ވޮޝިންޓަން (14 އޮކްޓޯބަރު 2026): ގްރީންލޭންޑާއެކު އެމެރިކާ ދާދިފަހުން ސޮއިކުރި އެއްބަސްވުމުގެ ދަށުން އެސަރަހައްދުން އަގުބޮޑު ޖަވާހިރާއި ނާދިރު މައުދަންތައް ހޯދުމުގެ މަސައްކަތް ފަށަން އެމެރިކާ ތައްޔާރުވަމުން ދާކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ހައިޓެކް ސިނާއަތަށް ބޭނުންވާ ޖަވާހިރާއި އަގުބޮޑު ނާދިރު މައުދަންތައް ގްރީންލޭންޑުން ލިބޭނެކަމަށާ އެކަމުގެ ސަބަބުން އެމެރިކާއަށް ބޮޑު ފައިދާތަކެއް ލިބޭނެކަމުގައެވެ. ނާދިރު މައުދަންތައް ބޭނުންވާ ވަރާ ގާތަށްވެސް ނުލިބޭ މައްސަލަ އެމެރިކާއަށް ވަނީ ފެންމަތިވެފައެވެ. ނާދިރު މައުދަންތަކުގެ ބޮޑު ކޮންޓްރޯލެއް އޮންނަނީ ޗައިނާއަށެވެ. އެމެރިކާ ބޭނުންވާ ވަރާ ގާތަށްވެސް ޗައިނާއިން އެމެރިކާއަށް މިތަކެތި ނުވިއްކައެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ހައިޓެކް ސިނާއަތަށް ބޭނުންވާ ގިނަ އަދަދެއްގެ ނާދިރު މައުދަންތައް ގްރީންލެންޑުގައި އެބަހުއްޓެވެ. ނޯތު ޕޯލްގެ އައިސް ވިރެމުންދާ ވަރަކަށް އެ ސަރަހައްދުންވެސް މިފަދަ މައުދަންތައް ހޯދުމުގެ މަސައްކަތް ކުރަން ފަސޭވަވެގެންދާނެއެވެ.
ޓްރަމްޕް ވަނީ ބާރުގެ ބޭނުންކޮށްގެން ނޫނީ ގަނެގެންވެސް އެމެރިކާގެ ބާރުގެ ދަށަށް ގްރީންލެންޑް ގެންނާނެކަމަށް ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެންމެފަހުން ޓްރަމްޕަށް މަޖުބޫރުވީ ގްރީންލޭންޑްއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ. އެއީ ގްރީންލެންޑަށް އެމެރިކާ ގަދަބާރުން އަރައި އެތަން ހިފައިފިނަމަ ޑެންމާކާ އަދި ޔޫރަޕްގެ ނުރުހުން ބޮޑުވެ މިފަދަ އަމަލެއްގެ ސަބަބުން ނޭޓޯ ބައިބައިވެގެން ހިނގައިދާނެކަމުގެ ބިރު އޮތުމުންނެވެ.
ޓްރަމްޕް ވަނީ އެމެރިކާ ބޭނުންކަމެއް ގްރީންލޭންގައި ކުރެވޭގޮތަށް އަދި އެމެރިކާ ބޭނުންގޮތަކަށް ނާދިރު މައުދަންތައްވެސް ގްރީންލޭންޑުން ނަގައިގެން އެމެރިކާއަށް ގެންދެވޭގޮތަށް އަދި އެމެރިކާބޭނުންވާ އަސްކަރީ ކަންކަންވެސް އެސަރަހައްދުގައި ކުރެވޭގޮތަށް ގްރީންލޭންޑާއެކު އެއްބަސްވުމެއް ގާއިމްކޮށްފައެވެ. ނަމަވެސް މިއީ ބިރުދައްކައިގެން ކޮށްފައިވާ އެއްބަސްވުމެއްކަމަށް ވަނީ ބެލެވިފައެވެ. މި އެއްބަސްވުމާމެދު ގްރީންލޭންޑްގެ އާންމުން ނުރުހޭކަމަށް ރިޕޯޓްތައް ބުނެއެވެ.
ގްރީންލޭންޑްގައިވާ ނާދިރު މައުދަންތައް އެމެރިކާ ނަގަން ތައްޔާރުވާއިރު މިތަކެތީގެ އަގުވެސް ކަނޑައަޅާނެ ކަމަށްވަނީ އެމެރިކާއެވެ. މިއީވެސް ގްރީންލޭންޑްގެ އާންމުންގެ ކަންބޮޑުވުމެކެވެ. ގްރީންލެންޑަކީ ޑެންމާކުގެ ދަށުގައިވާ ސަރަހައްދެކެވެ. މުހައްލިލުން ދެކޭގޮތުގައި ގްރީންލޭންޑަށް އަތްގަދަކުރުމުގައި އެމެރިކާގެ މައިގަނޑު ބޭނުމަކީ ނޯތް ޕޯލްއަށް ވާސިލް ވުމެވެ. ނޯތްޕޯލްއާ ގުޅިފައިވާ އެމެރިކާގެ ހަމައެކަނި ސަރަހައްދަކީ އެލެސްކާ އެވެ. ނޯތް ޕޯލްގެ ގާތްގަނޑަކަށް 70 އިންސައްތަ ހިއްސާ ކުރަނީ ރަޝިއާއެވެ. މިއީ އެމެރިކާ ވަރަށް ކަންބޮޑުވާކަމެކެވެ.