ކޮމިޝަންޑް އޮފިސަރުންގެ ރޭންކުތަކާ ގުޅޭ ފުލުހުންނަކީ ހަމައެކަނި މަގާމުގެ ކުރިއެރުމެއް ހޯދުމުގެ ނިޔަތުގައި ތިބޭ ބަޔަކަށް ނުވެ، ބޮޑެތި ޒިންމާތައް އުފުލޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ހަ ވަނަ އިންސްޕެކްޓާ ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔަތު ޝަރަފުވެރިކޮށްދެއްވައި ސީޕީ ވިދާޅުވީ، ނުވަ މޮޑިއުލްގެ މައްޗަށް އެކުލެވޭ މި ތަމްރީނު ފުރިހަމަކުރި އޮފިސަރުން ނަން-ކޮމިޝަންޑް ރޭންކުތަކުން ކޮމިޝަންޑް އޮފިސަރެއްގެ ގިންތިއަށް ބަދަލުވުމުގެ މަރުހަލާ ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެ އޮފިސަރުންނަކީ، މާދަމާ މުއައްސަސާގެ އިސް ލީޑަޝިޕްގެ ޒިންމާތަކާ ހަވާލުވުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށް ވިދާޅުވެ ސީޕީ ވަނީ އެ ކޯހަކީ މުއައްސަސާގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ފާހަގަކުރައްވާފައެވެ. މި ކޯހުން އެއްވަނަ ހޯދާފައިވަނީ އަޙްމަދު ނަދީމެވެ.
ފުލުހުންގެ އޮފިސަރުންތަކެއް --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމްފުލުހުންގެ ތަމްރީނުތަކަށް މުއައްސަސާއިން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކާއި ހޭދައަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ އެ ފަދަ ފުރުސަތުތަކުގެ ބޭނުން ހިފަންވާނީ ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ޚިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.
މީގެއިތުރުން، ފުލުހުންގެ ޚިދުމަތަކީ ވަގުތީ ގޮތުން މަޑުކޮށްލާ ބަނދަރަކަށް ނުހަދައި، ދިގު މުއްދަތަކަށް ޚިދުމަތުގައި ދެމިތިބުމަށް ހުރިހާ ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެންސީޕީއެލްއީގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނާއި ފުލުހުންގެ ސީނިއާ އޮފިސަރުންނާއި ދަސްވެނިވި އޮފިސަރުން ބައިވެރިވިއެވެ.