ދުނިޔެ ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު، އަގުބޮޑު މުދަލާއި ލަގްޒަރީ ދިރިއުޅުމެއްގެ މާނަ މިއަދު ވަނީ މުޅިންހެން އާ ވިސްނުމަކާ އެކު ބަދަލުވެފައެވެ.
ކުރިން ލަގްޒަރީއަކަށްވީ އެންމެ ފަހު މޮޑެލްގެ ވެހިކަލްތަކާއި، ބޮޑެތި އިމާރާތްތަކާއި، މާއްދީ ތަނަވަސްކަން ބޭރުފުށުން ދައްކުވައިދޭ ޒީނަތްތެރިކަމެވެ. ނަމަވެސް، ޒަމާނީ ހަލަބޮލިކަމާއި ޑިޖިޓަލް ނުތަނަވަސްކަމުން ފުރިފައިވާ ދިރިއުޅުމަކުން ކުޑަވެސް ނޭވާލާނެ ފުރުޞަތެއް ހޯދަން މަސައްކަތްކުރާ މިޒަމާނުގެ އިންސާނާއަށް އެންމެ ބޮޑު ލަގްޒަރީއަކަށް މިވަނީ ނަފުސާނީ އަމާންކަމާއި ހިމޭންކަމެވެ.
ސުވިޒަލޭންޑަށް ނިސްބަތްވާ ނަފުސާނީ ދާއިރާގެ މަޝްހޫރު މާހިރެއް ކަމަށްވާ ޑރ. ކާލް ޔަންގް ވިދާޅުވެފައިވާ ފަދައިން، އިންސާނާގެ ނަފުސުގެ އަމާންކަން ހޯދުމަށްޓަކައި އޭނާގެ އަސްލު އުފެދުމާ ގުޅިފައިވާ ޤުދުރަތީ މާހައުލަށާއި ސާދާ ދިރިއުޅުމަކަށް ރުޖޫޢަވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މިއީ ސިކުނޑީގެ ހާސްކަން ފިލުވައިދިނުމަށް ކޮންމެހެން ބޭނުންވާކަމެއްކަމަށް އެމެރިކާގެ މަޝްހޫރު ނިއުރޯސައިންޓިސްޓް ޑރ. އެންޑްރޫ ހޫބަމަން ފާހަގަކުރައްވައެވެ. ޑރ. އެންޑްރޫ ހޫބަމަން ވިދާޅުވާ ގޮތުގައި މެދުނުކެނޑި ޑިޖިޓަލް ވަސީލަތްތަކުން މައުލޫމާތު ލިބެމުންދާ މާހައުލެއްގައި އުޅުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބުރަބޮޑުވެ، ނަފުސާނީ ދުޅަހެޔޮކަމަށް ހުރަސްއެޅޭ ކަމެކެވެ.
މާލެ ސިޓީގެ މަގުމަތީގައި އާއްމުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯއެއް--ފޮޓޯ/ފޭސްބުކްސިއްހީ ނަޒަރިއްޔާތަކުން މި ބަދަލަށް ބަލާއިރު، ހަށިގަނޑުގެ ދިފާޢީ ނިޒާމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް އޭގެ ސަބަބުން ވަރަށް ބޮޑު އަސަރުތަކެއް ކުރެއެވެ. އެެމެރިކާގެ މަޝްހޫރު މަޝްހޫރު ޕަބްލިކް ހެލްތު (ޢާންމު ސިއްހަތު)ގެ މާހިރެއް ކަމަށްވާ ޑރ. މައިކް އޮސްޓަހޯލްޑް ވިދާޅުވާ ގޮތުގައި، އަވަސް އަވަހަށް ތައްޔާރުކުރާ ޕްރޮސެސްޑް ކާނާތަކާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ހަށިގަނޑަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، އެންމެ ރަނގަޅު ގޮތަކީ ކާބަފައިން ގެންގުޅުނު ސާދާ ކެއިންބުއިމުގެ އާދަތަކަށް އެނބުރި ދިއުމެވެ. ޤުދުރަތީ ގޮތުން ލިބެން ހުންނަ ތާޒާ ތަކެއްޗާއި، އަމިއްލަ ފަސްގަނޑުގައި ހައްދާ ބާވަތްތަކަށް ބަރޯސާވުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ، ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއް ކަމަށް ޑީޓޮކްސް އަދި ހޯލިސްޓިކް މެޑިސިންގެ މާހިރުން ވެސް އެއްބަސްވެއެވެ.
ކާބަފައިންގެ ޒަމާނުގައި ދިވެހިން ކައިބޮއެ އުޅުނު ގޮތަކީ ހަމައެކަނި ބަނޑުފުރާލުމެއް ނޫނެވެ. އެއީ ސިއްހަތުގެ އެންމެ ފުރިހަމަ ދުޅަހެޔޮކަމެވެ. ތާޒާ ކަނޑު މަހުގެ އިތުރުން އެއްގަމުން ލިބެން ހުންނަ މަހުގެ ބާވަތްތަކާ އެކު، ގުދުރަތީ ތަކެތިން ތައްޔާރުކުރާ ކާނާއަކީ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ފުރިހަމައަށް ގެނެސްދޭ ކާނާއެކެވެ. މިއަދު އަނެއްކާވެސް މި ފެންނަނީ ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް އެ ސާދާކަމަށް މީހުން ލޯބިކުރަން ފެށި މަންޒަރެވެ.
ދިވެހި މުޖްތަމައުގެ މާޒީއަށް ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެންގެ ކާބަފައިންގެ ދިރިއުޅުމަކީ ވަރަށް ބޮޑަށް ހިތްހަމަޖެހުމާއި، އެކުވެރިކަމާއި، ޤުދުރަތާ ގުޅިފައިވާ ދިރިއުޅުމެކެވެ. ކެއުމުގެ ތެރޭގައި ވެސް އޮތީ އެކުވެރިކަމާއި، ލޯތްބާއި، އޯގާތެރިކަމެވެ. އެ މާހައުލަށް އަނބުރާ ދިއުމަކީ މިއަދުގެ ހަލަބޮލި މުޖުތަމައުއަށް ލިބޭނެ އެންމެ ބޮޑު ހަމަޖެހުމެވެ. ވީމާ، ޙަޤީޤީ ލަގްޒަރީއަކީ ބޮޑެތި ގަނޑުވަރުތަކެއްގައި އުޅުމެއް ނޫނެވެ. އެއީ ހިތުގެ ހަމަޖެހުމާއި، ނަފުސާނީ އަމާންކަމާއެކު، ސާދާ ދިރިއުޅުމެއް އިޚުތިޔާރުކުރުމެވެ.