ކުޅުދުއްފުށި ސިޓީގައި މިއަދު ދެ ސައިކަލު އެކްސިޑެންޓުވެ، ވިއްސައިގެން ދިޔަ ތަކެތިން ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ، ކުޅުދުއްފުށި ސިޓީގެ އަމީނީމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވާކަމުގެ މައުލޫމާތު މެންދުރު 14:09 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި، ދެ ސައިކަލުގައި ތިބި ދެ މީހަކަށް އަނިޔާވި ކަމަށާއި އެއީ އަންހެނަކާއި ފިރިހެން ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އެކްސިޑެންޓުވި ވަގުތު ވިއްސައިގެން ދިޔަ ތަކެތި، އެ ސަރަހައްދުން ބައިސްކަލެއްގައި ދިޔަ ކުޑަކުއްޖެއްގެ ގައިގައި ޖެހި އެ ކުއްޖާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާގެ ބޯފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި އަންހެން މީހާގެ ފައި ބިނދި، ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ބައިސްކަލުގައި ދިޔަ ކުޑަކުއްޖާގެ ވާތު ފަޔަށް ތަދުވެ، ކަށިމަތި މަށައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނާއި ކުޑަކުއްޖާ ވެސް ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ދެ މީހުންނާއި ކުޑަކުއްޖާއާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ކަށަވަރުކުރެވިފައިނުވެއެވެ.
މިހާރަކަށް އައިސް މިފަދަ އެކްސިޑެންޓުތައް ރާއްޖޭގައި ވަނީ ވަރަށް އާންމުވެފައެވެ. ޚާއްސަކޮށް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، މިއަދު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ ފުލުހަކަށް ވެސް އަނިޔާވެފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 9,913 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި ދެވަނައަށް އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. އެގޮތުން 2,379 އެކްސިޑެންޓް މިހާތަނަށް ރިޕޯޓުކޮށްފައިވެއެވެ.