ދޮގު ނުފަތުރާ، މަޝްރޫއު ހިންގި ނަމަވެސް ރަސްމާލޭގައި ވެސް ފުލުހުންގެ ވާޖިބު އަދާކުރަން ހުރަހެއް ނޯންނާނެ: އިހުސާން

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިޙްސާން -- ފޮޓޯ: ރައީސް އޮފިސް

ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގި ނަމަވެސް އެ ސަރަހައްދުގައި ވެސް ފުލުހުންގެ ވާޖިބު އަދާކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

ރަސްމާލެ މަޝްރޫއުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް ދޫކުރާ ސަރަހައްދާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިންގާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާނޫނީ ފުރިހަމަ ބާރު އެ ތަންތަނުގައި އޮންނާނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

އިހުސާން ވިދާޅުވީ، ރާއްޖޭގެ ސިޔާދަތީ ބާރާއި ސަލާމަތީ ބާރުތަކުގެ ބާރު ނުހިންގޭނެ ގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ. އަދި އޭނާއަކީ ގައުމު ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއްކަން ފާހަގަކުރައްވައި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ބަޔަކީވެސް ރާއްޖޭގައި ކުރިއަށްދާ އެހެން މަޝްރޫއުތަކެކޭ އެއްފަދަ ތަނެކެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި ސިނާއީ މަސައްކަތްތަކަށް 200 އަށްވުރެ ގިނަ ރަށް ދޫކޮށްފައިވާއިރު، އެ ތަންތަނުގެ އާންމު ސެކިއުރިޓީ ބަލަހައްޓަނީ އެ މީހުން އަމިއްލައަށް ކަމަށާއި ރަސްމާލެއަކީ ވެސް އެއާ ތަފާތު ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެ ހުރިހާ ތަނެއްގައި ވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައި ވެސް އެ ބާރު ފުރިހަމައަށް ހިންގާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މަޝްރޫއުގެ ބާވަތުން ފުލުހުން އެ ތަނުގައި ގާއިމުވެ ތިބެންޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ވިދާޅުވެ، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށް އިހުސާން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަންކަމުގެ ހަގީގަތް އެނގިވަޑައިނުގަންނަވާނަމަ، މައުލޫމާތު ސާފުކުރުމަށްފަހު ޚަބަރު ފެތުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

comment ކޮމެންޓް