އިންޑިއާގެ ކޮކްރޯޗް ޖަނަތާ ޕާޓީ (ސީޖޭޕީ)އިން ބޭއްވި މަގުމަތީ މުޒާހަރާއަކަށް ފާޑުކިޔުމާ ގުޅިގެން، ބޮލީވުޑްގެ އެކްޓަރު ރަންވީރު ޝޯރީއަށް މަރުގެ އިންޒާރު ދީފިއެވެ. މި މައްސަލަ މިހާރު ވަނީ ސައިބަ ކްރައިމް ފުލުހުންނަށާއި މުމްބާއީ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައެވެ.
ރަންވީރު ވަނީ އޭނާއަށް އިންޒާރުދީ ފޮނުވާފައިވާ އީމެއިލްތަކުގެ ސްކްރީންޝޮޓްތައް މީސްމީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި ހިއްސާކޮށްފައެވެ. އޭގެ ތެރެއިން ރާޖް ޕަރިހާރު ކިޔާ މީހަކު ފޮނުވި އީމެއިލެއްގައި، ވަރަށް ހުތުރު ބަހުރުވައިން މުއާމަލާތްކޮށް، ރަންވީރުގެ ހަރަކާތްތަކާއި އޭނާ ދާ ތަންތަން މޮނީޓާ ކުރަމުންދާ ކަމަށާއި، ދަނޑިވަޅު ބަލައި ހަމަލާދޭނެ ކަމަށް ބުނެ ބިރުދައްކާފައިވެއެވެ.
މިކަމާ ގުޅިގެން ރަންވީރު ވަނީ އިންޑިއާގެ ސައިބަ ސެކިއުރިޓީ އިދާރާތައް ކަމަށްވާ 'ސައިބަ ދޯސްތު' އަދި 'މަހާރާޝްތުރަ ސައިބަ' ޓެގްކޮށް، ދެ އީމެއިލް އެކައުންޓަކުން އޭނާއަށް މަރުގެ އިންޒާރު އަންނަމުންދާތީ އެ މައްސަލަ އަވަހަށް ތަޙުޤީޤުކޮށްދިނުމަށް އެދިފައެވެ.
ރަންވީރަށް މަރުގެ އިންޒާރު ލިބިފައިވާ ކަމަށް ބުނެ އެކްސްގައި އެކްޓަރުކުރި ޕޯސްޓު--ފޮޓޯ/އެންޑީޓީވީ ރަންވީރުގެ ޕޯސްޓަށް އަވަސް އިޖާބައެއް ދެމުން މުމްބާއީ ފުލުހުން ވަނީ މައްސަލައާ ގުޅޭ ތަފްސީލު ހިއްސާކުރުމަށް އެދިފައެވެ. އަދި ފުލުހުންގެ މި އަވަސް އިޖާބައަށް ރަންވީރު ވަނީ ޝުކުރު އަދާކޮށްފައެވެ.
މި އިންޒާރުތައް އޭނާއަށް އަމާޒުވާން ފެށީ ސީޖޭޕީގެ މުޒާހަރާއަށް ފާޑުކިޔައި އޭނާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ރަންވީރު ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން ޚިޔާލުފާޅުކޮށް ބާރު ދައްކަންވާނީ މަގުމަތިން ނޫން ކަމަށާއި، އެކަން ކުރަންޖެހޭނީ ޕާލަމަންޓާއި އިންތިޚާބުތައް އަދި ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ކަމަށެވެ. އަދި މަގުތައް ބަންދުކޮށް، ޢާންމު ޚިދުމަތްތަކަށާއި ޤާނޫނީ ނިޒާމަށް ހުރަސްއެޅުމަކީ ޑިމޮކްރަސީގެ އަސްލު ވިސްނުމާ ޚިލާފު ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ސީޖޭޕީއިން މިދިޔަ އާދީއްތަ ދުވަހު ނިއުދިއްލީގެ ޖަންތަރު މަންތަރުގައި މުޒާހަރާ ކުރީ، ވޯޓާސް ލިސްޓު އިސްލާހުކުރުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކޮށް، ޗީފް އިލެކްޝަން ކޮމިޝަނަރު ޖިއަނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައެވެ. މި މުޒާހަރާތަކާ ގުޅިގެން މުމްބާއީގެ އޮގަސްޓް ކްރާންތީ މައިދާނުން ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީ ތަރި އިމްރާން ޚާން ވެސް ހިމެނެއެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އިމްރާން ޚާން ދޫކޮށްލާފައެވެ.