ތެހެރާން (14 އޮކްޓޯބަރު 2026): އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބާ ހަމައަށް ތެލުގެ އަގު ދަށަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި އައު އުކުޅުތަކެއް ބޭނުން ކުރަމުން ގެންދަކަމަށާ އެކަން ކާމިޔާބުވެސް ވަމުންދާކަމަށް އީރާން ބުނެފިއެވެ.
އީރާނުގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބާ ހަމައަށް ތެލުގެ އަގު ދަށަށް ދިޔަނުދީ ތެލުގެ އަގު އުފުލިފައި އޮތުމަކީ އީރާނުގެ ސްޓްރެޓެޖީ އެކެވެ. ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމަށް އީރާން ކަނޑައަޅާފައިވާ ކޮރިޑޯ ފިޔަވައި އެހެން ކޮރިޑޯއަކުން ދަތުރުކުރާ އުޅަނދުތަކަކީ ގަވައިދާ ޚިލާފަށް އެކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކެއް ކަމަށް ނިންމައި އެއުޅަނދުތަކަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތައް އިތުރުކުރަމުން ގެންދަނީ މިސްޓްރެޓެޖީގެ ދަށުންކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.
ގަވައިދާ ޚިލާފަށް ހުރުމުޒު ހުރަސްކުރާ އުޅަނދުތައް ނުކުންނަނަމަ އެއުޅަނދުތަކަށް ނުކުމެވޭނީ އިންޝުއަރެންސަށް ބޮޑުއަގެއް ދައްކައިގެން އަދި އެމެރިކާގެ ފައިޓާ ޖެޓްތަކުގެ ހިމާޔަތުގައި ކަމަށްވާއިރު އެއީވެސް ބޮޑުޚަރަދެއް ހިނގާނެ ކަމަށްވާތީ ގަވައިދާ ޚިލާފަށް ހުރުމުޒު ހުރަސްކުރާ އުޅަނދުތަކުން އުފުލާ ތެލުގައި ހިމެނޭ ކޮންމެ ފީފާއަކަށް އިތުރު 20 ޑޮލަރު ޚަރަދުވާނެކަމަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
މުހައްލިލުން ދެކޭގޮތުގައި އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބާ ހަމައަށް ތެލުގެ އަގު ދަށަށް ދިޔަނުދީ ހިފެހެއްޓުމުގައި އީރާންގެ ބޭނުމަކީ ޓްރަމްޕްގެ ޕާޓީއަށް އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމެވެ. އެމެރިކާގެ އެތެރޭގެ ސާވޭތަކުން ހާމަވާގޮތުގައި ޓްރަމްޕްގެ ޕާޓީއަށް މިޑްޓާމް އިންތިޚާބު ބޮޑުތަފާތަކުން ނާކާމިޔާބު ވާނެއެވެ. ނާކާމިޔާބުވާނެކަމުގެ އަޑުތަކާއި ސާވޭތަކުގެ ނަތީޖާއާއެކު ޓްރަމްޕަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށް ބުއްދި ފިލައިދާ ހާލަތަށް ގޮސްފައި ކަމަށް އެމެރިކާގެ ބައެއް ނޫސް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ މިފަދަ ހާލަތެއްގައި ބާރުނެތް ރައީސަކަށް ޓްރަމްޕް ވުމުގެ އިތުރުން މަގާމުން ވަކިކޮށްފާނެކަމުގެ ބިރު ޓްރަމްޕް އިހުސާސް ކުރެއްވުމެވެ.
ގަވައިދާ ޚިލާފަށް ހުރުމުޒު ހުރަސްކުރާ އުޅަނދުތަކަށް އީރާން ދޭ ހަމަލާތައް މިފަހަކަށް އައިސްވަނީ އެތަށް ގުނައެއް އިތުރުވެފއެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު ދަށްކުރުމަށް ޓްރަމްޕް އަޅާ ފިޔަވަޅުތަކުގެ އެއްވެސް ނަތީޖާއެއް އަދި ފެނިފައެއް ނުވެއެވެ. ޕެޓްރޯލްގެ އަގުވެސް ޑީސެލްގެ އަގުވެސް ދަށަކަށް ނުދެއެވެ. އީރާންގެ ހުއްދަނެތި އެމެރިކާގެ އަސްކަރީ ހިމާޔަތާއެކު ގަވައިދާ ޚިލާފަށް ހުރުމުޒު ހުރަސްކުރާ އުޅަނދުތައް މިފަހަކަށް އައިސް ގިނަވެގެން ދިޔައީ އެމެރިކާ ކުރިން އީރާނަށް ހަމަލާދީ ހުރުމުޒު ބަލަހައްޓާ އީރާނުގެ ގިނަ ރާޑަރުތަކެއް ހަލާކުކޮށްލުމާ ގުޅިގެންނެވެ.
ނަމަވެސް މިހާރު އީރާންވަނީ ރާޑަރުގެ ބަދަލުގައި ޑްރޯން ބޭނުންކޮށްގެންނާއި ހަތިޔާރު ނެތް ކުދި އުޅަނދުފަހަރު ބޭނުންކޮށްގެން ގަވައިދާ ޚިލާފަށް ހުރުމުޒު ހުރަސްކުރާ އުޅަނދުތައް ޑިޓެކްޓްކުރުމުގެ އައު ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ފަށާފައެވެ. ނަތީޖާ އެއްގެގޮތުން ގަވައިދާ ޚިލާފަށް ހުރުމުޒު ހުރަސްކުރާ އުޅަނދުތަކަށް އީރާން ދޭ ހަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އީރާނުގެ މަސްއޫލުވެރިންވަނީ އީރާނުގެ އަސްކަރީ ހަރަކާތްތައް ހުރުމުޒް ކަނޑުއޮޅީގެ ބޭރުން އުމާން ކަނޑުއޮޅިއަށާއި އަރަބި ކަނޑުގެ އުތުރާ ހަމައަށް ފުޅާކުރަމުންދާ ކަމަށާ މިދެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށްވެސް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނާގޮތުން އެފަދަ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅިން ބޭރުގައި ވެސް ރައްކާތެރިކަމެއް ނޯންނާނެއެވެ. މިއީވެސް ތެލުގެ އަގު ދަށްކުރުމަށް ޓްރަމްޕް ކުރާ މަސައްކަތްތައް ނާކާމިޔާބުކޮށްލުމަށާއި އިންތިޚާބުގައި އޭނާގެ ޕާޓީ ފެއިލްކޮށްލުމުގެ ސްޓްރެޓެޖީ ގެ ދަށުން ކުރާކަމެއްކަމަށް އީރާނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ. ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ހުރުމުޒު ސަރަހައްދުން ދަތުރުކުރި 5 ޓޭންކަރަކަށްވަނީ އީރާނުގެ ޑްރޯން ހަމަލާތައް އަރައި އޭގެ ދަތުރުތައް ހުއްޓިފައެވެ. އަދި އިތުރު ޓޭންކަރެއްގައި މައިންއެއް ޖެހުމުގެ ސަބަބުން އެޓޭންކަރުގައިވެސް ވަނީ އަލިފާން ރޯވެފައެވެ.