ނަހާ ގޮސް ކަމްރާންގެ ކައިރީގައި މަޑުކޮށްލިއެވެ. ހަމަޖެހިލުމަށް ފަހު ކަމްރާން ފުން ނޭވާއެއްލިއެވެ. އޭނާ ހިނިތުންވެލަން މަސައްކަތްކުރި ނަމަވެސް، ކާމިޔާބެއް ނުވިއެވެ. ހީވަނީ ހިނިތުންވެވޭ ވަރަށް ވުރެ ބޮޑަށް އޭނާގެ ހިތުތެރޭގައި ގިލަންވެރިކަން ވާހެންނެވެ. އުދާސްތަކާއި ފިކުރުތަކުގެ ކަނޑެއްގައި ގެނބިގެންދާ ހެންނެވެ.

ހަޤީޤަތުގައި ބުނަން ބޭނުންވާ އެތަކެއް ވާހަކަތަކެއް އޭނާގެ ހިތުތެރޭގައި އެބަވެއެވެ. އެހެންނަމަވެސް، އެ ބަސްތައް ދުލުގެ ކުރިއަށް ގެނައުމުގައި އޭނާ ވަނީ ނާކާމިޔާބުވެފައެވެ. ވާހަކަ ފަށާނީ ކިހާ ހިސާބަކުންކަމެއް ނޭނގެނީއެވެ. ދައްކަން ޖެހޭ ވާހަކަތައް ގިނަކަމުންނެވެ. މާޒީގެ ކޮންމެ ހަނދާނަކީ މިއަދު އޭނާއަށް ނުހަނު ތަކުލީފު ދޭ ހަނދާނަކަށް ވަނީ ވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހަޤީޤީ ކުށްވެރިއަކީ ހަމަ އޭނާއެވެ. އިހުމާލުވި ނަމަ އެ އިހުމާލެއްގެ ފަހަތުގައި ވެސް ހުރީ ހަމަ އޭނާއެވެ. އެ ދުވަހު ނުވިސްނުނީއެވެ. އެހެންނަމަވެސް، ވިސްނުނު އިރު މި ވަނީ ވަގުތު ފާއިތުވެފައެވެ. ދެން އަނބުރާ ލިބުން ނެތް ދުވަސްތަކެއް ފަދައިން އެ ދުވަސްތައް ވެސް މާޒީއާ އެކުވެގެން ގޮސް އޮބައިފިއެވެ. ވަގުތަކީ އެއްވެސް މީހަކަށްޓަކައި ހުއްޓި ހުންނާނެ އެއްޗެއް ނޫނެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހެނީ އެހެންވެގެންނެވެ. ގިނަ ފަހަރަށް، ވިސްނޭ އިރު އޮންނާނީ ވަގުތު ފާއިތުފައެވެ. ދެން ހިތާމަކުރުމަކުން ވާނެ ފައިދާއެއް ނޯންނާނެއެވެ.

ކަމްރާންގެ ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އަނެއްކާ ވެސް ދެލޯ ފެންކަޅިވާން ފެށިއެވެ. އެއްޗެއް ނުބުނީ ރޮވިދާނެތީ ކަންނޭނގެއެވެ. އޭނާ ހޮސްޕިޓަލަށް ގެނައި ވާހަކަ ނަހާގެ ކައިރީގައި ބުނީ އިރުއޮއްސެން އުޅެނިކޮށެވެ. ނަހާ ނައުމުން އެކަމާ މާޔޫސްވެފައި ހުއްޓާ ނަހާ ފެނުމުން ވެސް ހިތަކަށް ތަސައްލީއެއް ނުލިބުނެވެ. ޝަކުވާކުރެވުނީ އައުން ލަސްވުމުންނެވެ. އެހެންނަމަވެސް، އެ ޝަކުވާތައް ކުރުމުގެ އެއްވެސް ޙައްޤެއް މިއަދު އޭނާއަށް ލިބިފައެއް ނެތެވެ. އެ ޙައްޤު ނިގުޅައިގަތީ ވެސް ހަމަ އޭނާގެ އަމިއްލަ ދެ އަތުންނެވެ.

"އެއްޗެއް ކައިފިންތަ؟" މާރިޔާ ދިޔައިރު އޭނާގެ އަތުގައި ހުރި ތަށިބަރިތަކަކީ ކަމްރާންއަށް ކާއެއްޗެހި ގެނައި ތަށިތައްކަން ޔަޤީންވި ނަމަވެސް، ނަހާ އަހައިލިއެވެ.

"ހޫމް. ކައިފިން. މާރިޔާ އާ ތިރިން ދިމާނުވޭތަ؟ ހަމަ ދެންމެ އެ ދިޔައީ..." ކަމްރާން ބުނެލިއެވެ. އޭރު އޭނާގެ އަޑު ވަނީ ވަރަށް ބޮޑަށް ކުރަކިވެފައެވެ. ވާހަކަ ދެއްކި އިރު ވެސް ކުޑަކޮށް ކެއްސައެވެ.

"ނޫން! ދިމާވި! ކިހިނެއް... ކިހިނެއްވީ؟ ކުއްލިއަކަށް ކީއްވެ އެނބުރުން އެރީ؟" ނަހާ ސުވާލުކޮށްލިއެވެ. ބައްޕަ އެ ޙާލުގައި އޮންނަތަން ފެނުމުން ދެރަވިއެވެ. އެ ގޮތަށް ކަމްރާން ބަލި އެނދުގައި އޮތްތަން މީގެ ކުރިން ދުވަހަކު ވެސް ނަހާއަކަށް ފެނިފައެއް ނުވެއެވެ. ރުޅި އައިސް ހުއްޓެއްކަމަކު އޭނާގެ ހިތަކީ އެހާ ހަރު ހިތެއް ނޫނެވެ.

"އެއްގޮތަކަށް ނޭނގެ ވީ ގޮތެއް. ހެނދުނު ހޭލި އިރު ވެސް އެނބުރުން އަރާފަ ހުރީ. އޮފީހަށް ދާން ތައްތާރުވާން އުޅެނިކޮށް އެއް ފަހަރު ހޮޑުވެސް ލެވުނު. ހުން ވައްތަރުވެފަ ހުރީމަ، ބޭސްކައިގެން އޮފީހަށް ގޮސް ހުއްޓާ ވެއްޓުނީ..." ކަމްރާން ބުނެލިއެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން އޭނާއަށް ފުރަތަމަ ޖެހުނީ ރޯގާއެކެވެ. ކަރުގައި ރިއްސާފައި ކެއްސަން ފެށީއެވެ. ޑޮކްޓަރަށް ނުދައްކަން ފާމަސީއަކުން ބޭސް ގަނެގެން ކަމުން ދަނިކޮށް ހުން އައީ މިއަދެވެ.

"ކީކޭ ޑޮކްޓަރުން ބުނީ؟" ކަމްރާންއަށް ބަލައިލުމަށް ފަހު ނަހާ ސުވާލުކޮށްލިއެވެ.

"ލޭގަ ޓެސްޓްތައް ހަދާފަ ބުނީ ލޭގައި ކޮންމެވެސް ވަރަކަށް އިންފެކްޝަން ހުރި ވާހަކަ. އެޑްމިޓްކޮށްފަ އަދި ތިން ވަރަކަށް ދުވަސް ބާއްވަން ޖެހިދާނެޔޭ ބުނީ..." ކަމްރާން ބުނެލިއެވެ. އޭނާ އަނެއްކާ ވެސް ކެއްސައިލިއެވެ. ސައިޑު ކަބަޑުމަތިން ފެންތަށި ނަގަންވެގެން އޭނާ ކުޑަކޮށް ހަށިގަނޑު ސީދާކޮށްލާ އަތް އެ ދިމާލަށް ދިއްކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި ނަހާ ކަމްރާންގެ ގާތު މަޑުކޮށްލުމަށް ބުނެފައި ފެން ތަށި ނަގާ ކަމްރާންއަށް ދިއްކޮށްލިއެވެ. އޭގައި ކަމްރާން ހިފި އިރު އޭނާގެ އަތުގައި މަޑުމަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. ގައިގަ އިވަރު ނެތުމުގެ އަލާމާތެކެވެ. އެ މަންޒަރު ބަލަން ހުރި ނަހާ ތުންފިއްތައިލާފައި ވެސް އެއްޗެއް ނުބުންޏެވެ. ކަމްރާން ފެންތަށި ބުއިމުން އޭނާ ތަށި ކަބަޑުމަތީގައި ބަހައްޓަމުން ކަމްރާންއަށް ބަލައިލިއެވެ.

"އިތުރު ކަމެއް ބޭނުންތަ؟" އޭނާ އަހައިލިއެވެ.

"ނޫން! ބޭނުމެއް ނޫން!" ކަމްރާން ބުނެލިއެވެ. ކެއްސާތީ ދިލަތަދެއް އޭނާގެ މޭގައި އޭރު ހުއްޓެވެ. ނަހާ ބޯ ޖަހައިލިއެވެ. އިރުކޮޅަކުން ނަރުސްކުއްޖަކު އައިސް އެތެރެއަށް ވަނެވެ. އޭނާ ކަމްރާންއަށް އިންޖެކްޝަނެއް ދޭން ވެގެން އުޅުމުން ނަހާ ގޮސް އިށީނީ އެ ތަނުގައި ހުރި ސޯފާގައެވެ. ނަރުސް ކުއްޖާ އިންޖެކްޝަން ދީފައި ދިޔުމުން އޭނާ ބަލައިލީ ނަހާއަށެވެ. އޭރު ނަހާ ސޯފާގައި އިނެވެ.

"ވަރަށް ލަސްވެއްޖެ،" ކަމްރާން ބުނެލިއެވެ. "ގެއަށް ނުދަންތަ؟"

ނަހާ އޭނާގެ ގާތުގައި މަޑުކުރާނެކަމަކަށް ކަމްރާން އުންމީދެއް ނުކުރެއެވެ. އެހެން އަހައިލި އިރު ވެސް އޭނާގެ އަޑުގައި މާޔޫސްކަން ވީ ސަބަބަކީ އެއީއެވެ. ނަހާއަށް ވެސް އެކަން ފާހަގަވިއެވެ.

"އިރުކޮޅަކުން ދާނީ!" ނަހާ ބުނެލިއެވެ. ކަމްރާން ބޯ ޖަހައިލިއެވެ. އެހެން އެހި އިރު ވެސް އެރޭ ނަހާ އޭނާގެ ކައިރީގައި މަޑުނުކުރާނެކަން ކަމްރާންއަށް އެނގެއެވެ.

އެހެން އޮށްވާ ކަމްރާންއަށް ނިދިއްޖެއެވެ. ނަހާ ކަމްރާންއަށް ބަލައިލުމަށް ފަހު ދާންވެގެން ތެދުވެލާފައި ވެސް މަޑުޖެހިލިއެވެ. ބައްޕަ އެކަނިކޮށްލާފައި ދާން އޭނާގެ ހިތް ނޭދުނީއެވެ. ބައްޕަ ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް، ދަރިއެއްގެ ވާޖިބު އޭނާ އަދާކުރަން ޖެހޭނެކަމުގައި ނަހާ ޤަބޫލުކުރިއެވެ. އެހެންކަމުން، އެނބުރިފައި ގޮސް ސޯފާގެ ފަހަތުބައި ދަމާލުމަށް ފަހު އިށީނދެ ފައި އަރުވައިލިއެވެ. ބާލީހެއް ވެސް އެ ތަނުގައި އޮތުމުން ކުޑަކޮށް އުނަގަނޑާ ދިމާލަށް ބާލީސް ލައްވައިލާ ހަމަޖެހިލިއެވެ. ހަޤީޤަތުގައި އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އިސާހިތަކު އޭނާއަށް ވެސް ނިދިއްޖެއެވެ.

ހެނދުނު ކަމްރާންއަށް ހޭލެވުނު އިރު، ކުރިއަށް ވުރެ ހުންގަނޑު ވެސް ރަނގަޅެވެ. އޭނާ ބަލައިލި އިރު ނަހާ އޮތީ ސޯފާގައި ނިދާފައެވެ. ކަމްރާންއަށް އިރުކޮޅަކު އޭނާގެ ލޯބިވާ ދަރިފުޅަށް ބަލަހައްޓައިގެން އޮވެވުނެވެ. ނަހާ އޭނާ ދެކެ ވާ ލޯތްބަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް، މާޒީގައި އޭނާއަށް ކަންތައް ކުރެވުނު ގޮތުން ގޮތް ދޫކުރަން ބޭނުންނުވަނީއެވެ. އަދި މާފުކުރަން ވެސް ބޭނުންނުވަނީކަން އެ ހިނދު އޭނާއަށް ފަހުމްވެގެން ދިޔައެވެ.

ނަހާއަށް ހޭލެވުނީ ދޮރު ފޮތިތަކުގެ ތެރެއިން ފޭދިގެން އައި އިރުގެ އަލިކަން އޭނާގެ މޫނަށް އެޅުމުންނެވެ. ދެއަތް ލޮލާ ދިމާލަށް ހުރަސްކޮށްލަމުން އޭނާ ތެދުވެ އިށީނެވެ. ބުރުގާ ވެސް އޮތީ އަރިމަތިން ނެއްޓިފައެވެ. ބުރުގާ ރީތިކޮށްލަމުން، އޭނާ ބަލައިލީ ކަމްރާންއަށެވެ.

"ރޭގަ ގެއަށް ނުދަން ދޯ." ކަމްރާން ސުވާލުކޮށްލުމާ އެކު ނަހާ ބޯ ޖަހައިލިއެވެ.

މޫނު ފުހެލަމުން ނަހާ، ތެދުވިއެވެ. އޭނާ ގޮސް ވަނީ ފާޚާނާއަށެވެ. މޫނު ދޮވެލާ ހަދައިގެން ނުކުތް އިރު ތާޒާކަން މޫނުމަތިން ފެނެއެވެ.

"ކޯންޗެއް ކާން ގެނެސްދޭންވީ؟" ނަހާ ސުވާލުކޮށްލިއެވެ.

"މާރިޔާ އަންނާނެ މިހާރު. ދަރިފުޅު އެއްޗެއް ނުގެނަޔަސް ރަނގަޅުވާނެ!" ކަމްރާން ބުނެލިއެވެ.

ނަހާ ނުކުމެގެން ގޮސް ފުރަތަމަ މަޑުކޮށްލީ ނަރުހުންގެ ޖަގަހަ ކައިރީގައެވެ. ކަމްރާންއަށް ކަމެއް ވެއްޖެނަމަ ގުޅުމަށް އޭނާގެ ނަންބަރާ އެއްޗެހި ދީފައި ދިޔައީ ގެއަށެވެ.

ނަހާ ޖެނީއަށް ގުޅައިލިއެވެ. މިއަދު ކެފޭއަށް ނުދެވޭނެ ވާހަކަ ބުނެފައި، ދެން ތިބި ހުރިހާ ކުދިންގެ ކައިރީގައި ވެސް އެ ވާހަކަ ބުނުމަށް ނަހާ އެދުނެވެ.

*****

ހެނދުނު ޒަރޫން ކެފޭއަށް ދިޔަ އިރު ނަހާއެއް ނެތެވެ. ކުޑަކޮށް މާޔޫސްވި ޒަރޫންއަށް ރޭގެ ހާދިސާ މަތިން ވިސްނައިލެވުނެވެ. ނަހާ ހޮސްޕިޓަލަށް ދިޔައީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން ވިސްނުނު ހިނދު އޭނާ ކެފޭއަށް ނައި ސަބަބަކީ ވެސް އެއީކަމުގައި ޒަރޫންއަށް ވިސްނުނެވެ.

"މެޑަމް ނާދޭތަ މިއަދު؟" ޔަޤީންކޮށްލުމުގެ ގޮތުން، ޒަރޫން ޖެނީ ގާތު އަހައިލިއެވެ. ޖެނީ ބޯ ޖަހައިލިއެވެ.

ކޮފީއެއް ހިފައިގެން ގޮސް އޭނާ އާއްމުކޮށް އިންނަ މޭޒު ދޮށުގައި ޒަރޫން އިށީނެވެ. އޭނާއަށް ވިސްނެމުން ދިޔައެވެ. ނަހާ ރޯން ޖެހުނު ސަބަބާ ދޭތެރޭގައެވެ. އެ ވަގުތު އެ މޫނުމަތިން ފެނުނު ހިތް ހަލާކުވާ ފަދަ އަސަރުތަކާ ދޭތެރޭގައެވެ. އެވީކަމެއް އޮޅުން ފިލުވާ ހިތްވަރުދޭން ކައިރީގައި ހުންނަން ބޭނުމެވެ. ގާތް އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އެހެންނަމަވެސް، ދެރައީ ނަހާ އޭނާއަށް އެ ފުރުޞަތު ނުދޭނެތީއެވެ. ނަހާއާ އެކީ މަސައްކަތް ކުރެވުނު ދުވަސްތަކުގައި ކޮންމެވެސް ވަރަކަށް އޭނާއަށް ނަހާގެ މިޒާޖު ވަނީ ދަސްވެފައެވެ. ނަހާ އަކީ މަޑުމައިތިރި އަންހެން ކުއްޖެކެވެ. އަމިއްލަ ޒާތީ ދިރިއުޅުމުގެ އެއްވެސް ވާހަކައެއް އޭނާ އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ. ހުރިހާ އިޙްސާސްތަކެއް ވެސް ބަހައްޓަނީ ހިތުތެރޭގައި އޮށްބައިލާފައެވެ. ޒަރޫން ނަހާގެ ދިރިއުޅުމާ މެދު ޝައުޤުވެރިވެއްޖެއެވެ. އެކަނިމާއެކަނި ނަހާ އުޅޭ އިރު ނަހާގެ ޢާއިލާ ކޮބައިހެއްޔެވެ؟ އެއިން އެއްވެސް މީހަކާ ނަހާއާ ގުޅުމެއް ނޯންނަނީ ހެއްޔެވެ؟ ކުރިމަތީގައި ބަހައްޓައިފައިހުރި ކޮފީ ޖޯޑުން އެތި ފޮތެއް ބޯލުމަށް ފަހު، ބިއްލޫރިގަނޑުން ބޭރަށް ޒަރޫން ބަލައިލިއެވެ.

*****

ގެއަށް ދިޔުމަށް ފަހު ކުޑަކޮށް އަރާމުކޮށްލާފައި ނަހާ ވަނީ ބަދިގެއަށެވެ. މެންދުރަށް ކައްކަން އޭނާ އަވަސްވެގަތެވެ. ފްރިޖުން ނެގި ކޮށާފައި ހުރި ކަށިނެތް ކުކުޅުކޮޅު ފިނިކަނޑުވަން ބަހައްޓާފައި ތަރުކާރީތައް، ކޮށާލާފައި، އުދުން މައްޗަށް ތެލި އުދައިލިއެވެ. ހުރިހާ ތަރުކާރީތަކާއި، ފްރިޖުން ނެގި ކުކުޅުތައް އަޅައިގެން ނަހާ ތައްޔާރުކުރީ ސޫޕެކެވެ. އެ ސޫޕް ތައްޓަތަށް އަޅާ މަތި ޖަހާފައި، ދެން އޭނާ ދިޔައީ، ފެންވަރައިލުމަށެވެ. ފެންވަރައިގެން ނުކުމެ ތައްޔާރުވެލިއެވެ.

ކޮޓަރިން ނުކުމެގެން އައިސް އެ ތަށި ކޮތަޅަކަށް ލަމުން އެ ހިފައިގެން ގޮސް ގެއިން ނަހާ ނުކުތެވެ. ތިރިއަށް ގޮސް، ސައިކަލަށް އަރައިގެން އޭނާ ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހިއެވެ.

ސައިކަލު ޕާކުކޮށްލާފައި ގޮސް ނަހާ ލިފްޓު ލޮބީއަށް ވަނެވެ. ރޭގައި މާރިޔާ ދިން ކާޑު އޮތުމުން މައްޗަށް އަރާކަށް އުނދަގުލެއް ނުވިއެވެ. 22 ވަނަ ފަންގިފިލާއަށް އެރުމަށް ފަހު، ގޮސް ކަމްރާން އޮތް ކޮޓަރިއަށް ނަހާ ވަނެވެ. އޭނާ ގޮސް އޯވަރބެޑް ޓޭބަލް މަތީގައި ކޮތަޅު ބަހައްޓަމުން އޭގެ ތެރެއިން ތަށި ނެގިއެވެ. އަދި ސަމްސާ ތަށީގެ ތެރެއަށް ލަމުން، އެނދާ އޯވަބެޑްޓޭބަލް ކައިރިކޮށްލިއެވެ.

"ކައިފިންތަ މެންދުރު؟" އޭނާ އަހައިލިއެވެ. އެއާއެކު ވަގުތުން ކަމްރާން ދެފަރާތަށް ބޯ ހޫރައިލަމުން ނޫނެކޭ ބުނެލިއެވެ. މާރިޔާ ކާއެއްޗެހި ހިފައިގެން އަންނަކަމަށް ބުނި ނަމަވެސް، އެ ވާހަކަ އެ ވަގުތު ކަމްރާންއެއް ނުބުންޏެވެ.

"ސޫޕް." ނަހާ ބުނެލިއެވެ. ކަމްރާންގެ އެނދު އޭނާ ކުޑަކޮށް އުފުއްލައިލަދިނެވެ. ފަސޭހަވާނެ ފަދަ ގޮތަކަށެވެ. ކަމްރާންއަށް ސޫޕްތައްޓަށް ބަލައިލެވުނެވެ. އެއާއެކު މާޒީގެ ހަނދާނެއް އައިސް އޭނާ ވަށާލައިފިއެވެ. އެއީ އޭނާގެ އަންހެނުން ނާޒްލީ އޭނާ ބަލިވާ ކޮންމެ ފަހަރަކު ތައްޔާރުކޮށްދޭ ސޫޕްއެކެވެ. ޖަޒުބާތީ ވެވުނީ އެހެންވެގެންނެވެ. ސަމްސަލުން އެތި ފޮދެއް ނަގާ ބޯލުމަށް ފަހު، ކަމްރާންއަށް އިރުކޮޅަކު މަޑުކޮށްލެވުނެވެ. ހަމަ އެ ރަހައެވެ. އެއްވެސް ތަފާތެއް ނެތެވެ. އޭނާއަށް ނަހާއާ ދިމާލަށް ބަލައިލެވުނެވެ.

"މަންމަގެ ރެސިޕީ..." ނަހާ ބުނެލިއެވެ.

"އެނގޭ... ރަހައަކަށް އެއްވެސް ބަދަލެއް ނާދެ. ހަމަ އެ ރަހަ." ކަމްރާންއަށް ބުނެވުނެވެ.

ކަމްރާން ސޫޕްތަށި އެއްކޮށް ހުސްކޮށްލިއެވެ. ނަހާ ވެސް ތަށީގައި މަތި ޖަހަމުން އޯވަރބެޑް އެނދާ ދުރުކޮށްލަމުން، އެނދުވެސް ތިރިކޮށްލަ ދިނެވެ.

"ބައްޕައަށް ދަރިފުޅާ ދޭތެރޭ ވެސް އަދި މަންމައާ ދޭތެރޭ ވެސް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. ބައްޕައަށް... ބައްޕައަށް މާފުކުރޭ! ވަރަށް ވަރަށް ދެރަވޭ މިހާރު އެގޮތަށް ކަންތައް ކުރެވުނީމަ. އަލުން އަނބުރާ އެ މާޒީއަށް ދެވޭނެނަމަ ހުރިހާކަމެއް ވެސް ބަދަލުކުރާނަން. ހުރިހާކަމެއް ވެސް... އެއްވެސް ކަމަކާ ޝަކުވާކުރުމުގެ ފުރުޞަތެއް ނުދޭނަން. އެކަމަކު ދެނެއް އެ ދުވަހެއް ނުލިބޭނެ. ކިތަންމެ ބޭނުންވި ނަމަވެސް... ބަލިވީމަ ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ ލޯބިވާ މީހާ އެމީހެއްގެ ކައިރީގައި ހުރުން. މިއަދު އެ ހުރިހާކަމެއް ވެސް އިޙްސާސްކުރެވޭ. ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެ. ޤަބޫލުކުރެވިއްޖެ އުފަލަކީ މުދަލާއި ފައިސާ ނޫންކަން. އެ ނޫނަސް ދިރިއުޅުމެއްގައި ބޭނުންވާ ބައިވަރު ބައިވަރު ކަންތައްތައް ހުންނާނެކަން." ކަމްރާންއަށް ބުނެވުނެވެ. ނަހާ އެއްޗެއް ނުބުންޏެވެ. ކަމްރާންގެ އަޑުން މޮޅިވެރިކަމާއި ހިތާމައިގެ އަސަރު ނޫނީ ފާޅެއް ނުވެއެވެ.

"ބައްޕައަށް މާފުކޮށްފަ ދެން ބައްޕަ ކައިރިއަށް ގެއަށް އާދެބަލަ!،" އާދޭހުގެ ރާގެއްގައި އަނެއްކާ ވެސް ކަމްރާން ވާހަކަ ދެއްކިއެވެ. "ބައްޕަ ވަރަށް ދެރަވޭ މިހާރު."

ނަހާ ދެން ވެސް އެއްޗެއް ނުބުންޏެވެ. އޭނާ ދުރު ބަލަހައްޓައިގެން އެ އިންގޮތަށް އިނީއެވެ. ކަމްރާންއަށް އޭނާއަށް މި ކުރެވެނީ ބޭކާރުކަމެއްހެން ހީވީ ކަންނޭނގެއެވެ. އޭނާ ވެސް ދެލޯ މަރައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

ނަހާ ދިޔައީ އަޞުރު ނަމާދަށް ބަންގި ގޮވި ފަހުންނެވެ.

*****

ތިން ދުވަސް ފަހުން ކަމްރާން ވެސް ގެއަށް ދޫކޮށްލައިފިއެވެ. ޑްރައިވަރާ އެކީ ކަމްރާން ދިޔަ މަންޒަރު ބަލަން ހުރެފައި ނަހާ ގޮސް އެރީ ސައިކަލަށެވެ. އެއީ ރޭގަނޑެކެވެ. ނަހާ ވެސް ދިޔައީ ގެއަށެވެ. ބޭނުންވީ ނިދާލާށެވެ. މި ފާއިތުވީ ތިން ދުވަހު އޭނާއަށް ކެފޭގައި ވެސް މަޑެއް ނުކުރެވެއެވެ. އެހެންނަމަވެސް، ކޮންމެ ދުވަހަކު ވެސް އެއްވަގުތެއްގައި ކަންތައްތައް ބަލައިލަން އޭނާ ވަދެލައެވެ.

އޭގެ އަނެއް ދުވަހެވެ. ޒަރޫން މިއަދު ވެސް ކެފޭއަށް ދިޔައެވެ. ތިން ދުވަސް ވީއިރު ވެސް ނަހާ، ނުފެނުމުން އެކަމާ އޭނާ ވަނީ މާޔޫސްވެފައެވެ. ވެގެން އުޅެނީ ކީއްކަން އެނގެން ކެތްމަދުވެފައިވީ ޒަރޫން ނަހާއަށް މެސެޖެއް ވެސް ކުރިއެވެ. އެހެންނަމަވެސް، އެ މެސެޖަކަށް ވެސް ޖަވާބެއް ނާދެއެވެ.

ކެފޭއިން ނަހާ ފެނުމުން ޒަރޫންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާ ގޮސް ކައުންޓަރު ދޮށުގައި ހުއްޓެމުން ނަހާއަށް ގޮވައިލިއެވެ.

"ހައި މަންޖޭ!" ޒަރޫން ގޮވައިލިއެވެ.

ނަހާ އުޅެމުން ދިޔައީ ފުދޭވަރަކަށް ބުރަކޮށް ކަމަށް ވިޔަސް، ޒަރޫން ފެނުމުން އޭނާ އައިސް ކައުންޓަރު ކައރީގައި މަޑުކޮށްލިއެވެ. އޭނާ ޒަރޫން ބުނި އެއްޗަކަށް ރައްދެއް ނުދިނެވެ. ކޮތަޅުތަކަށް ބަލައިލަމުން ތަށިތައް ނަގަން ނަހާ އަވަސްވެގަތެވެ. ނަހާ އޭނާގެ މޮޅިވެރިކަން ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތްކުރި ނަމަވެސް، ޒަރޫންއަށް އެކަން ފާހަގަވިއެވެ.

"ޔޫ...." ޒަރޫން ބުނެލިއެވެ. ނަހާ އިސް އުފުލައިލާ ޒަރޫންއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ.

"އަރ ޔޫ އޯކޭ؟" ކެތްނުކުރެވުނު ޒަރޫންއަށް އެންމެފަހުން އަހައިލެވުނެވެ. އޭނާގެ އެ ސުވާލުން ނަހާ ކުޑަކޮށް ސިހިގެން ދިޔަކަން ޒަރޫންއަށް އެނގުނެވެ.

"ޔާ. އައެމް ފައިން." ނަހާ ބުނެލިއެވެ.

"ޔޫ ޝުއަރ؟" ޒަރޫން ބުނެލިއެވެ. ނަހާ ބޯ ޖަހައިލިއެވެ.

"އައި ޑޯންޓް ތިންކް ސޯ. އިޒް ސަމްތިންގ ބޯދަރިނގް ޔޫ؟ އަނެއްކާ ފޮޓޯކޮޅެއް ނަގަން ބޭނުންވީތަ؟" ޒަރޫންއަށް ނަހާގެ ކަންބޮޑުވުން ގުޅިފައިވަނީ މުޅިން އެހެން ކަމަކާ ކަން އެނގެއެވެ. އެހެންނަމަވެސް، ސީދާ ސީދަލަށް ސުވާލުކުރަން ނުކެރޭތީ ކުޑަކޮށް ސަމާސާ ގޮތަކަށް އަހައިލީއެވެ.

"ނޫން..." ނަހާ ކުރު ޖަވާބެއް ދިނެވެ.

"ސައިކަލު އޯކޭތަ މިހާރު." ޒަރޫން ބޭނުންވީ ނަހާ ލައްވާ ވާހަކަ ދައްކުވާށެވެ.

"އާނ. ރަނގަޅު." އެއްޗެހިތައް ގުނާ ނިންމާފައި އަތުރަން ޖެނީއާ ހަވާލުކޮށްފައި ނަހާ ވާހަކަ ދެއްކިއެވެ. ލާރި ނަގާފައި އޭނާ ޒަރޫންއަށް ދިއްކޮށްލިއެވެ.

"އިފް ޔޫ ވޯންޓު ޓޯކް އައެމް އޯލް އިއަޒް!. އިނގޭ ނަހާއަށް ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން. ވީ ކީއްކަން ނޭނގުނަސް ހޯޕް ހުރިހާކަމެއް ވެސް ރަނގަޅު ކަމަށް." ފައިސާގައި ހިފަމުން ޒަރޫން ފުންކޮށް ނަހާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ގޮސް ކެފޭއަށް ނުކުތެވެ. ނަހާ ހީކުރީ ޒަރޫން މަޑުކުރާނެކަމަށެވެ. އާއްމުކޮށް ކޮފީއެއް ބޯން އޭނާ ކޮންމެ ދުވަހަކު ވެސް މަޑުކުރާތީއެވެ. އެހެންނަމަވެސް، މިއަދު ޒަރޫން މަޑު ވެސް ކޮށްނުލާ ދިޔުމުން ހިތުގައިވި މާޔޫސްކަމުގެ މައްޗަށް އިތުރު މާޔޫސްކަމެއް ވެރިވެގެން ގޮސް މީހާއެކީ މޮޅިވެރިވެގެން ދިޔައެވެ. އޭނާއަށް ޒަރޫން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު