާ ޔޫރަޕްގެ އިންވެސްޓްމަންޓްތަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ރިޕޯޓްތަކާ ގުޅިގެން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ޣައިރުގާނޫނީ ހަނގުރާމައިގެ ގެއްލުންތައް ޔޫރަޕަށް ވަރަށް ބޮޑުވާނެކަމުގެ ވާހަކަ ކުރިންވެސް އޭނާ ދައްކަވާފައިވާކަން ހަނދާން ކޮށްދެއްވައިފައެވެ. ސަންޗޭޒް ވިދާޅުވިގޮތުގައި ރިޕޯޓްތަކުން މިފެންނަނީ އޭނާ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ކަމުގައެވެ.
ސަންޗޭޒް ވިދާޅުވިގޮތުގައި ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ ބޮޑުބައެއް ގުޅިފައިވަނީ އެމެރިކާއާއި އިސްރާއީލުގެ ޣައިރު ގާނޫނީ ހަނގުރާމައާއެވެ. ހަނގުރާމަ ފެށުމާއެކު އޭނާ ހާމަކުރެއްވި ކަންބޮޑުވުންތަކަކީ ހަގީގަތެއްކަން މިހާރު މިވަނީ ހާމަވެފައެވެ.
އެއްވެސް ސަބަބަކާ ނުލައި އެމެރިކާއާއި އިސްރާއީލުން އީރާންއާ ދެކޮޅަށް ފަށާފައިވާ ޣައިރު ގާނޫނީ އަދި އުދުވާނީ ހަނގުރާމައިގާ އެމެރިކާއާއި އިސްރާއީލުވަނީ އީރާނުގެ ވެރިންނާއި އާންމުން މެރުމާއި ސްކޫލްތަކާއި ޔުނިވާސިޓީތަކާ އަދި ހޮސްޕިޓަލްތައް ފަދަ މަދަނީ ތަންތަނަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލުތައްވެސް ފުޅާދާއިރާއެއްގައި ހިންގައިފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާންއާ ދެކޮޅަށް ހިންގާ ހަނގުރާމައާ އަދި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް އިނގިރޭސިވިލާތާއި އެނޫންވެސް ޔޫރަޕްގެ ގިނަ ގައުމުތައް އެއްބާރުލުން ދީފައިވާކަމަށް އީރާން ތުހުމަތު ކުރެއެވެ. ސްޕެއިންވަނީ މިކަމުގައި އެމެރިކާއަށް އެއްބާރުލުން ދިނުމަށް ފާޅުގައި ދެކޮޅު ހަދައިފައެވެ.
ނަތީޖާއެއްގެ ގޮތުން ސްޕެއިންވަނީ އެމެރިކާގެ ހަރުކަށިކަމާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާވަނީ ސްޕެއިންއާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އަޅައި ބައެއް ހަތިޔާރު ސްޕެއިންއަށް ވިއްކުން މަނާކޮށްފައެވެ. ނަމަވެސް ސްޕެއިންގެ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ.
ސަންޗޭޒް ވިދާޅުވި ގޮތުގައި އެމެރިކާގެ ހަނގުރާމައިގެ އަމަލުތަކުގެ ސަބަބުން ތެލުގެ އަގު ބޮޑުވުމުގެ އިތުރުން ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތަކަށާއި ވައިގެ ދަތުރުފަތުރަށްވެސް ވަނީ ގިނަ ހުރަސްތަކެއް އެޅިފައެވެ.
ހަނގުރާމައިގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުޑަކުރުމަށްޓަކައި ސްޕެއިންނުން ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެތެރޭގައި އާންމުންނަށް ބައެއްކަންކަމުގައި ސަބްސިޑީ ދިނުމާއ އިޖުތިމާއީ ރައްކާތެރިކަން އިތުރަށް ކަށަވަރު ކޮށްދިނުން ހިމެނެއެވެ. ސިނާއީ ކުދި ކުންފުނިތަކާއި ކުދި ވިޔަފާރިތަކަށް ލުއިލޯނު ދިނުމާއި، ދަތުރުފަތުރުގައި އަމިއްލަ އުޅަނދުފަހަރު ބޭނުންކުރާ އާންމުންނަށް ތެލުގެ ސަބްސިޑީ އެއް ދިނުންފަދަ ކަންކަން ހިމެނެއެވެ.
މިކަންކަމަށް ރިއާޔަތްކޮށްގެން 12 ބިލިއަން ޔޫރޯ ގެ ޕެކެޖެއް ސްޕެއިންގެ ޕާލަމެންޓުން ވަނީ ފާސްކޮށްފައެވެ. ސްޕެއިން ގެ ބޮޑުވަޒީރު ވަނީ އީރާންއާ ދެކޮޅަށް އެމެރިކާ ފަށާފައިވަނީ ކުރަންނުޖެހޭ ހަނގުރާމައެއް ކަމަށް ސިފަކުރައްވައި އެހަނގުރާމަ ހުއްޓާލައި ސުލްހައިގެ މަގު ޚިޔާރު ކުރުމަށް އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވައިފައެވެ.