އިސްރާއީލްގެ ބެން ގުރިއޯން އެއާޕޯޓަށް ހަމަލާދޭން ރޭވިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ދުބާއީގެ އެއާލައިން ފްލައިދުބާއީގައި މަސައްކަތްކުރާ ދެ ދިވެހި ޕައިލެޓަކު މި މަހު 3 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އެ ދެ ޕައިލެޓުން ބަންދުކުރިކަން އެމީހުންގެ އާއިލާތަކަށް އެނގުނީ އެތައް ދުވަހަކު އެމީހުންގެ ޚަބަރެއް ނުވެގެން އުޅެނިކޮށް އެމްބަސީން އެންގީމާ ކަމަށް އިޒްރޭލްގެ މީޑިއާ ރިޕޯޓަކުން ބުނެފިއެވެ.
މި މައުލޫމާތުތައް މިޑިލް އީސްޓް މޮނިޓަރުން ވަނީ އިސްރާއީލް ނޫހެއް ކަމަށްވާ "ކީޕާ" ގައި ޝާއިއުކޮށްފައިވާ ރިޕޯޓްތަކާ ހަވާލާދީ ރިޕޯޓުކޮށްފައެވެ.
"ކީޕާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދިވެހި ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން އެމީހުން ތިބި ތަނެއްގެ އެއްވެސް މައުލޫމާތެއް އާއިލާތަކަށް ލިބިފައިނުވެއެވެ.
މިކަމާ ގުޅިގެން އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ފަހުން އެމްބަސީން އާއިލާތަކަށް އަންގާފައިވަނީ، މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެގައުމުގެ ފުލުހުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ކަމަށް ބުނާ ދެ ދިވެހި ޕައިލެޓުން ހައްޔަރުކުރެވުނީ، އިސްރާއީލްގެ ބެން ގުރިއޯން އެއާޕޯޓަށް ހަމަލާދޭން ރޭވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގާ ގުޅިގެންނެވެ.
އިޒްރޭލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާ ރޭވީ އޮމާނީ ކޯ-ޕައިލެޓެއް ކަމަށްވާ ހުމާމް އަލް-ހަމަޔްމީ އެވެ. ރިޕޯޓްތަކުގައިވާ ގޮތުގައި، މި ދެ ދިވެހި ޕައިލެޓުންނަށް އަލް-ހަމަޔްމީ އެނގެއެވެ. އަދި ޝާއިއުކުރެވިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މި ތިން މީހުންވެސް ދިރިއުޅެމުން ދިޔައީ އެއް ބިލްޑިންގުގައެވެ.
މީގެ އިތުރުން ރިޕޯޓްތަކުގައި ބުނެފައިވަނީ، މި ދިވެހި ޕައިލެޓުން ފްލައިދުބާއީގައި މަސައްކަތްކުރާ އިރު، އިސްރާއީލަށް ވެސް ދަތުރުތައް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ޔޫއޭއީގެ އެއްވެސް އޮފިޝަލް އިދާރާއަކުން މި ދެ ދިވެހި ޕައިލެޓުންނާ ދެކޮޅަށް ތުހުމަތެއްކުރާކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިއިން އެއްވެސް ކަމަކާ ގުޅޭ ތަފްސީލެއް އަދި ދިވެހި ސަރުކާރުން ހާމައެއް ނުކުރެއެވެ. އެގޮތުން ފޮރިން މިނިސްޓްރީއާ ސުވާލުކުރުމުން ވެސް އަދި ޖަވާބެއް ނުލިބެއެވެ.
،އަލް-ހަމަޔްމީ އޭނާ ހަމަލާ ރޭވީ އެކަނިކަމަށް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް ޔޫއޭއީގެ ޕަބްލިކް ޕްރޮސެކިއުޝަނުން އިއުލާނުކޮށްފައިވެއެވެ. ނަމަވެސް، އޭނާގެ ގުޅުންތައް ބެލުމާއި، އޭނާގެ ރޭވުމާ މެދު އެހެން އެއްވެސް މީހަކަށް އެނގިފައިވޭތޯ ނުވަތަ އެކަމަށް އެހީތެރިވެފައިވޭތޯ ބެލުމުގެ ތަހުގީގުތައް އަދިވެސް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.