ޒުވާން ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޢާލިމް ޢަބްދުއްލަތީފްގެ ފުރަތަމަ ފޮތް، "އޭ ހިތާއެވެ. ކެތްތެރިވާށެވެ"، މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކޮށް ނެރެފިއެވެ.
މި ހަފްލާގައި އާލިމްގެ ލިޔުންތައް އެއްތަނަކުން ފެންނާނެ ބްލޮގެއް ވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
މި ފޮތް ނެރެދެއްވީ އާލިމްގެ މަންމައާއި ބައްޕައެވެ. ޖުމްލަ 448 ސަފްހާގެ މައްޗަށް އެކުލެވޭ މި ފޮތަކީ ހަ ބާބު ހިމެނޭ ފޮތެކެވެ. ފޮތް ރަސްމީކޮށް ނެރުމުގެ ކުރިން ވެސް، 700 އަށް ވުރެ ގިނަ ފޮތް ވަނީ ޕްރީ-އޯޑަރު ކުރެވިފައިވާކަމަށް ޢާލިމް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެއީ ފޮތަށް އޮތް ޝައުގު ހާމަވީ ކަމެއް ކަމަށާއި، ލިބުނު ހިތްވަރެއްކަން ފާހަގަކުރެއްވިއެވެ.
"އޭ ހިތާއެވެ. ކެތްތެރިވާށެވެ." އަކީ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށް ޓަކައި ކިޔުންތެރިންނަށް ހިތްވަރެއް ލިއްބައިދިނުމުގެ މަގްސަދުގައި އާލިމް ލިޔުނު ފޮތެކެވެ. މި ފޮތުގައި އެކި މީހުންގެ ދިރިއުޅުމުގައި ތަހައްމަލުކުރާ ހިތްދަތިކަމާއި، ދަތިތަކުގެ ވާހަކަތަކުގެ އިތުރުން، ނަބީބޭކަލުންގެ ހަޔާތްޕުޅުގެ ވާހަކަތައް ވެސް ހިމެނެއެވެ. ދީނީ ނަޒަރަކުން ބަލާއިރު، މި ފޮތުގައި މުހިންމު ނަސޭހަތްތަކާއި، ޒުވާނުންނާ ގުޅޭ ގިނަ ވާހަކަތަކެއް ވަނީ ހިމަނައިފައެވެ.
ފޮތް ނެރުމުގެ ހަފްލާގައި، އާލިމް ވަނީ އޭނާ ނޫސްވެރިކަމުގެ ދާއިރާއަށް ނެރެދެއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށާއި، އާއިލާއާއި، އެކުވެރިންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އާލިމްގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅަށް ތައުރީފުކުރައްވައި، ޒުވާނުންނަށް މުސްތަޤްބަލަށްޓަކައި ހިތްވަރުދެއްވާ މުހިންމު ނަސޭހަތްތަކެއް ދެއްވާފައެވެ.
އަންނަ އަހަރުގެ ތެރޭ އިތުރު ފޮތެއް ނެރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ވެސް އާލިމް ވަނީ މި ހަފްލާގައި ހާމަކުރައްވާފައެވެ.