ދިރާގު ރޯޑް ރޭސް 2026: ރެކޯޑު އަދަދަކަށް ދުވުންތެރިން ބައިވެރިވެ، ވޯލްޑް އެތުލެޓިކްސް ރޭންކިންއަށް މަގުފަހިވެއްޖެ

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ހަރަކާތް ކަމަށްވާ 'ދިރާގު މޯލްޑިވްސް ރޯޑް ރޭސް' (ޑީއެމްއާރްއާރް) 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހަމަވިއިރު، ރެކޯޑު އަދަދެއް ކަމަށްވާ 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީކޮށްފިއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވާލީ 4،000 ޖާގައެވެ. ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ފޯރިގަދަ ބޮޑު ތަރުހީބާ ގުޅިގެން ޖާގަ އިތުރުކުރަން ޖެހުނުއިރު، މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ ދުވުމެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ދުވުން ރާއްޖޭގެ ދުވުމުގެ ތާރީޚުގައި ވަރަށް ޚާއްސަ ވެގެންދަނީ، ޑީއެމްއާރްއާރް 2026 އަކީ މިހާރު ރަސްމީކޮށް 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މުބާރާތަކަށް ވާތީއެވެ. މި ބަދަލާއެކު، މި ދުވުމުގައި ވާދަކުރާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ ރޭންކިންގްގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ ކާމިޔާބީތަކަކަށް ވެގެންދާނެއެވެ.

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 20 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި ހާފް މެރަތަން، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފުކުރި ޓީމް ކެޓަގަރީތައް ވެސް ހިމެނެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި އަލަށް ދުވަން ފަށާ ފަރާތްތަކަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް ބައިވެރިވެވޭނެ އެކުވެރި މާހައުލެއް ގާއިމްކޮށްދިނުމެވެ.

މީގެއިތުރުން، އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ދުވުމަކީ ވެސް ދިރާގުގެ އިޖުތިމާއީ ޒިންމާ (ސީ.އެސް.އާރް) ގެ ދަށުން ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް (އެންޖީއޯތަކަށް) އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު މި އިވެންޓުގެ ތެރެއިން ފަހިވެގެންދާނެއެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަފާތު އުމުރުފުރާތަކުގެ މީހުންނާއި، ދުނިޔޭގެ އެކި ގައުމުތަކުގެ ދުވުންތެރިން ވެސް ވާދަކުރާނެއެވެ.

comment ކޮމެންޓް